ކ. މާލެ
|
12 އޯގަސްޓް 2017 | ހޮނިހިރު 22:07
ފޮޓޯ: މައްކާ ހަރަމްފުޅު
ފޮޓޯ: މައްކާ ހަރަމްފުޅު
ގޫގުލް
އިސްލާމްދީން
ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހުގެ މަތިވެރިކަމާއި މާތްކަން.
 
ޙައްޖުމަހުގެ ފުރަތަމަ ނުވަދުވަހު ރޯދަ ހިފުމަކީ ސުންނަތެއް

 

އަޅުކަމުގެ މޫސުމްތަކުގެ ތެރެއިން އެންމެ މަތިވެރިވެގެންވަނީ ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކެވެ. އަހަރުގެ އެެހެން ހުރިހާ ދުވަސަތަކަށްވުރެ، ﷲ ތަޢާލާ އެދުވަސްތައް މަތިވެރި ކުރައްވާފައި ވެއެވެ. ރަސޫލު ﷲ صلى الله عليه وسلمގެ ކިބައިން، ﷲ ތަޢާލާ ރުއްސުން ލެއްވެވި އިބްނު ޢައްބާސް ރިވާ ކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ.

قال النبي صلى الله عليه وسلم: “«مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهَا أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ» يَعْنِي أَيَّامَ الْعَشْرِ، قَالُوا: يَا رَسُولَ اللَّهِ، وَلَا الْجِهَادُ فِي سَبِيلِ اللَّهِ؟ قَالَ: «وَلَا الْجِهَادُ فِي سَبِيلِ اللَّهِ، إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ، فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ»” (رواه أبو داود وصححه الألباني)

ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ: “މިދިހަ ދުވަސްތަކަށްވުރެ (އެބަހީ: ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށްވުރެ) ބޮޑަށް، ﷲގެ ޙަޟްރަތުގައި ހެޔޮ ޢަމަލުތަކަށް ލޮބުވެތިގެންވާ އެހެން ދުވަސްތަކެއް ނުވެއެވެ. ޞަޙާބީ ބޭކަލުން ދެންނެވިއެވެ. ‘ﷲގެ މަގުގައި ޖިހާދު ކުރުމަށްވުރެވެސް ހެއްޔެވެ؟’ އެކަލޭގެފާނު ދެންނެވިއެވެ. ‘އާނއެކެވެ. ‘ﷲގެ މަގުގައި ޖިހާދު ކުރުމަށްވުރެވެސްމެއެވެ. އެހެންނަމަވެސް އެއީ ‘ﷲގެ މަގުގައި ޖިހާދު ކުރުމަށް އެމީހެއްގެ ނަފްސާއި މުދަލާއިގެން ނިކުމެ އެއިން އެއްވެސް އެއްޗަކައިގެން އެނބުރި ނާންނަ މީހަކު ފިޔަވައެވެ.'”

މިއިން ދޭހަކޮށްދެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޙައްޖުމަހުގެ ފުރަތަމަ ދިހައެއް، އަހަރުގެ އެހެން ހުރިހާ ދުވަސްތަކަކަށް ވުރެ މަތިވެރިވެގެންވާ ކަމެވެ. އެއީ ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަށް ވުރެވެސް މެއެވެ. އެހެން ނަމަވެސް ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތައް ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކަށް ވުރެ މަތިވެރިވެގެން ވެއެވެ. އެއީ ލައެލަތުލް ޤަދްރި ވިލޭ ރޭ، ރަމަޟާންމަހުގެ ފަހުދިހައެއްގެ ރޭތަކުން ކުރެ ރެއެއްގައި ހިމެނޭތީއެވެ. އެރޭގެ ހެޔޮކަންތައް އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ.

