ކ. މާލެ
|
25 އޯގަސްޓް 2017 | ހުކުރު 21:48
ރާއްޖޭން މި ފަހަރު ހައްޖަށް ދިޔަ ހައްޖުވެރިންގެ ތެރެއިން ބަޔަކު ދަތުރުމަތީގައި
ރާއްޖޭން މި ފަހަރު ހައްޖަށް ދިޔަ ހައްޖުވެރިންގެ ތެރެއިން ބަޔަކު ދަތުރުމަތީގައި
ހައްޖު ކޯޕަރޭޝަން
ހައްޖު 1438
ހައްޖަށް ނުދާ މީހުންނަށްވެސް ހައްޖު މަހުގެ ފުރަތަމަ 10 ދުވަސް މުހިންމެވެ
 
ނަމާދު ކުރުމާއި ހެޔޮ ކަންތައްތައް ކުރުމުގައި ޒުލްހިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަސް ހޭދަކުރުމަކީ މުހިންމު ކަމެއް

ﷲ ގެ ހަޒްރަތުގައި މުސްލިމުންގެ އަޅުކަން އެންމެ ބޮޑަށް ބަލައިގަނެވޭ ދުވަސްތަކަކީ ޒުލްހިއްޖާ މަހުގެ ފުރަތަމަ 10 ދުވަހާއި ރަމަޟާން މަހުގެ ދުވަސް ތަކެވެ.

އެ ގޮތުން ހިނގަމުން މިދަނީ މިފަދަ ބަރަކާތްތެރި ދުވަސްތަކެކެވެ. ޒުލްހިއްޖާ މަހުގެ ފުރތަމަ ދިހަ ދުވަހުގެ ދުވަސްތަކެވެ. ހައްޖު މޫސުމުގެ ސަވާބާއި ދަރުމަ އޮތީ ހަމައެކަނި ހައްޖުވުމުގެ ނަސީބު ލިބުނު މީހުންނަށް އެކަންޏެއް ނޫނެވެ. އެ ދުވަސްތަކުގެ ދަރުމަ އާއި ސަވާބު ހައްޖުގެ މާހައުލުގައި ހާޒިރުވެ ނެތް މީހާއަށްވެސް ހޯދުމަށް މަސައްކަތް ކުރެވިދާނެއެވެ.

ހައްޖަށް ނުދާ މީހުންނަށް މި ދުވަސްތަކުގެ ދަރުމަ އާއި ފައިދާ ލިބިގަތުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ، ގަޑިން ގަޑިއަށް ފަރުޟު ފަސް ނަމާދު ކުރުމެވެ. ކަންނެތް ވުމާއި ފަހަށް ބޭއްވުމުގެ އާދަ ދޫކޮށްލާ، ގަޑީން ގަޑިއަށް ޖަމާއަތައް ނަމާދަށް ދިއުމަށް ހިތްވަރާއެކު މަސައްކަތް ކުރުމުން މި ދުވަސްތަކުގެ ފައިދާ ހާސިލް ކުރެވިދާނެއެވެ. ނަމާދު ކުރުމުގެ މުހިއްމު ކަމާ އެކަމާ ގުޅިފައިވާ ސަވާބާ ދަރުމައިގެ ބޮޑުކަން ވިސްނޭ މީހާ ޒުލްހިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހަށް ވަކީން ބޮޑަށް ސަމާލު ނުވެ ނުހުންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ވަކިން ޚާއްސަ ކޮށް ފަރުޟު ފަސް ނަމާދު ޖަމާއަތުގައި ކުރުމަށް ސަމާލުކަން ދޭނެއެވެ.

ފަރުޟު ފަސް ނަމާދު ކުރުމަށް ސަމާލާކަން ދޭ އިރު، ސުންނަތް ނަމާދު ތައް ކުރުމަށް މި ދުވަސްކޮޅު ސަމާލު ކަން ދިނުން މުހިންމެވެ. ސުންނަތް ނަމާދު ކުރުމުގެ ރަނގަޅު އާދަ އަށަގެންފައި ނެތް ނަމަ ނަމާދު ތަކުގެ ކުރިންނާ ފަހުން ކުރާ ސުންނަތް ނަމާދު ތަކުން ފަށައިގަނެވިދާނެއެވެ. ފަތިސް ނަމާދުގެ ކުރިން ކުރާ ދެ ރަކުއަތާއި، މެންދުރު ނަމާދުގެ ކުރިން ކުރާ ހަތަރު ރަކުއަތާ އެ ނަމާދުގެ ފަހުން ކުރާ ދެ ރަކުއަތާއި، މަޣްރިބް ނަމާދުގެ ފަހުން ކުރާ ދެ ރަކުއަތާއި އިޝާ ނަމާދުގެ ފަހުން ކުރާ ދެ ރަކައުތް ކުރުމަށ މި ދުވަސްތަކުގައި ހަދާ އެކަން އާދަ ކުރުމަށް މިއީ ލިބޭ ރަނގަޅު ފުރުސަތެކެވެ. ނަމާދު ކުރުން މި ދުވަސްކޮޅު ގިނަ ކޮށްލުމަކީ މި ދުވަސްކޮޅުގެ ފައިދާ ހާސިލް ކުރުމަށް ކުރުން އެންމެ ރަނގަޅު ކަންތަކެވެ.

މި ދުވަސްވަރުގެ ސަވާބާއި ދަރުމަ ހޯދުމަށް ހައްޖަށް މިއަހަރު ނުދާ މީހަކަށް ކުރެވިދާނެ އަނެއް މުހިންމު ކަމަކީ ރޯދަ ހިފުމެވެ. މި ހަފްތާގެ ދުވަސްތަކުގައި ރޯދަ އަށް ހުރެވިދާނެއެވެ. ވަކިން ޚާއްސަކޮށް އަރަފާތު ދުވަހަކީ ރޯދަ ހިފުމަށް ވަރަށް މުހިންމު ދުވަހަކެވެ. މިއަހަރުގެ އަރަފާތު ދުވަސް ދިމާވަނީ އޮގަސްޓް 31 އަށެވެ.

މި ދުވަސްތަކަކީ ކީރިތި ގުރުއާން ކިޔެވުން ގިނަ ކުރާ ދުވަސްތަކެއް ކަމުގައި ހެދިދާނެއެވެ. އެކި އެކި ސަބަބުތަކާ ހެދި ގުރުއާން ކިޔެވުމަށް ވަގުތު ނެދެވި ގިނަ ދުވަސްތަކެއް ފާއިތުވެ ގޮސްފައި ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މި މުހިންމު ދުވަސްތައް ފާއިތު ދިޔުމުގެ ކުރިން ގުރުއާން ކިޔަވަން ވަގުތު ކޮޅެއް ހޯދާލެވިދާނެއެވެ. ހަމަ އެކަނި ގުރުއާން ކިޔެވުމެއް ނޫނެވެ. ގުރުއާން ކިޔެވުމާއި، ގުރުއާންގެ މާނަ ކިޔުމާއި، ގުރުއާން ތަފްސީރު ބަލާ އާޔަތްތަކުގައިވާ ފުން މާނައަށް ވިސްނާ ފިކުރުކުރާ ދުވަސްތަކަކަށް ވެސް މި ދުވަސްތައް ހެދިދާނެއެވެ.

އަރަފާތު ދުވަހު ރޯދައަށް ހުންނަ މީހާގެ ހުސްވި އަހަރުގެ ފާފަތައް ފުއްސަވައި ދެއްވާނެއެވެ. އަދި ހައްޖަށް ނުދެވުމުގެ ސަބަބުން އަރަފާތު ފަރުބަދައިގައި އެދުވަހު ހުރުމުގެ ނަސީބު ނުލިބުނު ނަމަވެސް ﷲ ގެ ނަންފުޅު ކިޔުން ގިނަ ކުރުމާއި، ފާފަ ފުއްސެވުމަށް އެދި ދެންނެވުމާއި، ދުއާ ކުރުމާއި، ތަސްބީހް (ސުބްހާނަﷲ) ކިޔުން ގިނަ ކުރުމާއި، ތަކްބީރު (ﷲ އަކްބަރު) ކިޔުމާއި، ތަހްލީލް (ﷲ މެނުވީ އެހެން އިލާހަކު ނެތެވެ) ކިޔުން ގިނަ ކުރެވިދާނެއެވެ.

އަރަފާތު ދުވަހު އެހެން ކަންކަމުން ދުރުވެ ނަމާދުކޮށް ގުރުއާން ކިޔެވުމަށް ގިނަ ވަގުތު ހޭދަކުރެވޭނެ ގޮތަކަށް ރޭވުމަކީވެސް ކުރެވިދާނެ ކަމެކެވެ.

ރަސޫލާގެ ހަޔާތްފުޅާ ބެހޭ ގޮތުން މައުލޫމާތު ހޯދާ ހެދިދާނެއެވެ. ސިޔަރަތު އަޑުއަހާ ރަސޫލާގެ ޝަޚުސިއްޔަތާ ބެހޭ މައުލޫމާތު ދަސްކުރެވިދާނެއެވެ. ރަސޫލާގެ ބައެއް ހަދީސްފުޅުތައް ހިތުދަސް ކުރުމަށްވެސް މި ދުވަސްތަކުގައި މަސައްކަތް ކުރެވިދާނެއެވެ.

ފަގީރުންނަށާއި ނިކަމެތިންނަށާއި ދަރަނިވެރިންނަށް އެހީތެރިކަން ފޯރުކޮށް ދެވިދާނެއެވެ. ސަދަގާތް ދެވިދާނެއެވެ.

ﷲ ނުރުއްސަވާ ކަންކަމުން ދުރުހެލިވުމާއި، އެކަންކަމުގެ ވާހަކަތައް އަޑު އެހުމުން ދުރުހެލިވުމާއި، އެފަދަ ކަންކަން ބެލުމުން ދުރުހެލިވުމާއި، ދީން ހުއްދަ ނުކުރާ ކަންކަމުގެ ވާހަކަތައް ދެއްކުމުން ދުރުހެލިވުމަކީވެސް މި ދުވަސްތަކުގެ ދަރުމަ ހާސިލް ކުރުމަށް ކުރެވިދާނެ ކަމެކެވެ.

ބުއްދިވެރިންގެ ގޮތަކީ ހަޔާތުގެ ދުވަސްތައް ނުހަނު އަވަހަށް ފާއިތުވެ ހިނގައިދާނެ ކަމަށް ބަލާ، މާތް ﷲ އިންސާނުންނަށްޓަކައި ލެއްވި މި ފަދަ މުހިންމު ދުވަސްތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
100%
0%
0%
0%
0%
ކޮމެންޓް