ކ. މާލެ
|
20 އޯގަސްޓް 2017 | އާދީއްތަ 16:39
ރާއްޖޭގައި ޒުވާން ރާޅާއެޅުންތެރިންތަކެއް ރާޅާއަޅަނީ
ރާއްޖޭގައި ޒުވާން ރާޅާއެޅުންތެރިންތަކެއް ރާޅާއަޅަނީ
ޓްވިޓަރ
ރާޅާއެޅުންތެރިންނަށް އަޅާލާ
މޮޅެތި ރާޅާއެޅުންތެރިން އެބަތިބި، ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުން!
 
ރާޅާއެޅުންތެރިންނަށް ހަރަދުކުރަން ސަރުކާރުން ލިބެނީ ލައްކައެއްހާ ރުފިޔާ

ރާއްޖޭގެ ރާޅާއެޅުންތެރިންގެ ވާހަކައަކީ ދައްކަމުންގޮސް ހުސްނުވާނެ ވާހަކައެކެވެ. އެ ރާޅާއެޅުންތެރިން ހޯދަމުން އަންނަ ކާމިޔާބީ އަކީވެސް އާވާހަކަތަކެއް ނޫނެވެ. އެތައް ރާޅާއެޅުންތެރިންނެއް އަރަމުން އަންނައިރު، އެ ރާޅާއެޅުންތެރިންނަށް އެއްބާރުލުންދޭނެ ފަރާތެއް ނެތް ވާހަކައަކީ މިހާރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައެވެ.

ސަރުކާރުން މި އަހަރަށް ފާސްކުރި ބަޖެޓުގައި ރާޅާއެޅުންތެރިންނަށް ހަރަދުކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ ލައްކައެއްހާ ރުފިޔާއެވެ. އެއީ ހަމައެކަނި އެންމެ މުބާރާތެއް ބާއްވާލަން ޚަރަދުކުރެވޭ ފައިސާގެ އަދަދެވެ. ރާޅާއެޅުންތެރިން އުފައްދަން އަދި ރާޅާއެޅުންތެރިންނަށް އެކި ކަންތައްތައް މަގުފަހިކޮށްދޭން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން އަދި މޯލްޑިވްސް ސާފިން އެސޯސިއޭޝަންގައި ފައިސާއެއް ނުހުރެވެ.

 

ރާޅާއެޅުންތެރިން ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާނަމަ އެ މުބާރާތަކަށް ދާންޖެހެނީ އާންމުގޮތެއްގައި އަމިއްލަ ހަރަދުގައި ނުވަތަ ހެޔޮއެދޭ ފަރާތެއްގެ އެހީއާއެކުގައެވެ. ވަނައެއް ހޯދައިގެން ރާޅާއެޅުންތެރިޔަކު އެނބުރި ރާއްޖެ އައިސްފިނަމަ ވީއައިޕީ ލައުންޖުން މަރުހަބާ ކިޔަނީ ސަރުކާރުގެ ކޮންމެވެސް ކޯޑިނޭޓަރެކެވެ. މިނިސްޓަރެއް ލޮލު ކޮޅުން ވެސް ނުފެނެއެވެ. މިއީ އަޅުގަނޑުގެ ދެ ލޮލުން ފެނިފައިވާ މަންޒަރެވެ. އެ ރާޅާއެޅުންތެރިންނަށް އެއްވެސް އަގުވަޒަން ކުރުމެއް ނެތެވެ.

ރާޅާއެޅުންތެރިން މުބާރާތެއް ބާއްވާނަމަ އެ މުބާރާތަކަށް ސްޕޮންސާ ދޭނެފަރާތެއް ވެސް ގިނަ ފަހަރު ނުހުރެވެ. ރާޅާއެޅުންތެރިންނަކީ މުޖުތަމައުގައި ބަލައިގަންނަ ބައެއް ނޫންފަދައެވެ. އެހެން ނަމަވެސް މަދުފަހަރެއްގައި ވެސް ހެޔޮ އެދޭ ފަރާތްތަކުން ދޭ އެހީއަކީ އެ ރާޅާއެޅުންތެރިން ހަނދާނުން ފޮހެލާނެކަމެއް  ނޫނެވެ.

ގިނަ ރާޅާއެޅުންތެރިން ސިފަކުރާގޮތުގައި އެ ރާޅާއެޅުންތެރިން އުފަންވީ މާލޭ ރާޅުގަނޑުންނެވެ. އެތަން ވެސް ސަރުކާރުން ވަނީ ސަރުކާރުގެ ތަރައްގީއަށް ހިންގުމަށް ހަމަޖެހިފައިވާ ބްރިޖް މަޝްރޫއަށް ބަންދު ކޮށްފައެވެ. ރާޅުގަނޑު އަތުލުމާއެކު އެތައް ރާޅާއެޅުންތެރިންނެއް ރޮއްވާލިއެވެ. އެކަމުން އަދިވެސް އެ ރާޅާއެޅުންތެރިންނެއް އަރައެއް ނުގަނެވެ. މިކަމާ ދެކޮޅަށް ގިނަ އަދަދެއްގެ ރާޅާއެޅުންތެރިން ތެދުވެ "ސޭވް އަވާ ވޭވްސް" ގެ ނަމުގައި އިހުތިޖާޖު ވެސް ކުރިއެވެ.

އެހެން ނަމަވެސް ސިޔާސީ ބައެއް ނުފޫޒްތައް އެކަމުގެ ތެރެއަށް ވަނުމުން އެ ރާޅާއެޅުންތެރިން ވަނީ އެކަން ހުއްޓާލާފައެވެ. އަދިވެސް އެ ރާޅާއެޅުންތެރިން ތިބީ މުޅި ދުނިޔޭގައިވެސް ފާހަގަ ކޮށްލެވޭ އެންމެ ރީތި ރާޅުނަގާ އެއް ސްޓޭޑިއަމް ކަމަށްވާ މާލޭ ރާޅުގަނޑު ލިބޭނެ ދުވަހަކަށެވެ.  

ރާޅާއެޅުންތެރިން އަރަމުން އެބަ އާދެއެވެ. އެ ރާޅާއެޅުންތެރިން އުމުރުން ޅައިރު މިކަމަށް ޝައުގުވެރިކަން ބޮޑުވަމުން އާދެވެ. އެހެންނަމަވެސް އެ ކުދިންނަށްވެސް އެދެވޭ ގޮތުގައި ތަމްރީންތަކެއް ނުލިބެއެވެ. ރަނގަޅަށް ތަމްރީން ހަދާނެ ތަނެއް ވެސް ނުހުރެއެވެ. މިއީ ހުސް ފައިސާއާ ގުޅިފައިހުރި ކަންކަމެވެ.

ސިޔާސީ އެއްވެސް ކަމެއް ނުވައްދާ ރާޅާއެޅުންތެރިންނަށް އެހީވާންޖެހެއެވެ. މަގުމަތިވެފައިތިބި ރާޅާއެޅުންތެރިންނަށް މަގު ދައްކަންޖެހެއެވެ. އެ ރާޅާއެޅުންތެރިންނަށް ރަނގަޅަށް ތަމްރީން ހެދޭނެ ގޮތެއް ތަނަވަސް ކޮށްދޭންޖެހެއެވެ. އެ ރާޅާއެޅުންތެރިންނަށް ބޭނުންވަނީ ސަރުކާރުގެ ދީލަތި އެހީއާ އަޅާލުމެވެ. އެއީ މުސްތަގުބަލުގައި ދުނިޔޭގެ ޗެމްޕިއަނުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
14%
71%
7%
0%
7%
ކޮމެންޓް