އަޅުގަނޑުމެންނަކީ މާދަމާ ވެސް މަރު އައިސް އަޅުގަނޑުމެންނާއި ބައްދަލުކޮށްފިނަމަ ސުވަރުގެއަށް ދެވޭނެކަމުގެ އެއްވެސް ޔަޤީންކަމެއް އޮތް ބައެއް ނޫނެވެ. އަޅުގަނޑުމެން މިވަނީ ރަސޫލު ﷲ صلى الله عليه وسلمގެ ޙަދީޘްފުޅުގައި ވާފަދައިން، ނުބައިކަންތައްތަކަށް އަރައިގަތުމަށް އަވަސްވެގަންނަ އަދި ހެޔޮ ކަންތައްތައް ކުރުމަށް ލަސްވެގަންނަ ބައެއްކަމުގައި ވެފައެވެ. އެހެންކަމުން ވަޤުތު ފާއިތުވުމުގެ ކުރިން އަޅުގަނޑުމެން ހެޔޮކަންތައްތަކަށް އަވަސްވެގަނެ، މިދިހަ ދުވަހުގެ ފައިދާ ފުރިހަމައަށް ލިބިގަންނަމާތޯއެވެ. މިގޮތުން މި 10 ދުވަހުގެ ފައިދާ ލިބިގަތުމަށް ކުރެވިދާނެ ބައެއް ހެޔޮ ޢަމަލުތަކުގެ ތެރޭގައި ރޯދަހިފުން، ތަކްބީރާއި ތަޙްމީދާއި ތަހްލީލް ކިޔުން އިތުރު ކުރުން، ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުން، އުޟްޙިޔާ ކަތިލުން ހިނެއެވެ.

 ރޯދަ ހިފުން.

ޙައްޖުމަހުގެ ފުރަތަމަ ނުވަވަނަ ދުވަހު ރޯދަ ހިފުމަކީ ސުންނަތެކެވެ. ރަސޫލު ﷲ صلى الله عليه وسلم އެދުވަސްތަކުގައި ރޯދަ ހިއްޕަވާ ކަމުގައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلمގެ ބައެއް އަނބިކަނބަލުން ރިވާ ކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ.

“كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصُومُ تِسْعَ ذِي الْحِجَّةِ“ (رواه أبو داود وصححه الألباني)

“ﷲގެ ރަސޫލާ صلى الله عليه وسلم، ޙައްޖުމަހުގެ ފުރަތަމަ ނުވަދުވަހުގައި ރޯދަ ހިއްޕަވައެވެ.”

 ތަކްބީރާއި ތަޙްމީދާއި ތަހްލީލް ކިޔުން އިތުރު ކުރުން.

ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހު ތަކްބީރު ކިޔައި ތަޙްމީދު ކިޔައި ތަހްލީލު ކިޔައި އުޅުމީ ސުންނަތެކެވެ. މިގޮތުން މިސްކިތުގައާއި ގޭގައާއި މަގުތަކާއި އަދި މިނޫނަސް ޛިކުރު ކުރެވޭ ކޮންމެ ތަނެއްގައިވެސް ކިއިދާނެއެވެ. ފިރިހެނުން ކިޔާނީ އަޑު ހަރުކޮށެވެ. އަންހެނުން އަޑު މަޑު ކޮށެވެ. ﷲ ތަޢާލާ ރުއްސުން ލެއްވެވި ޢަބްދުﷲ ބުނު ޢުމަރު ކީރިތި ރަސޫލާ صلى الله عليه وسلمގެ ކިބައިން ރިވާ ކުރެއްވެވި ޙަދީޘްފުޅެއްގައެވެ.

قال النبي صلى الله عليه وسلم:مَا مِنْ أَيَّامٍ أَعْظَمُ عِنْدَ اللهِ وَلَا أَحَبُّ إِلَيْهِ الْعَمَلُ فِيهِنَّ مِنْ هَذِهِ الْأَيَّامِ الْعَشْرِ، فَأَكْثِرُوا فِيهِنَّ مِنَ التَّهْلِيلِ وَالتَّكْبِيرِ وَالتَّحْمِيدِ” (أخرجه احمد )

ކީރިތި ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ: “މިދިހަ ދުވަހަށްވުރެ (އެބަހީ: ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށްވުރެ) މަތިވެރި އަދި އެއިލާހުގެ ޙަޟްރަތުގައި އެދުވަސްތަކަށްވުރެ ހެޔޮ ޢަމަލުތަކަށް ލޮބުވެތިގެންވާ އެހެން ދުވަސްތަކެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން އެދުވަސްތަކުގައި ތަހްލީލާއި* ތަކްބީރާއި* ތަޙްމީދު* ކިޔާހުށިކަމެވެ.”

* ތަކްބީރަކީ: الله أكبر ، الله أكبر لا إله إلا الله ، والله أكبر ولله الحمد މިއެވެ. އަދި މިނޫން އެހެން ގޮތްގޮތަށް ވެސް ވާރިދުވެފައިވެއެވެ.

* ތަހްލީލަކީ: لا إلَهَ إلاَّ الله وحْدَهُ لا شَرِيكَ لَهُ، لَهُ المُلْكُ ولَهُ الحَمْدُ وهُوَ على كلِّ شيءٍ قَدير މިއެވެ. އަދި މިނޫން އެހެން ގޮތްގޮތަށް ވެސް ވާރިދުވެފައިވެއެވެ.

