ކ. މާލެ
|
21 އޯގަސްޓް 2017 | ހޯމަ 10:48
 ސްޓޭޓް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ބުނީ 153 މީހުން މަރުވެ 152 ޖަނަވާރު މަރުވި ކަމަށް
ސްޓޭޓް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ބުނީ 153 މީހުން މަރުވެ 152 ޖަނަވާރު މަރުވި ކަމަށް
ގެޓީ އިމޭޖަސް
އިންޑިއާގައި ފެންބޮޑުވުން
ބިހާރު ސްޓޭޓްގައި ފެންބޮޑުވުމުގެ ގެއްލުންތަކުން އަރައިގަތުމަށް ދަތިވެފައި
 
އެންމެ ބޮޑު ގޮންޖެހުމަކީ މަގުތައް އަލުން ގުޅުވާލުން
 
މަދުވެގެން 153 މީހުން މަރުވެ 152 ޖަނަވާރު މަރުވި
 
ދައުލަތުގެ އިދާރާތަކުން ގާއިމްކުރި 1،358 ކޭމްޕަކުން 400،000 މީހުން ބޯހިޔާވަހިކަން ހޯދަން މަޖުބޫރުވި

ފެންބޮޑުވެ ބިންގަޑު ކަޑައިގެން ގޮސް 250 އަށްވުރެ ގިނަ މީހުން މަރުވެ ދަނޑުގޮވާމާއި ގެދޮރު އޮޔާގޮސް މަގުތައް ހަލާކުވެ ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި އިންޑިއާގެ ބިހާރު ސްޓޭޓްގެ ރައްޔިތުން ގޮންޖެހުންތަކާ ކުރިމަތިލަމުން އެބަދެއެވެ.

ބިހާރުގެ އިތުރުން ދެކުނު އޭޝިއާގެ އެހެން ބައެއް ސަރަހައްދުތަކަށް ވެސް މި މަހުގެ ތެރޭގައި ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ކުރިމަތިވެފައެވެ. މިއީ 2008 ވަނަ އަހަރަށް ފަހު ބިހާރް ސްޓޭޓްގައި ފެންބޮޑުވެ އެންމެ ބޮޑަށް އަސަރުކުރި ފަހަރެވެ. އެ ސްޓޭޓްގެ 38 ޑިސްޓްރިކްޓްގެ ތެރެއިން 20 ޑިސްޓްރިކްޓެއްގައި ފެންބޮޑުވެ 13 މިލިއަނެއްހާ މީހުންނަށް ވަނީ އަސަރުކޮށްފައެވެ.

ސްޓޭޓްގެ އިރުމަތީގެ ޑިސްޓްރިކްޓެއް ކަމަށްވާ އަރަރިއާ ޑިސްޓްރިކްޓްގެ ރަށްވެއްސެއް ކަމަށްވާ އަޝިޝް ރަންޖަން ބުނީ ފެންބޮޑުވުމުގެ ގެއްލުން ބޮޑު ކަމަށެވެ.

"ހާހަކަށްވުރެ ގިނަ މީހުން ހައިވޭ މަތީގައި އުޅެމުންދާތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީ" 57 މީހުން މަރުވި އަރަރިއާ ޑިސްޓްރިކްޓްގައި ހުރެ އަލްޖަޒީރާއަށް އަޝިޝް ބުންޏެވެ.

އެ ޑިސްޓްރިކްޓަކީ މި ފަހަރުގެ ފެންބޮޑުވުމުގެ ހާދިސާގައި އެންމެ ގިނަ މީހުން މަރުވި ޑިސްޓްރިކްޓެވެ.

"އެ ކަމުން މުޅި އަރަރިއާ ކަހަލަ ގޮތަކަށް ސުންނާފަތިވެއްޖެ. މީހުން ބުނޭ އެމީހުން ހަޔާތުގައި ވެސް މިކަހަލަ ގޮތަކަށް ފެންބޮޑުވެގެން އުޅެނިކޮށް ނުދެކޭ ކަމަށް.ހަގީގަތުގަ ވެސް މިތަނުގެ ހާލަތު ގޯސް،" އޭނާ ބުންޏެވެ.

ސްޓޭޓް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަދުވެގެން 153 މީހުން މަރުވެ 152 ޖަނަވާރު މަރުވި ކަމަށެވެ.

 ފެންބޮޑުވުމުގެ ސަބަބުން ވިލެޖްގެ 7،000 އެއްހާ މީހުންނަށްވަނީ އަސަރުކޮށްފައެވެ. ދައުލަތުގެ އިދާރާތަކުން ގާއިމްކުރި 1،358 ކޭމްޕަކުން 400،000 މީހުން ބޯހިޔާވަހިކަން ހޯދަން މަޖުބޫރުވިއެވެ.

ބޮޑުވަޒީރު މޯދީ ވަނީ ފެންބޮޑުވުމުގައި ގެއްލުން ލިބުނު ފަރާތްތަކަށް ބޭނުންވާ އެންމެހާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

ނޭޝަނަލް ޑިޒާސްޓަރ ރިލީފް ފޯސް އަދި ސްޓޭޓް ޑިޒާސްޓަރ ރިލީފް ފޯސްގެ ޓީމުތަކުގެ އިތުރުން އަސްކަރިއްޔާގެ ޓީމުތަކުން ވަނީ އަމިއްލަ ގެދޮރުގައި ބިކަވެފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސްވެގެންފައެވެ.

ނަމަވެސް ރަންޖަން ބުނީ ސަރުކާރުން އެކަމަށް ސަމާލުކަން ދިންލެއް ލަސް ކަމަށެވެ. އޭނާވަނީ އިދާރާތަކުން އެކަށީގެންވާ އަވަސް މިނެއްގައި މަސައްކަތް ފަށާފައި ނުވާ ކަމަށް ތުހުމަތުކޮށްފައެވެ.

"ނޭޕާލުން ފެންގަނޑު ނުކުންނަން ފެށުމާއެކު ރައްޔިތުންނަށް އިންޒާރު ދެވުނީސް އަރަރިއާއަށް ފެންގަޑު ފޯރުމުގެ ކުރިން. އޭރުން ރައްކާތެރި ސަރަހައްދުތަކަށް ދާނެ ފުރުސަތު ލިބުނީސް،" އޭނާ ބުންޏެވެ.

އިދާރާތަކުން ބުނީ އެ ފަރާތްތަކުން އުޅުނީ އެހީދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އަވަދިނެތި ކަމަށާއި ކުއްލިއަކަށް ފެންގަޑު އައުމުން އެންމެން ތިބީ ހައިރާން ކަމެއްގެ ތެރޭގައި ކަމަށެވެ.

ސްޓޭޓް ޑިޒާސްޓަރ މެނޭޖްމަންޓްގެ ޕްރިންސިޕަލް ސެކްރެޓަރީ ޕްރަތުޔަޔާ އަމްރިތު ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ މަގުތައް އަލުން ގުޅުވާލުން ކަމަށެވެ.

އޭނާ ވިދާޅުވީ ފެންބޮޑުވުމުގެ އަސަރު ކުރި ސަރަހައްދުތަކަށް ބޯފެން ސާފުކުރުމަށް ހެލޮޖެން ޓެބްލެޓް ފޯރުކޮށްދެމުންދާ ކަމަށެވެ.

"3،000 ރުޕީސް (47 އެމެރިކާ ޑޮލަރު) އެ މީހުންގެ ބޭންކް އެކައުންޓަށް ޖަމާކުރެވޭނެ، އަދި އަޅުގަނޑުމެން މިދަނީ ގެދޮރާ ދަނޑުތަކަށް ލިބުނު ގެއްލުން ބަލަމުން،" ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް