ކ. މާލެ
|
26 އޯގަސްޓް 2017 | ހޮނިހިރު 19:21
ފުވައްމުލަކު ގިރާފައިވާ ސަރަހައްދު
ފުވައްމުލަކު ގިރާފައިވާ ސަރަހައްދު
ރާއްޖެއެމްވީ
ފުވައްމުލައް ގިރުން
ރަށްގިރުމުގެ މައްސަލަ: ރަށުގެ 50 މީޓަރު މޫދު އަޑީގައި، ބޭނުންވަނީ އަވަސް ހައްލު!
 
ރަށުގެ ވަށައިގެން އެކި ދުވަސްވަރު ދަނީ ގިރަމުން
 
ރަށްގިރުމުގެ މައްސަލައަށް އަދިވެސް ހައްލެއް ނުލިބޭ
 
ފުވައްމުލަކު ސާފު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ރާއްޖޭގެ ރައްތަަކަކީ ނާޒުކު ތިމާވެއްޓެއް އެކުލެވިގެންވާ ރަށްތަކެކެވެ. ގިނަ ރަށްތަަކަށް ރަށް ގިރުމުގެ މައްސަލަ  ދިމާވެ، އޭގެ ގެއްލުންތައް ކުރިމަތިވެ އެވެ. ރަށްގިރުމުގެ މައްސަަލައަކީ އާ ވާހަކައެެއް ނޫނެވެ. ނުވަތަ އާ މައްސަލައެއް ނޫނެވެ. އެގޮތުން ފުވައްމުލަކު ސިޓީ ގުދުރަތީގޮތުން އުފެދުމުގައިވެސް ރާއްޖޭގެ އެހެން ރަށްތަކަށްވުރެ ވެސް ނާޒުކު ތިމާވެއްޓެއް އޮތް ނުވަތަ ތިމާވެށީގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ރަށެކެވެ. ތިމާވެށީގެ ތަފާތު އެތައް މައްސަލައެއް އެރަށަށް ކުރިމަތިވަމުން އަންނަ އިރު ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވާ މައްސަލައަކީ ރަށުގެ ހުރިހާ ފަރާތުން އާދަޔާ ހިލާފަށް ގިރާ މައްސަލައެވެ.

ފުވައްމަލަކު ސިޓީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ރަށެވެ. ރަށްގިރުމުގެ މައްސަލަ ގޮސްފައިވާ ހިސާބަށް ބަލާ އިރު މި ފާއިތުވެދިޔަ ވިހި ތިރީސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް  50 ނުވަތަ 60 މީޓަރު ބިމުގެ ސަރަހައްދަކީ މިހާރު މޫދެވެ.

އާންމު ގޮތެއްގައި ރަށްގިރުމުގެ މިފަދަ މައްސަލަތަކަކީ، ފަރުތަކުން ވެލި ނެގުމާއި ފަރުތަކުން ގާ ނެގުން ފަދަ އިންސާނުން ހިންގާ ނޭދެވޭ އަމަލުތަކުގެ  ސަބަބުން ހިނގާ ކަންކަމެވެ. މީގެ އިތުރުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޖައްވު ހޫނުވެ، ފެނުގެ ލޮނު ގަނޑު އުފުލުމުގެ މައްސަލަ ދިމާވުމުން ވެސް ރަށް ގިރުމަށް ފުރުސަތު ބޮޑުވެ އެވެ. މިއީ އިންސާނުންގެ ނޭދެވޭ އަމަލުތަކާއި، ޖައްވަށް ބޭރު ކުރާ ވިހަ ގޭސްތަކުގެ ސަބަބުން އިންސާނުންނަށް ދިމާވާ މައްސަލަތަކެވެ.

އިންސާނުންގެ އަމަލުތަކުގެ ސަަބަބުން، ގުދުރަތީ މުޅި ނިޒާމަށް ބުރޫއަރާ، ތިމާވެށީގެ ތަފާތު މައްސަލަތައް ދިމާވުމަށް މަގިފަހިވާ އިރު މިކަންކަން ހައްލު ކުރުމަށް ފިޔަވަޅުތަކެއް އަޅަން ވެސް ޖެހެ އެވެ. އެގޮތުން ފުވައްމުލަކުގެ ރަށްގިރުމުގެ މައްސަލައަށް އޮތް ހައްލަކީ، ރަށުގެ ވަށައިގެން ރިވެޓްމެންޓް ޖެހުމެވެ.

 ފުވައްމުލަކު ސިޓީ އަށް ދިމާވާ ތިމާވެށީގެ މައްސަލަތަކަށް ހައްލުތަކެއް ގެނައުމަށްޓަކާއި އެރަށުގެ ޒުވާނުންތަކެއް އިސްނަގައިެގން މިހާރު ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން "ސޭވް ފުވައްމުލަކު، ވަން ފުވައްމުލަކު" ގެ ނަމުގައި މޫވްމެންޓެއް އުފައްދައި ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.

މި މޫވްމެންޓުން އިސްނަގައިގެން މިހާރުވެސް ރަށުގައި ސާފުކުރުމުގެ ހަރަކާތެއް ކުރިއަށްގެންދާ އިރު، ރަށުގެ ރައްޔިތުން ތިމާވެށީގެ އެހެން މައްސަލަތަކަށް ވެސް ހޭލުންތެރިކުރުމަށް ގިނަ ކަންކަން އަންނަނީ ރާވަމުންނެވެ. ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ސޭވް ފުވައްމުލަކުގެ ތަރުޖަމާނު އިބްރާހިމް ސައީދު މުހައްމަދު ބުނީ، ރަށް ސާފުކުރުމުގެ ހަރަކާތުގެ ދަށުން 12.5 ކިލޯ މީޓަރު ސާފުކުރުމަށް ހަމަޖެހިފައިވާ އިރު މިހާތަނަށް 7.5 ކިލޯ މީޓަރު ސާފު ކޮށް ނިންމާފައިވާ ކަަމަށެވެ. މިފާއިތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 305 ކޮތަޅުގެ ކުނި އެއް ކުރެވިފައިވާ ކަަން އޭނާ ފާހަގަކުރި އެވެ.

ރަށުގެ ވަށައިގެން ސާފު ކުރާއިރު އެއްކުރާ ކުނި ރައްޔިތުންނަށް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

" ފުވައްމުލަކަށް ތަފާތު ތިމާވެށީގެ މައްސަލަތައް ކުރިމަތިވޭ. ފުވައްމުލަކުގެ ވަށައިގެން އަންނަނީ ގިރަމުން. މިފަދަ މަސައްކަތެއް ރަށުގެ ރައްޔިތުން ފެށީ، ތިމާވެށީގެ މިފަދަ މައްސަލަތަކަކީ އަޅާނުލާ މައްސަލަތައް ކަމުގައިވާ ނަމަ ދުރު މުސްތަގުބަލުގައި ރަށުގެ ބިމުގެ ބޮޑުބައެއް ގިރައިގެންދާނެތީ." ސައީދު ވިދާޅުވި އެވެ.

ފުވައްމުލަކު ސިޓީގެ ސޭވް މޫވްމެންޓުގައި ގާތްގަނޑަކަށް 14 މީހުން ހަރަކާތްތެރިވެ އެވެ.

ރަށުގެ މަދު ބަޔަކު، ގުޅިގެން ފެށި މި މަސައްކަތުގެ ސަބަބުންވެސް ރަށަށް ކުރިމަތިވާ ތިމާވެށީގެ މައްސަލަތައް މަދު ކުރުމަކީ އެ މޫވްމެންޓްގެ އެންމެ ބޮޑު މަގްސަދެވެ.

ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ހައްލެއް ގެނައުމަށްޓަކައި އެރަށުގެެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް ކުވައިތު ފަންޑުން 183 މިލިއަން ރުފިޔާގެ ލޯން އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމާއެކު ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ފުވައްމުލަކު ސިޓީގެ ގޮނޑުދޮށުން 2650 މީޓަރުގެ ސަރަހައްދުގައި ރިވެޓްމެންޓް ޖަހަން ހަމަޖެހިފައިވެ އެވެ. މިދިޔަ ޖުލައި މަހުގައި ލޯނު އެއްބަސްވުމުގައި ސޮއި ކޮށްފައިވާ އިރު މިހާތަނަށް އެތަނުގެ މަސައްކަތް ފަށާފައެެއްނުވެ އެވެ. އެހެން ނަމަވެސް މި މަސައްކަތް އަވަހަށް ފެށި، ރަށުގެ ރަށްގިރުމުގެ މައްސަލަ ހައްލުވެގެންދިއުމަކީ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
10%
10%
76%
0%
5%
0%
ކޮމެންޓް