* ތަޙްމީދަކީ: الحَمْدُ لِلّـهِ މިއެވެ. އަދި މިނޫން އެހެން ގޮތްގޮތަށް ވެސް ވާރިދު ވެފައިވެއެވެ.

ތަކްބީރަކީ މިޒަމާނުގައި ވަރަށް ބޮޑަށް އުވި ގޮސްފައިވާ ސުންނަތެކެވެ. އަދި ޚާއްޞަކޮށް ފުރަތަމަ ދިހައެއްގައި މެއެވެ. މިހާރު މަދު މީހަކު މެނުވީ ތަކްބީރު ކިޔާތީއެއް ނުފެނެއެވެ. އިބުނު ޢުމަރާއި އަބޫ ހުރައިރާ އާއި ދެބޭކަލުން ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކުގައި ބާޒާރު ތެރެއަށް ނިކުމެވަޑައިގެން ހަރުއަޑުން ތަކްބީރު ވިދާޅުވާކަމަށް ޘާބިތުވެފައިވެއެވެ. އަދި އެބޭކަލުންގެ ތަކްބީރުގެ އަޑުއިވުމުން އެހެން މީސްތަކުންވެސް ތަކްބީރު ކިޔައި ހަދައެވެ. މިޒަމާނުގައި ތަކްބީރު ކިޔައި މިއުޅެނީ އިމާމު ނުވަތަ އެހެންމީހަކު ނަމަވެސް ކިޔުމުން އެމީހެއްގެ އަޑު ދަށުންނެވެ. އެހެންނަމަވެސް މިއީ ސުންނަތާއި ޚިލާފު ގޮތެކެވެ. ސުންނަތްވެގެންވަނީ ކޮންމެ މީހަކު ވެސް އަމިއްލައަށް ތަކްބީރު ކިޔުމެވެ. ޞަޙާބިއްޔަ ބޭކަލުންވެސް އެކަން ކުރައްވާފައި އޮތީ އެގޮތަށެވެ.

 ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުން.

ޙައްޖުމަހުގެ ފުރަތަމަ ދިހައިގައިވާ އެންމެ މަތިވެރި އަޅުކަމަކީ ﷲގެ ގެފުޅަށް ގޮސް ޙައްޖުވުމެވެ. ޙައްޖުވުމަށް ﷲ ތަޢާލާ މިންވަރު ކޮށްދެއްވައިފި މީހަކު، އެއަޅުކަން އަދާކުރަން އޮތް އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްފިނަމަ އެމީހަކަށް ބޮޑުވެގެންވާ ދަރުމަވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

“الْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلَّا الْجَنَّةُ” (رواه البخاري ومسلم)

“މަބްރޫރު ޙައްޖަކަށް ސުވަރުގެ ފިޔަވައި އެހެން އެއްވެސް ޖަޒާއެއް ނުވެއެވެ.”

 އުޟްޙިޔާ ކަތިލުން.

މިދިހަދުވަހުގެ ތެރޭގައި ﷲ ތަޢާލާއަށް ކުއްތަންވުމަށްޓަކައި ކުރެވޭ އެއް ޢަމަލަކީ ޙައްޖު ދުވަހާއި ޖެހިގެން އަންނަ ދުވަހު، އާދެ ޢީދު ދުވަހު އުޟްޙިޔާ ކަތިލުމެވެ. މިގޮތުން ނަޢަމް ސޫފީގެ ތެރެއިން ހިމެނޭ ރަނގަޅު ފަލަ ނުވަތަ ހެޔޮވަރު ޖަނަވާރެއް ހޯދައި އެއަށް ލާރި ހޭދަކޮށް ﷲ އަށް ޤުރުބާން ކުރުމެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި ޢާއްމު ގޮތެއްގައި ޢީދު ދުވަހު ކަތިލާ އުޅެނީ ކުކުޅެވެ. ގެރިބަކަރިފަދަ ޖަނަވާރުން އަދާކުރަންޖެހޭ އަޅުކަމެއް އެތަކެތި ލިބެން ހުންނަކަމުގައިވާނަމަ މުސަޅެއް ނުވަތަ ކުކުޅެއް ނުވަތަ މަހެއް ކަތިލައިގެން ޤަބޫލު ނުކުރެވޭނެއެވެ. އެހެންކަމުން ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފަމާތޯއެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު