ކ. މާލެ
|
29 އޯގަސްޓް 2017 | އަންގާރަ 13:00
ޖަޔަސޫރިޔާއަކީ ބްރެޒިލްގެ އިތުރުން ކޮލަމްބިއާ، ޕެރޫ، ޗިލީ، އާޖެންޓީނާ ސުރިނާމްއަށް ކަނޑައަޅުއްވާފައިވާ އެމެބްސެޑަރ
ޖަޔަސޫރިޔާއަކީ ބްރެޒިލްގެ އިތުރުން ކޮލަމްބިއާ، ޕެރޫ، ޗިލީ، އާޖެންޓީނާ ސުރިނާމްއަށް ކަނޑައަޅުއްވާފައިވާ އެމެބްސެޑަރ
ރޮއިޓަރސް
ލަންކާގެ ދާޚިލީ ހަނގުރާމަ
ލަންކާއިން ބްރެޒިލްއަށް ކަނޑައަޅުއްވާފައިވާ ސަފީރާ ދެކޮޅަށް ދައުވާ ހުށަހަޅައިފި
 
މިކަމާ ބެހޭގޮތުން ސްރީ ލަންކާއިން އަދި އެއްޗެއް ބުނެފައެއް ނުވޭ
 
ޖަޔަސޫރިޔާ މިހާރު ހުންނެވީ ކޮންތަނެއްގައި ކަމެއް ސާފެއް ނުވޭ
 
ލަންކާގެ 26 އަހަރުގެ ދާޚިލީ ހަނގުރާމައިގައި އެންމެ ލޭ އޮހޮރުވުން ބޮޑުވީ 2007 އާ 2009 އާ ދެމެދު

ދެކުނު އެމެރިކާގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތަކުން ކުރީގެ ޖެނެރަލެއް އަދި މިހާރު ސްރީ ލަންކާއިން ބްރެޒިލްއަށް ކަނޑައަޅުއްވާފައިވާ އެމްބަސެޑަރ ޖަގަތް ޖަޔަސޫރިޔާގެ މައްޗަށް ދައުވާ ކުރުމަށް ހުށަހަޅައިފިއެވެ.

ޖަގަތު ޖަޔަސޫރިޔާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ 2009 ވަނަ އަހަރު ނިމުނު ލަންކާގެ ދާޚިލީ ހަނގުރާމައިގެ ފަހު މަރުހަލާގައި އަސްކަރިއްޔާގައި އޭނާ ބެލެހެއްޓެވި ޔުނިޓުން ހޮސްޕިޓަލްތަކަށް ހަމަލާދީ މީހުން މަރައި، ވަގަށްނަގައި އަދި އެތައް ހާސް ބަޔަކަށް އަނިޔާކޮށްފައި ވާކަމަށް ތުހުމަތުކޮށްފައެވެ.

ބްރެޒިލްގެ އިތުރުން ކޮލަމްބިއާ،ޕެރޫ،ޗިލީ،އާޖެންޓީނާ ސުރިނާމްއަށް ކަނޑައަޅުއްވާފައިވާ އެމެބްސެޑަރގެ މަގާމުގައި ޖަޔަސޫރިޔާ ހުންނެވިއިރު އޭނާއަށް ޑިޕްލޮމެޓިކް އިމްތިޔާޒްތައް ލިބިވަޑައިގަންނަވާނެއެވެ.

ނަމަވެސް އޭނާއާ ދެކޮޅަށް ދައުވާ ހުށަހެޅި ގްރޫޕުން އުއްމީދު ކުރަނީ ސަރަހައްދީ ސަރުކާރުތަކުން ތަހުގީގެއް ފަށައި ޑިޕްލޮމެޓިކް އިމްތިޔާޒްތައް އަތުލައި އޭނާ ފޮނުވާލާނެ ކަމަށެވެ.

ގްރޫޕްގެ ފަރާތުން މައްސަލަ ހުށަހެޅުއްވި ވަކީލު ކާލޮސް ކަސްޓްރިސަނާ ފެރްނާންޑެޒް ހޯމަ ދުވަހު އޭއެފްޕީގައި ވިދާޅުވީ މައްސަލަ ހުށަހެޅީ ބްރެޒިލްއާ ކޮލަމްބިއާއަށް ކަމަށެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައި އާޖެންޓީނާ، ޗިލީ،އަދި ޕެރޫއަށް ޕެޓިޝަން ހުށަހަޅާނެކަމަށް އޭނާ ބުނެފައިވާއިރު ސުރިނާމްއިންވަނީ ޕެޓިޝަން ގަބޫލުކުރުމަށް ދެކޮޅުހަދާފައެވެ.

"މި ގަތުލްއާއްމުވަނީ ހަނދާން ނައްތާލާފަ،ނަމަވެސް މިކަމުގެ ސަބަބުން ޑިމޮކްރެޓިކް ގައުމުތަކުން ކޮންމެވެސް ކަމެއް ކުރުމަށް ބާރު އެޅޭނެ"ފެރްނާންޑޭޒް ވިދާޅުވިއެވެ." މިއީ ހަމަ މި ހަނގުރާމައިގެ ފެށުމެއް"

ޖަޔަސޫރިޔާ މިހާރު ހުންނެވީ ކޮންތަނެއްގައި ކަމެއް ސާފެއް ނުވެއެވެ.

މިކަމާ ބެހޭގޮތުން ސްރީ ލަންކާއިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޖަޔަސޫރިޔާގެ މައްޗަށް ދައުވާކުރުމަށް ހުށަހަޅާފައިވަނީ ދެކުނުއެފްރިކާގައި ގާއިމްވެފައިވާ އިންޓަނޭޝަނަލް ޓްރޫތް އެންޑް ޖަސްޓިސް ޕްރޮޖެކްޓްގެ ފަރާތުންނެވެ.

ލަންކާގެ 26 އަހަރުގެ ދާޚިލީ ހަނގުރާމައިގައި އެންމެ ލޭ އޮހޮރުވުން ބޮޑުވީ 2007 އާ 2009 އާ ދެމެދުގައެވެ. މި ހަނގުރާމައިގައި 100،000 މީހުން މަރާލާފައިވާކަމަށް އެ ޖަމާއަތުން ލަފާކުރެއެވެ.

ލިބަރޭޝަން އޮފް ޓައިގަރސް އޮފް ޓަމިލް އީލާމްގެނަމުގައި ވަކިވެގަތުމަށް މަސައްކަތްކުރި ލަންކާގެ ތަމަޅައިންނާ އެ ގައުމުގެ ސަރުކާރުގެ ސިފައިންނާ ދެމެދު ކޮށްފައިވާ ހަނގުރާމައިގެ ފަހު މަރުހަލާގައި އެކަނިވެސް 40،000 އާއި 70،000 އާ ދެމެދުގެ މީހުން މަރުވެފައިވާކަމަށް އދ ން ލަފާކުރެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް