ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 14:30
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
މުހައްމަދު ޝަރުހާން
އަދުލުއިންސާފު
ނުފޫޒާއި ބިރަށް ބޯނުލަނބާށެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ.
 
މިއަދު ހޯދުމަށް ވުރެ މާދަމާ ލިބިގަތުމަށް މަސައްކަތް ކުރޭ
 
ވަޒީފާއިން ކަނޑާލުމުން މަގުމަތީގައި ނިދަން ޖެހުނު މީހެއް ނެތް
 
ތަންތަނުގެ ވެރިންގެ ފަރާތުން އިވެނީ ބިރުދައްކާ ވާހަކަ

ތިބާ އަބަދުވެސް ތި ދައްކަނީ ކޮންމެވެސް ބިރެއްގެ ވާހަކަ އެވެ. ކުރަން ބޭނުންނުވާ ކަންތައްތައް މަޖުބޫރުކޮށްގެން ކުރުވާ ވާހަކަ އެވެ. އަންގާ ގޮތަށް ކަންތައްތައް ނުކޮށްފިނަމަ ވަޒީފާ ގެއްލިދާނެ ކަމަށް ބިރު ގަންނަ ވާހަކަ އެވެ. ގޮޅިއަކަށް ފައްތައި، ޖަލަށް ދާން ޖެހިދާނެ ކަމަށެވެ. ނޭއްގާނީ ކަންތައްތައް ހިންގަނީ ތިބާ އަމިއްލައަށް ބޭނުންވެގެން ނޫން ކަމަށެވެ. ތިބާގެ އަމިއްލަ ނަފްސުގެ ރައްކާތެރިކަަމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރަނީ ކަމަށެވެ. ތިބާގެ އަމިއްލަ އެދުން ބޮޑުކަމާއި، ތިބާގެ ހުންނަ ނުލަފާކަން ބަލާބަލާށެވެ. ތިބާގެ އަމިއްލަ ނަފްސު ރައްކާތެރި ކުރުމަށް، ތިޔަ ގެންދަނީ އެތައް ބައެއްގެ ހައްގަށް އަރައިގަންނަމުންނެވެ. އަތްފައިން ގޯސް ތިޔަ ހަދަނީ ހަވާ ނަފްސަށް އަޅުދާސްތުވެގެންނެވެ. ހުރިހާ ޖަރީމާއެއް އަމިއްލަ ދެއަތުން ހިންގުމަށް ފަހު ތިބާ ބަދުނާމު ތި ކުރަނީ ބިރެވެ. ތިބާ ހެއްދެވި ފަރާތް ދެކެ ގަންނަންޖެހޭ ބިރު ކޮބައިތޯ އެވެ. ތިބާއަށް ތި ދެއްކޭ ތާކުންތާކު ނުޖެހޭ ވާހަކަތަކާ މެދު ވިސްނާލަ ބަލާށެވެ.

މި ރާއްޖޭގެ ސަރުކާރުގެ ވަޒީފާތަކުން އެތައް ބަޔަކު ވަކިކޮށްފައި އެބަހުއްޓެވެ. ނުފޫޒުތަކަށް ބޯނުލަންބަންވެގެން އެތައް ބަޔަކު އަމިއްލައަށް ވަޒީފާތަކުން އިސްތިއުފާ ދީފައި އެބަހުއްޓެވެ. ކާނެ އެއްޗެއް ނުލިބިގެން އެއިން މީހަކު ބަނޑަށްޖެހުނު ވާހަކައެއް އަޑުއެހުންތޯ އެވެ؟ ނިދާނެ ތަނެއް ނެތިގެން އެއިން މީހަކު މަގުމަތީގައި ނިދާފައި އޮތްވާ ތިބާ އަށް ފެނުނުތޯ އެވެ؟ އެބައި މީހުންގެ ރިޒުގުގައި ތިޔަ ބުނާ ބާރުގަދަ ނުފޫޒުގަދަ މީހާއަށް އަތް އަޅައި ހުއްޓުވިއްޖެ ހެއްޔެވެ؟ ތިބާ މި ސުވާލަށް ޖަވާބު ދީބަލާށެވެ. އަހަރެންނާއި ތިބާއަށް ވެސް ރިޒުގު ދެއްވަނީ ތިޔަ ބުނާ ވެރިއަކުތޯ އެވެ؟ މީހަކަށް މާތް ﷲ ދެއްވަން ހުރި ނިއުމަތަކަށް އެހެން އިންސާނަކަށް ހުރަސް އެޅޭނީ ކިހިނެއް ހެއްޔެވެ؟ މީސްތަކުން ހައްގުތަކަށް އަރައިގަނެ، މީސްތަކުން ނިކަމެތިކޮށްގެން ތިބާ ތިޔަ ހޯދާ މުދަލާއި ފައިސާގެ އެއްވެސް އަގެއް އެބަހުރި ހެއްޔެވެ؟ އެނގިގެން ހުރެ ތިބާގެ އަނބިދަރިންނަށް އަލިފާން ކާންދެނީ ހެއްޔެވެ؟ ގިސްލާ ރޮމުން ތިބާ ކައިރީގައި މި އެދެނީ މިކަމާ މެދު ވިސްނާލުމަށެވެ. ތިޔަ އުޅެވޭ ގޮތާއި، ތިޔަ ދެއްކޭ ވާހަކަތަކާ މެދު ވިސްނާލަބަލާށެވެ.

ތިބާ ތިއީ ފުލުހެކެވެ. ތިބާ ތިއީ ފަނޑިޔާރެކެވެ. ތިބާ ތިއީ ޒިންމަދާރު މަގާމެއްގައި ހުރި މީހެކެވެ. ތިބާގެ ފަރާތުން އަބަދުވެސް އިވެނީ ކޮންމެވެސް ނުފޫޒު ގަދަ މީހެއްގެ ފަރާތުން ބިރުދައްކާ ވާހަކަ އެވެ. ވެރިން އޯޑަރު ދިނީމާ އެކަންތައްތައް ކުރަން މަޖުބޫރުވާ ވާހަކަ އެވެ. ބިރުދައްކާ މަޖުބޫރު ކުރުވައިގެން ތިބާ ލައްވާ ކުށެއް ނެތް މީހުންގެ މައްޗަށް ބޮޑެތި ހުކުމްތައްކޮށް ނުހައްގު އަދަބު ދޭންޖެހޭ ވާހަކަ އެވެ. މީސްމީހުން އަނބިދަރިންނާ ދުރުކުރުމަށްފަހު ތިބާ ބަދުނާމު ތި ކުރަނީ ބިރު ތޯ އެވެ. މީސްމީހުންނަށް ނުހައްގުން އަނިޔާ ދިނުމަށްފަހު ތިބާ ކުށްވެރިކުރަނީ މަޖުބޫރީ ހާލަތުތޯ އެވެ. މީސްމީހުންގެ މިނިވަންކަން ނިގުޅައިގަތުމަށް ފަހު ތިޔަ ބަދުނާމު ކުރަނީ ވެރިމީހާ ތޯ އެވެ؟

އޭ އަހަރެމެން ފަދަ ނިކަމެތި އިންސާނާ އެވެ. ތިބާގެ ތިޔަ އުޒުރު މާތް ﷲ ގެ ދަރުބާރުގައި ނުދެއްކޭނެ އެވެ. ބިރުވެރިކަމުން ފުރިގެންވާ ގިޔާމަތް ދުވަހަށް ތިބާ ބިރުވެތިވާށެވެ. ގިސްލާ އާދޭސްކޮށްފައި މި އެދެނީ އިސްލާހުވުމަށެވެ. ހަވާ ނަފްސަށް އަޅުދާސްތުވެގެން ދުނިޔެ ހޯދަން ތިޔަ އުޅޭ ދިރުއުޅުން ދޫކޮށްލުމަށެވެ. މަރަށް ބިރުވެތިވުމަށެވެ. ދާއިމީ އުފުލާއި ހިތްހަމަޖެހުން ލިބިގަތުމަށެވެ. ގިނަގިނަ އިން ހަނދުމަކޮށް ދިނުމަކީ އެކަކު އަނެކަކަށްޓަކައި އަދާކޮށްދޭންޖެހޭ ވާޖިބަކަށް ވާތީ ހަނދާން ކޮށްދޭނަމެވެ. ކަނުލާ އަޑުއައްސަވާށެވެ.

ތާޅަފިލީގެ އަޑުން މުޅި ކައުނު ގުޑުން އަރުވާލާނެ އެވެ. އަޑުޖެހުމާއިއެކު ދުނިޔޭގައި ވާހައި ދިރޭފުރާނައެއް ނެތިގެންދާނެއެވެ. އަޑުފައްގަނޑުގެ ގަދަކަމުން ދުނިޔެމަތީގައި ފުރާނަ ހުރިއެއްވެސް އެއްޗެއް ނުވާނެއެވެ. އަދި ދެވަނަ ފަހަރަކަށް ތާޅަފިލި ފުންމަވާނެއެވެ. އިންސާނުންތައް އަލުން ދިރުވުމަށް ފައްޓަވާނެއެވެ. ގިޔާމަތުގެ ވަގުތު އައިސް ޖެހުނީއެވެ. އަދި ތިންވަނަ ފުމުމަކާއިއެކު މީސްތަކުންގެ ތެރެއިން ބައެއް އެއްކައުވަންތަ ރަސްކަލާނގެއާއި ބައްދަލުކުރުމަށް އަވަސްވެގަންނާނެއެވެ.

އިހުސާސް ކުރައްވާށެވެ. ގަދަ އަޑުފައްގަނޑާއިއެކު ތިބާ ނެތި ދިއުމަށް ފަހު އަލުން ތިބާ އުފަންވަނީ އެވެ. ތިބާއަށް ކައިރިން އެހެން ކަށިތަކުގައި މަސްލެވެމުންދާ މަންޒަރުތައް ފެންނާނެއެވެ. ތިބާގެ ހިތުގައި ބިރުވެރިކަން ވާނެއެވެ. އަދި ތިބާގެ ވަޅުލެވިފައިވާ ކަށިތައް ހުޅުވައިދެނީ ފުމެލެވޭ ތާޅަފިލީގެ އަޑަށެވެ. އެއީ ގުދުރަތްތެރިކަމުގެ ނިޔާއެވެ. ވިސްނަވާށެވެ. މިންމަޒަރުތައް ހިތަށް އެރުވޭހެއްޔެވެ. ނުވަތަ މި މަންޒަރުތައް ސިފަވޭހެއްޔެވެ. ކަށްވަޅުން ނިކުމެގެން އަންނަ އިންސާނުންގެ ހަށިގަނޑުތަކުގައި ހުންނާނީ ވެލި އުނގުޅިފައެވެ. ނުވަތަ އިންސާނުން ވާހުށީ ވެލީން ތަތްތެޅިފައެވެ. މީސްތަކުން ވާހުށީ އެއްވެސް ހެދުމެއް އަދި ގަމީހެއް ނުލާ ހެއްދެވިގޮތަށެވެ. އިވެމުންދާނީ މީހުންގެ ހަޅޭކުގެ އަޑުތަކެވެ. އެއްމެންވެސް ގޮވަމުންދާނީ، “މިއަޅާގެ ނަފުސު، މިއަޅާގެ ނަފުސު” މިހެންނެވެ. މިފަދައިން އެތައް ބިލިޔަން މީހުންތަކެއް ގޮވަމުންދާއިރު ނިކުމެގެން އަންނާނީ ކޮންފަދަ އަޑުފައްގަނޑެއްހެއްޔެވެ. ތިބާއަށް މިކަން ތަސައްވަރުކުރެވޭ ހެއްޔެވެ.

އެދުވަހުގައި ތިބާގެ ދަރީންނާއި މައިންބަފައިން އަޚުންނާއި އުޚުތުންނާއި އަޅާނުލާ ދުވަނީ ނަފްސީ ނަފްސީ ގޮވަމުންނެވެ. ދާންވީ ވަކިމަންޒިލެއްވެސް ނޭނގެއެވެ. ނަމަވެސް ގެންފައިވާ ބިރުވެރިކަމުންނާއި ލޮލަށް ފެންނަމުންދާ ބިރުވެރި މަންޒަރުތަކުން ނަފުސީ ނަފުސީ ގޮވަމުން އެތަންމިތަނުގައި ދުވެނަގަނީއެވެ. އެއްވެސް މީހަކާއި އަނގައިން ބުނާކަށް ބޭނުމެއް ނުވެއެވެ. އެއްވެސް މީހަކު ދުވަމުން ދާ ދިޔުން ހުއްޓުވާކަށްވެސް ބޭނުމެއް ނުވެއެވެ. ހަމަ ދުވަނީއެވެ. މި މަންޒަރު ހިތަށްގެންނަވާށެވެ. އަދި ފަހަތުން އިންސާނުންތައް ލަވަމުން އަންނަ ބޮޑު އަލިފާންގަނޑުގެ ސަބަބުން ވަކީން ބިރުވެރިކަން އިޙްސާސް ކުރެވޭނެތެވެ. އަލިފާންގަނޑާއި ދުރަށް ދުވުމަށް މަޖުބޫރެވެ، ނޫނީ އަލިފާންގަނޑުގައި އަނދާފާނެ ބިރަށްޓަކައެވެ. އަލިފާނަށް ފިލަންވެގެން އެންމެންތައް ދުވާނެއެވެ. އަދި މި އަލިފާންގަނޑު މައިތިރިވާހުށީ އެންމެހާ މީސްތަކުން މަހުޝަރުގެ މައިދާނުގައި ސާބިތުވުމުންނެވެ.

މަހުޝަރުގެ މައިދާނަށް ތިބާގެންދެވިއްޖެއެވެ. އަދި ކޮޅަށްބެހެއްޓިއްޖެއެވެ. މިފަދައިން ކޮޅަށް ބެހެއްޓެނީ ކިތައް އަހަރުގައި ކަމެއްތިބާ އަށް އެނގޭތޯ އެވެ؟ ފަންސާސް ހާސް އަހަރުވަންދެން ތިބާ ކޮޅަށް ބެހެއްޓެވޭނެތެވެ. ކަރުހިއްކުން އިންތިހާއަށް ބޮޑުވެއެވެ. ފައިގެ ވަރުދޫވެ ހަކަތަ ހުސްވެއެވެ. ނަމަވެސް ކޮޅަށް ހުރުންނޫންގޮތެއްނެތެވެ. އިށންނާނެ ގޮނޑިއެއް އެތަނުގައި ނުމެވާނެއެވެ. އެކަމަކުވެސް ތިބާ މަރެއްނުމެވޭމެއެވެ. މި މަންޒަރު ހިތަށްގެންނާށެވެ. އެތައް ބިލިޔަން ބައެއްގެ ތެރޭގައި ވާ ކުޑަކުޑަ ތިބާއެވެ. ލިބޭ ހޫނަށް އަދި ހަށިގަނޑުގައި އަޅާވޭނަށް ކެތްވާނެހެއްޔެވެ. ނަމަވެސް އަރުޝީގެ ހިޔާވަހިކަމުގައިވާ މާތްﷲގެ އަޅުތަކުންނަށް މިއީ ދެރަކުއަތް ނަމާދެއްގެ ދިގުމިނެވެ. މިއަދު ތިބާއަށް މިކަން ވިސްނޭނެނަމެއެވެ. ތިބާ ކޮޅަށް ހުންނަން ބޭނުންވަނީ ފަންސާސް ހާސް އަހަރުހެއްޔެވެ. ނުވަތަ ތިބާ އަށް ރަނގަޅުވާނީ އަރުޝީގެ ހިޔާހެއްޔެވެ. މިއަދަކީ ތިބާ އެކަމަށް ގަދައަޅާ މަސައްކަތް ކުރަންވީ ދުވަހެއެވެ. ތިބާގެ ނިންމުމުގެ ސަބަބުން ނަފާ ކުރާނީ ހަމަ ތިބާއަށެވެ. ވަގުތު އޮއްވާ އިސްލާޙުގެ މައިދާން ޚިޔާރު ކުރާށެވެ.

ތިބާޔާއެކު ދުނިޔެ މަތީގައި ފިތުނަ ފަސާދައާއި ނުބައިކަންތައްތައް ފަތުރަމުން ދުވި ފަރާތްތައް ވާނީ ކޮންހާލެއްގައިކަން އެނގޭތޯ އެވެ. ދުނިޔެމަތީގައި އެބައިމީހުންވީ ތިބާގެ ރަޙްމަތްތެރީންނަށެވެ. އަދި އެ ރަޙްމަތްތެރިކަމުގައި، ތިބާއަށް ނުބައި އަމަލުތައް ދަސްކޮށްދީ މުންކަރާތްތަކަށް އަރައިގަތުމަށް ބާރުދިނެވެ. އަދި މިފަރާތްތަކުގެ ސަބަބުން ތިބާގެ މައިންބަފައިންގެ ބަސް އެދުވަހުގައި ގަބޫލުނުވެސް ނުކުރީ އެވެ. އަދި ހިލޭ އަންހެނުންނާއި ގާތްވެ ނަމާދާ ދުރުވެވުނީއެވެ. ޤިޔާމަތް ދުވަހުގައި މިބައިމީހުންގެ ގެނެވޭހުށީ ބޮޑެތި ބިޔަ ހޫނު ކަސްތޮޅުތަކުން ބަނދެގެންނެވެ. އަދި އެބައިމީހުންގެ މޫނުމަތި އަލިފާނުން އަނދައަނދާ ހުންނާނެތެއެވެ. އަދި އަލިފާނުގެ ސަބަބުން އެބައިމީހުންގެ މޫނުތައް އަނދަމުންދެ އެވެ. މިކަން ހިތަށް ގެނެސްބަލާށެވެ. މި އަޒާބުން ސަލާމަތްވުމަށް ކާއިނަތުގެ ވެރި އިލާހަށް ތިބާ ރުޖޫއަވާން އަވަސް ވެގަންނާށެވެ.

އިރު އިންސާނުންނާއި ކައިރިވަމުން ކައިރިވަމުން އައިސް ކައިވަތަކާ ހަމައަށް ގާތްވާނެތެވެ. މި އިރަކީ ދުނިޔެއާއި އެތަށް މިލިޔަން އަލިއަހަރެއްގެ ދުރުމިނުގައި ވީ އެއްޗެކެވެ. އަދި ދުނިޔެމަތީގައިވެސް އެ ހޫނަށް ކެތްނުވެއެވެ. ޤިޔާމަތް ދުވަހުގައި އިރު ކައިވަތަކާ ކައިރިވުމުން ހަށިގަނޑަށް ކުރާނެ އިހުސާސް ވަޒަން ކޮށްލައްވާށެވެ. މުޅިހަށިގަނޑުގައި ވެއްޔެވެ. އަދި އެވެލީގެ މައްޗަށް އިރުގެ ހޫނުގެ ސަބަބުން ދާއޮހޮރޭން ފަށައެވެ. މިފަދަ ހާލެއްގައި އިންސާނަކަށް ކެތް ކުރެވޭނެތޯއެވެ. ދުނިޔެމަތީގެ އަލިފާނާއި އިރުގެ ހޫނަށް ކެތްނުވާއިރު މިދުވަހުގައި ކެތްކުރުން ނޫންގޮތެއްނޯންނާނެއެވެ. ތިބާއަށް އެއްކަމެއްވެސް އެއިން ސަލާމަތްވާކަށް ނުކުރެވޭނެއެވެ. އަދި ފިލާކަށްވެސް ނުމެދެވޭނެއެވެ. ހަށިގަނޑުގައި އަޅާވޭނަށް ‘އުފް’ އޭ ވެސް ނުބުނެވޭނެތެވެ. ތިބާ އަނގަ ހުޅުވުމާއިއެކު ހަށިގަނޑުގައިވާ ވެލިތައް އަނގައިގެ ތެރެއަށް ދެމިގަންނާނެވެ. އަދި އިރުގެ ހޫނުގެ ސަބަބުން އޮހޮރެމުން ދާ ދަލުގެ ސަބަބުން ވަށައިގެން ކޯރުލެވެއެވެ. އެކޯރުގައި ފެތުމާހަމައަށް ބައެއްމީހުންގެ ކޯރުތައް ބޮޑުވެއެވެ. ނަމަވެސް މިކަމުގެ ސަބަބުން މަރެއްނުމެވޭމެއެވެ. ނަމަވެސް ފުރިހަމަ އީމާންތެރިންނަށް އަރުޝީގެ ހިޔާވަހިކަން ލިބިގެންދެއެވެ. އަދި އިރުގެ ހޫނުކަމުން އީމާންތެރީން ސަލާމަތްވެދެއެވެ.

ނަރަކަ ތިރިއަށް ބޭލުމަށް އަމުރު ކުރެވޭނެ އެވެ. މި މަންޒަރުތައް ފެނިފައި އިންސާނުންތަކުގެ ރުއިމުގެ އަޑު ގަދަވެ އިންސާނުން ކަކޫ މައްޗަށް ތިރިވާންފަށައެވެ. އަދި ދުނިޔެމަތީގައި އުޅެވުނު ގޮތްހިތަށް އަރާފައި ހިތާމަ ކުރެތެވެ. ނަރަކަ ގެނެސް އިންސާނުންތަކުގެ މެދުގައި ބެހެއްޓޭނެތެވެ. އަދި އިންސާނުންތައް ބިރުން އެއްބަޔަކު ކަކޫ މައްޗަށް ތިރިވެދެއެވެ. މިއީ ތިމަންމެން ކުރި އަމަލުތަކުގެ ޖަޒާކަން އެނގުމުން ބާރުބަރަށް ރޮއެ އާދޭސް ކުރާކަމުގައިވެއެވެ. އެއްވެސް އިންސާނަކު އަނެއް އިންސާނަކު ކޮށްފައިވާ އަމަލެއްގެ ބުރަ އުފުލުމަކަށް ނުޖައްސަވާނެތެވެ. ނަމަވެސް ދުނިޔެމަތީގައި ނުބައި އަމަލުތަކަށް ނަސޭޙަތްތެރިވީ ފަރާތްތަކަށް އެކަމުގެ ސަބަބުން އަނެއް އިންސާނާ ނުބައި އަމަލުކޮށްފައިވާނަމަ އެކަމުގެ ޖަޒާ ނަސޭހަތް ދިންފަރާތަށްވެސް ލިބިގެންދާނެއެވެ. ޤިޔާމަތުގެ ވަގުތުގައި އިންސާފު ލިބެވޭނީ އެމީހެއްގެ ފަތުގައިވާ ކަންތައްތަކެއްގެ މައްޗަށެވެ. އަދި އެފަތް ޤިޔާމަތް ދުވަހުގައި ތިބާގެ ކުރިމަތީގައި ފަތުރާ ލެވޭނެއެވެ. ދުނިޔެމަތީގައި ކުރި ހުރިހާ ހެޔޮއަމަލަކާއި ނުބައި އަމަލެއް އެ ފަތުގައި ލިޔެވިގެންވާނެއެވެ. އެ ފަތް ދިނުމާއި އެކު އެއްބަޔަކު ބުނާކަމުގައި ވެއެވެ. އަހަރެންނަށް ހުރިހަލާކެއްގެ ބޮޑުކަމާއެވެ. މި ފަތުގައި ތިމަން ކުރި ހުރިހާއަމަލެއް ލިޔެފައި އެބަހުއްޓެވެ. ތިމަން ކުރި އެއްމެ ކުޑަކަމުން ފެށިގެންގޮސް އެއްމެ ބޮޑުކަމާއި ހަމައަށެވެ.

ތިބާގެ ގުނަވަންތަކާއި، ބިމާއި ވަޔާއި ގަސްތައް ތިބާގެ އަމަލުތަކުގެ ހެކިވެރިއަކަށް ވާނެ އެވެ. ތިބާ މަހުޝަރު ކުރެވި ތިބާގެ އަމަލުތަކަށް ހެކިވެދޭ ބަޔަކީ މި ކާއިނާތުގައި ވާހާ ތަކެއްޗެވެ. އެދުވަހުގެ ބިރުވެރިކަމާއެވެ. ގަސްގަހާއި ގެހި ވާހަކަ ދައްކަން ފެށުމުން ތިބާއަށް ވާނީ ކިހިނެތްތޯއެވެ.ތިބާ މީހެއްގެ ހައްގެއް ނިގުޅައިގަންނަން ބޭނުންކުރީ އަތް ނަމަ އަތް އެކަމުގެ ހެވެރިއަކަށް ވާނެ އެވެ. ތިބާގެ އަނގައިން ކަމެއް ކޮށްފައިވާނަމަ އެކަމެއްގެ ހެކިވެރިއަކަށ އަނގަވާނެ އެވެ. ތިބާގެ ނަމުން ގޮވާލެވޭނެ އެވެ. އެއީ ތިބާގެ އިމްތިޙާނުގެ ނަތީޖާގެ ވަގުތެވެ. އެއްބަޔަކު އެމީހުންގެ ކަލާނގެއާއި ބައްދަލުކުރުމަށް އަވަސްވެގަންނާނެއެވެ. އަދި އަނެއްބަޔަކު ބިރުން ވިރިވިރި ވާނެއެވެ. ފަތުގައި ލިޔެވިފައިވާ އަމަލުތައް އިންސާނާ ކިޔަމުންދާއިރު އޭގައިވާ ނުބައި އަމަލުތަކުގެ ސަބަބުން މޫނުމަތީގެ ހަންގަޑު ލެއަށްވެ ފަޅަފަޅައިގެން ދާނެތެވެ. އިންސާނާ ގެންގޮސް ނަރަކައިގެ އަލިފާންގަނޑަށް ވައްދާށެވެ. ކުރާނެ ކަމެއްނެތެވެ. އަޒާބުގެ ހިތިރަހަ ދެކޭން ޖެހުނީއެވެ. ކިތަންމެ ވަރަކަށް އަލިފާންގަނޑުގެ ތެރެއަށް ދާން ބޭނުންނުވި ނަމަވެސް ކުރާނެކަމެއް ނޯންނާނެއެވެ. އިންސާފުގެ ތިލަފަތް ބަރުވެގެން ދިޔައީ ތިބާގެ ވާއަތްފަރާތަށެވެ. އަދި މަލާއިކަތުން ތިބާގެ ހަށިގަނޑުގައި ކަސްތޮޅު އަޅުވާ ދަމާހަލަމުން އަދި ކާތަމުން ގޮސް އަނދައަނދާ ހުންނަ ނަރަކައިގެ ތެރެއަށް އެއްލައިލެވެއެވެ. ދެންއޮތީ އަޒާބެވެ. ތިބާއަށް ފެނަށް ގޮވާލުމުން ބުއިމަށް ލިބެނީ ފާދިޔައާއި ދޮހާއި ހޫނުފެނެއެވެ. އެ ބުއިމާއެކު މުޅި ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް ފިހިގެންދެއެވެ. އަދި މިވޭނުގައި އެތައް އިރެއްވަންދެން އޮންނާން ޖެހެއެވެ. ދެނެއް އިތުރަކަށް މަރުވުމެއް ނުވެއެވެ. އަލިފާންގަނޑުގެ ވޭނަށް ތިބާއަށް ކެތްނުކުރެވޭނެއެވެ. އަދި މަލާއިކަތުންނަށް ގޮވަމުން ދާނެއެވެ. ނަމަވެސް ތިބާ އަލިފާނުގައި އަނދައަނދާ ދާއިމަށް އޮންނަ މީހެއް ކަމުގައިވެއެވެ.

މީސްތަކުން އިންސާފަށް އެދި ތިބާގެ ކައިރިއަށް އައުމުން އެކި ކޮޅުކޮޅަށް ތަޅުވަމުން ތިޔަ ގެންދާއިރު، އެ ދުވަހު ތިބާގެ ހާލު ހުންނާނެ ގޮތް ވިސްނޭނަމަ ތިބާއަކަށް ތިގޮތަށް ކަންތައް ކުރާކަށް ނުކެރޭނެ އެވެ. ގިޔާމަތް ދުވަހަކީ އިންސާފުގެ ދުވަހެއެވެ. އެދުވަހުގައި ކޮންމެ މީހަކު ކުރި އަމަލުތަކަށް އެއީ ޒައްރެއްގެ މިންވަރުވިޔަސް އެކަމުގައި އިންސާފު ކުރެވިގެންދާނެއެވެ. އަންނާން އޮތް ދުވަހުގެ ބިރުވެރިކަން ހިތަށް ގެނެސް، އިސްލާހުވާށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް