ކ. މާލެ
|
18 އޯގަސްޓް 2017 | ހުކުރު 23:13
ގެފުޅުގެ ކުރީގެ ފޮޓޯއެއް
ގެފުޅުގެ ކުރީގެ ފޮޓޯއެއް
ސައުދީގެޒެޓް
ހައްޖު 1438
ތާރީޚީ ގޮތުން ހައްޖު
 
ހައްޖުގެ އަޅުކަން މިހާރު އަދާ ކުރަމުންދާ ގޮތް މުސްލިމުންނަށް އުނގަންނައި ދެއްވީ މި އުއްމަތުގެ ރަސޫލާ
 
އިސްލާމްދީނުގެ ކުރިންވެސް އެކި ގޮތް ގޮތައް ހައްޖުވުމަށް މައްކާ އަށް މީހުން އަންނަމުން ދިޔަ

ގެފުޅު ބިނާ ކުރެއްވުމަށްފަހު، ކޮންމެ އަހަރަކު އެއް ފަހަރު އިބްރާހީމްގެފާނު ހައްޖުވެ ވަޑައިގަތުމަށް މައްކާއަށް ޒިޔާރަތް ކުރައްވަމުން ގެންދެވިއެވެ. އިބްރާހީމްގެފާނު އަވަހާރަ ވުމަށްފަހު އެކަލޭގެފާނުގެ ދަރިކަލުން އިސްމާއީލްގެފާނުވެސް ހަމަ އެގޮތުގެ މަތިން ކޮންމެ އަހަރަކު ހައްޖަށް މައްކާއަށް ވަޑައިގަންނަވަމުން ގެންދެވިއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ހައްޖަށް މީހުން އައުމާއި، ހައްޖު އަދާ ކުރާ ގޮތަށް ދިޔައީ ބަދަލުތައް އަންނަމުންނެވެ.

އިސްލާމްދީނުގެ ކުރިން، މައްކާ އާއި މައްކާ އިން ބޭރުގެ މީހުން ހައްޖު މޫސުމުގައި ގެފުޅަށް ޒިޔާރަތް ކުރަމުން ދިޔައިރު، އޭރުގެ މީހުން އަޅުކަން ކުރަން ގެންގުޅުނު ބުދާއި އެހެނިހެން އެއްޗެހި ކައުބާގައި އަދި ވަށައިގެންވާ ސަރަހައްދުގައި ބަހައްޓާފައި ހުއްޓެވެ. ޝިބްލީ ނުއުމާނީ ވިދާޅުވާ ގޮތުން، އޭރު ހައްޖުވުމުގައި މިހާރު އަދާ ކުރާ ރުކުންތައް ކަމުގައިވާ ސަފާ އާއި މަރުވާ އާ ދެމެދު ހިނގުމާއި، އަރަފާތު ބިމަށް ދިއުމެއް ނޯވެއެވެ. އެކަމަކު އެމީހުން ހައްޖުވާއިރު މައްކާގެ ރަށްބޭރުގައި އެއްދުވަސް ހޭދަކުރެއެވެ. އެދުވަހު އެގޮތައް ތިބުމަށްފަހު ތަވާފު ކުރުމަށް މައްކާއަށް އެނބުރި އާދެއެވެ.

އިސްލާމް ދީނުގެ ކުރިން ހައްޖު މޫސުމަކީ ހަމައެކަނި އަޅުކަމުގެ މޫސުމެއް ނޫނެވެ. ހައްޖު މޫސުމުގައި ފެސްޓިވަލްތަކާއި، ކުޅިވަރުތަކާއި މުބާރާތްތައްވެސް ބާއްވަމުން ގެންދިޔައެވެ. މި ގޮތުން ޅެން ހެދުމާއި ޅެން ހެދުމުގެ މުބާރާތްތައް ދިޔައީ ބާއްވަމުންނެވެ. ޅެން ހެދުމުގެ މުބާރާތުން އެއްވަނަ އަށް އަންނަ ޅެން ގެފުޅުގައި ހަރުކޮށްފައި ބެހެއްޓުން ފަދަ އިސްލާމް ދީނާ ޚިލާފް ކަންކަން ދިޔައީ ކުރަމުންނެވެ.

ހައްޖުވުމުގެ ކަންކަން މިފަދަ ދަށު ދަރަޖައަކަށް ވެއްޓިފައި ދިގު މުއްދަތަކަށް އޮތެވެ. ނޭދެވޭ އެތައް ކަމެއް އެކުލެވިގެން ގާތްގަނޑަކަށް ދޭހާސް ފަސްސަތޭކަ އެއްހާ އަހަރުގެ މުއްދަތަކަށް ހައްޖުގެ ކަންކަން ހިނގަމުން ދިޔައެވެ. މި ދިގު މުއްދަތައް ފަހު މުޅި މަންޒަރު ބަދަލުވެގެން ދިޔައެވެ.

މިއަދު މި ފެންނަ ގޮތައް ހައްޖުގެ އަޅުކަން މުސްލިމް އުއްމަތައް ގާއިމްކޮށްދެއްވީ ރަސޫލް މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް އެވެ.

އީސާގެފާނު ދުނިޔެއަށް ވަޑައިގެންނެވިތާ 630 ވަނަ އަހަރު ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް މަދީނާ އިން މައްކާ އަށް ވަޑައިގަންނަވާ މައްކާ ހިއްޕެވިއެވެ. އަދި އެއާއެކު ކައުބާގައި ހުރި އަޅުކަންކުރާ ތަކެތި ނައްތާލައްވާ ކައުބާ ސާފު ކުރެއްވިއެވެ.

ޖެހިގެން އައި އަހަރު އަބޫބަކުރުގެފާނު އިސްވެ ހުންނަވާ 300 މުސްލިމުންނާ އެކު މައްކާގައި ހައްޖުގެ އަޅުކަން އަދާ ކުރެއްވިއެވެ. އަދި އަލީގެފާނު މުސްލިމުންނާ މުޚާތަބް ކުރައްވާ ހައްޖުގެ އަޅުކަމާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ. މި ވާހަކަފުޅުގައި އަންނަ އަހަރުން ފެށިގެން އައުރަ ނިވާ ނުކޮށް އަންނަ މީހުންނަށާއި، ﷲ އަށް އީމާން ނުވާ މީހުންނަށް ގެފުޅު ވަށާ ތަވާފު ނުކުރެވޭނެ ކަމަށް އަލީގެފާނު ވިދާޅުވިއެވެ.

ހިޖްރައިން 10 ވަނަ އަހަރު (އީސާގެފާނު ދުނިޔެއަށް ވަޑައިގެންނެވިތާ 632 ވަނަ އަހަރު) ކީރިތި ރަސޫލާ މުސްލިމުންގެ ބޮޑު ޖަމާއަތަކާ އެކު ނުކުންނަވާ ހައްޖުގެ އަޅުކަން އަދާ ކުރެއްވިއެވެ. މިއީ އެކަލޭފާނުގެ ފުރަތަމަ އަދި ފަހު ހައްޖެވެ. މި ހައްޖުގައި ހައްޖުގެ އަޅުކަން އަދާ ކުރަންވީ ގޮތް ރަސޫލާ މުސްލިމުންނަށް ދެއްކެވިއެވެ. މި ހައްޖުގެ ތެރޭގައި އަރަފާތަށް ވަޑައިގެން، މަޝްހޫރު ހައްޖަތުލް ވަދާއު އެކަލޭގެފާނު ދެއްވިއެވެ.

އިސްލާމްދީން އައުމަށް ފަހު ބޮޑެތި ގާފިލާ ތަކުގައި ސީރިއާ އިންނާއި މިސްރުން އަދި އިރާގުން އެތައް ހާސް މީހުން ހައްޖުވުމަށް ދަތުރު ކުރަން ފެށިއެވެ. މި ގޮތުން ދަތުރު ކުރާ ގާފިލާ ތަކާއެކު، ދަތުރުމަތީގެ ރައްކާތެރިކަން ހޯދައި ދިނުމަށް ހަތިޔާރު އެޅި ގްރޫޕްތައް ދަތުރު ކުރެއެވެ. އަދި ސިއްހީ ޚިދުމަތްތައް ދިނުމަށް ބޭސްވެރިންވެސް ދަތުރުގައި ބައިވެރިވެއެވެ.

އަރަބި ސައްޔާހުން ކަމުގައިވާ އިބްރު ޒުބައިރު އާއި އިބްން ބަތޫތާ ލިޔުއްވާފައިވާ ގޮތުގައި، ހައްޖުވެރިންގެ ގާފިލާތައް އޭރުވެސް ދަތުރު ކުރަމުން ދިޔައީ، އެކަށީގެންވާ ގޮތަކަށް ހައްޖަށް ދިއުމަށް ކަނޑައަޅާފައިވާ މަގުތަކުން ކަމުގައެވެ. އެއީ ހައްޖުވެރިންނަށް ޚާއްސަ މަގުތަކުގެ ގޮތުގައި ކަނޑައެޅިފައި އޮތް މަގު ތަކެކެވެ.

މިހާރަށް ބަލާއިރު ހައްޖަކީ އެތައް ތަނަކުން ފަސޭހަ ކަމާއެކު އަދާ ކުރެވޭ އަޅު ކަމެކެވެ. ހައްޖުވެރިންގެ ފަސޭހަ އަށް ތަފާތު ގިނަ ވަސީލަތްތައްވަނީ ގާއިމް ކުރެވިފައެވެ. މިނާ އާއި އަރަފާތުގައި މޯބައިލް ހޮސްޕިޓަލްތަކާއި އިމާރާތް ކުރެވިފައިވާ ހޮސްޕިޓަލްތައް އެބަހުއްޓެވެ. މައްކާ އިން މިނާ އަށް ޓްރޭން ގައި ދަތުރު ކުރެވެއެވެ. އެއާއެކު ދަތުރުގެ ވަގުތު އެތައް ތަނެއް ކުޑަ ވެގެން ދެއެވެ. މި ޚިދުމަތް މާދިނާ އާ ހަމައަށް ފުޅާ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ހޮޓާ ތަކާއި، ރެސްޓޯރެންޓްތައް ހައްޖުވެރިންގެ ޚިދުމަތުގައި 24 ގަޑީއިރު ހުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
100%
0%
0%
0%
0%
ކޮމެންޓް