ކ. މާލެ
|
7 އޯގަސްޓް 2017 | ހޯމަ 12:11
ޑިފެންސް މިނިސްޓަރުގެ މަގާމު ނާޒިމްއާ ހަވާލު ކުރައްވަނީ
ޑިފެންސް މިނިސްޓަރުގެ މަގާމު ނާޒިމްއާ ހަވާލު ކުރައްވަނީ
ރައީސް އޮފީސް
ނާޒިމް- ރައީސް ޔާމީން
އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟
 
ނާޒިމް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން
 
ނާޒިމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ރައީސް ޔާމީން ކުރެއްވި
 
ނާޒިމަކީ އެންމެ ފުރަތަމަ އައްޔަން ކުރެއްވި މިނިސްޓަރު

ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނުގެ ކެބިނެޓުން އެންމެ ފުރަތަމަ ޖާގައެއް ދެއްވީ ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމަށެވެ. ނާޒިމަކީ ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައި ދެއްވުމަށް ބޮޑެތި ޚަރުދަތަކެއް ކުރެއްވި ބޭފުޅެކެވެ. ނާޒިމާއި ނާޒިމްގެ އާއިލާއިން ވަނީ ރައީސް ޔާމީނުގެ ކެމްޕޭނުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެފަ އެވެ. އޭގެ ލާމަސީލު އެއް މިސާލަކީ ރައީސް ޔާމީންގެ 2013 ވަނަ އަހަރުގެ މެނިފެސްޓޯ އެވެ. ނާޒިމްގެ ކޮއްކޮ، އާދަމް އާޒިމްގެ ބައިވެރިވުމާއެކު ލިޔެފައިވާ އެތައް ކަމަށް އެ މެނިފެސްޓޯގައި ހުރިކަމީ ހަގީގަތް އެނގޭ މީހުން ދެބަސް ވާނެ ކަމެއް ނޫނެވެ. ތިން ހަތަރު ފަހަރު އިންތިޚާބު ބާއްވައިގެން ރައީސް ޔާމީނަށް ވެރިކަން ވެދުން ކުރުމުން ގާއިމްކުރި ސަރުކާރުގެ ދިފާއުގައި އައްޑަނައަކަށްވެގެން ނިކުމެވަޑައިގަތީ ވެސް ނާޒިމެވެ. ޝައިނީއާއި ތޯރިގާއި ސައީދު މެންފަދަ މިނިސްޓަރުންނަކީ، ތިބި ބައެއްކަން ވެސް އެނގުނީ ނާޒިމްގެ "ދުވަސް ދުއްވާލި" ފަހުންނެވެ.

ކަންތައް އެހެން ވެގެން ދިއުމުގެ ފަހަތުގައި ސަބަބުތަކެއް ވެސް އެބަހުއްޓެވެ. ސަރުކާރުގެ މަތީފަޑީގައި ތިބި މީހުން އެއިރު ބެލީ ހިހޫ ތަނުން ކައިގެން އުޅެވޭތޯ އެވެ. ހިންގާފައި ހުރި ބޮޑެތި ކޮރަޕްޝަންތަކުން މިކަން ހާމަވެއެވެ. މިލިއަނުން ބިލިއަނުން ނަގައި، އެއް ބަޔަކު ދައުލަތް ދަވާލަމުންދިޔައިރު، ސަރުކާރުގެ މޫނު މައްޗަކަށް ހުންނެވީ ނާޒިމެވެ. ފެނަށް ޖެހުމުން ފެނިގެން ދިޔައީ ނާޒިމެވެ. ރަށެއްގެ އިންޖީނެއް ހުއްޓުނަސް އެކަމާ އުޅުއްވަނީ ނާޒިމެކެވެ. ރަށަކަށް އުދަ އެރިޔަސް އެންމެ އަވަހަށް އެކަމަކާ އެޓެންޑް ކުރެއްވީ ނާޒިމެވެ. ޑިފެންސްއިން ފެށިގެން ގޮސް ހެލްތާ ހިސާބަށް ނާޒިމެވެ. އިދިކޮޅު ފަރާތްތަކަށް އެންމެ ވަރުގަދައަށް ބަސްތައް ރައްދު ކުރައްވަމުން ގެންދެވީ ވެސް ނާޒިމެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށް، ޑރ. މުހައްމަދު ވަހީދު ހިންގެވި ސަރުކާރުގައި ވެސް ނާޒިމްގެ ހިންގުންތެރިކަން ފެނިގެން ގޮސްފައިވާކަމީ އެއްކޮޅާއި ދެކޮޅުން ވެސް އެއްބަސްވާނެ ކަމެކެވެ.

ސަރުކާރުގެ ދިފާއުގައި ނާޒިމް ކޮށްދެއްވި މަސައްކަތްތަކަށާއި، ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައިދެއްވުމަށް ކޮށްދެއްވި މަސައްކަތްތަކުގެ އިނާމެއްގެ ގޮތުގައި ނާޒިމަށް ލިބިވަޑައިގަތީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އެޕާޓްމެންޓުން ހަތިޔާރު ފެނުނު ކަމަށް ބުނެ، ރާއްޖެއަށް ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާކޮށް، ނާޒިމް އެ ވަނީ ޖަލަށްލާފަ އެވެ. އެ ހުކުމް އިއްވި ފަހުން ހާމަވި ބޮޑެތި ހަގީގަތްތަކާއެކު ވެސް ނާޒިމަށް އިންސާފު ހޯދައިދިނުމަށް ވެސް އެ ދަނީ ދެކޮޅު ހަދަމުންނެވެ. ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ހަތިޔާރަކީ ފުލުހުން ވެއްދި އެއްޗެއް ކަން ހާމަވެއްޖެ އެވެ. އެ ހަތިޔާރުން އެއިރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ޑީއެންއޭ ފެނިއްޖެ އެވެ. އެންމެ ފަހުން އަދީބު އަމިއްލަފުޅަށް ކަންތައްތައް ހިނގި ގޮތް ވިދާޅުވެ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެއްޖެ އެވެ. ނާޒިމަށް އެ ފިސްތޯލައަކާ ގުޅޭ މައުލޫމާތު އެނގިނުލައްވާނެ ކަމަށާއި ސުޕްރީމްކޯޓުގައި ކަން ހިނގި ގޮތް ވިދާޅުވެ ދެއްވާނެ ކަމަށް އެ ވަނީ ވިދާޅުވެފަ އެވެ.

އިންސާފުގެ ކުނޑިފުކެއް ވެސް ނެތް ޝަރީއަތެއް ކަމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނާއި، އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމިއްޔާތަކުން ސިފަކޮށްފައިވާ ޝަރީއަތަކުން އިއްވި ހުކުމެއް ނާޒިމް އެ ގެންދަވަނީ ތަންފީޒް ކުރައްވަމުންނެވެ. އެ ވަރުން އަދި ނާޒިމް ދޫކޮށްލައްވާ ކަމަށް ރައީސް ޔާމީން ބޭނުންފުޅެއް ނުވި އެވެ. އާދިއްތަ ދުވަހު ބޭއްވި ހަފްލާއެއްގައި ރައީސް ޔާމީން ވަނީ ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖޭގައި ވެރިކަމެއް ގާއިމްކުރައްވަން ނާޒިމް އުޅުއްވި ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި 2013 ގެ އިންތިހާބާ ކުރިމަތިވިއިރު ދިވެހި ދައުލަތް އޮތީ ނާމާންކަމެއްގެ ތެރޭގައެވެ. ގާނޫނުއަސާސީގައި ބުނާ ގޮތަށް، ނޮވެމްބަރު 11 ގައި ރައީސަކު ހުވާކުރައްވާނެ ކަމުގެ ކުޑަ ވެސް އުއްމީދެއް ނެތް ކަމަށާއި ނޮވެމްބަރު 17 ވަނަ ދުވަހު އެމަނިކުފާނު ހުވާކުރެއްވި އިރު، އޭގެ ކުރިން، ޕްލޭންކޮށްފައި އޮތީ ބޭރުގެ ނުފޫޒު ދައުލަތަށް ފޯރާ ގޮތަށް ވެރިކަން ބައްޓަންކުރާ ގޮތަށް ކަމަށެވެ.

"ވަރަށް ނުރައްކާތެރި އެގްރީމެންޓެއްގައި ސޮއިކުރެވުނު. ޓްރޮއިކާ ނަމުގައި އެގްރީމެންޓެއްގައި ސޮއިކުރެވުނު. ސިޔާސީ ޕާޓީތަކުގެ އިސް ވެރިން އެ އެގްރިމެންޓުގައި ވަނީ ސޮއިކުރައްވާފައި،" ރައީސް ވިދާޅުވި އެވެ.

އެ އެގްރިމެންޓުގައި އޮތީ، ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ނޮވެމްބަރު 11 ގައި ހުވާކުރައްވާނެ ރައީސަކު ނެތް ނަމަ، ގާނޫނުއަސާސީގައި ބުނާ ގޮތަށް ކަންކަންކޮށް 60 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި ނިންމާގޮތަށް އެކުލަވާލައިފަ އެވެ. އިންތިގާލީ އިންތިޒާމުތަކެއްގެ ތެރެއިން ވެރިއަކު ކަނޑައެޅެންދެން، ވެރިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސާ ހަވާލުކުރަން ޖެހޭނެ ކަމަށް ވެސް އެ އެއްބަސްވުމުގައި އޮތް ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އިންތިހާބު ނިމެންދެން، އޭރުގެ ޕޮލިސް ކޮމިޝަނަރާއި ޑިފެންސް މިނިސްޓަރު މަގާމުގައި ދެމިތިއްބަވަންވާނެ ކަމަށް ވެސް އެއްބަސްވުމުގައި އޮތް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެ އެގްރީމެންޓަކީ ބޭރުގެ ނުފޫޒާއެކު ތައްޔާރުކޮށްފައި އޮތް އެގްރީމެންޓެއް ކަމަށާއި އެގްރީމެންޓުގެ ކަންކަން ދިވެހި ދައުލަތުގެ ފަރާތުން، ރައީސް ވަހީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ދިވެހި ދައުލަތުގެ ފަރާތުން އޭރު "އެންމެ ވަރުގަދަ އަށް އެ އެގްރިމެންޓު ނިންމައި ސީލް ޖަހައި" އުޅުއްވީ ނާޒިމް ކަމަށް ރައީިސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ ހިސާބުން އެއޮތީ ރާއްޖޭގެ އިސްތިގުލާލާއި ވެރިކަން ދޫކޮށްލާފައި ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި ބުނާ ތާރީޚަށް އިންތިހާބު ނުބޭއްވުނަސް ރާއްޖެ މުޅި ގެލެކްސީން ގެއްލިދާވަރުގެ ކަމެއް ނުހިނގަ އެވެ. ދައުލަތަކީ ދެމިގެންވާ ޝަހުސެއް ކަމަށާއި ގާނޫނީ ހުސްކަމެއް އަންނާނެ ކަމަށް ބަލައިގެން ނުރައްކާތެރި އެގްރިމެންޓް ކުރާ ހިސާބަށް ކަންކަން ނުދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އޭރު އެމަނިކުފާނު ހުންނެވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުގެ މަގާމުގައި ކަން ފާހަގަކުރައްވައި ވިދާޅުވީ ބޭރުގެ ނުފޫޒުގަދަ ދެ ބޭފުޅުންނާއި ދިވެހި ބޭފުޅަކު އެ އެއްބަސްވުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވަން ވަޑައިގަތް ކަމަށެވެ. އެ އެއްބަސްވުމުގައި ސޮއިކުރައްވަން އެމަނިކުފާނު އަރިހުގައި އެދިވަޑައިގަތުމުން، އެފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރެއްވޭނީ ޕީޕީއެމުގެ ކައުންސިލުން ނިންމައިގެން ކަމަށް ވިދާޅުވެ އިންކާރު ކުރައްވާފައިވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެތަނުން އެތަނަށް ކިޔާފައި އަޅުގަނޑު ބުނެފިން ބޭނުމެއް ނޫނޭ މިކަން ކުރާކަށް. އެއީ ދިވެހިރާއްޖޭގައި ވެރިކަން ފުރޮޅިގެންދާނެ، ބަދަލުވެގެންދާނެ ގޮތް ގާނޫނުއަސާސީގައި އެބައޮތޭ. އޭގެ ކުރިން އިންތިގާލީ އިންތިޒާމަކަށް ދާން އަޅުގަނޑު މިއަކު ސޮއެއް ނުކުރާނަމޭ،" ރައީސް ވިދާޅުވި އެވެ.

ނާޒިމާ ގުޅޭގޮތުން ރައީސް ޔާމީން މިފަދަ ވާހަކަތަކެއް ދެއްކެވިއިރު، އުފެދެނީ ހަމަ އެންމެ ސުވާލެކެވެ. ގައުމުގެ އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެގެންތޯ އެވެ؟ އަދި އެ މީހަކަށް އެންމެ ފުރަތަމަ ކެބިނެޓުން ޖާގަ ދެއްވީ ކީއްވެގެންތޯ އެވެ؟ 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
13%
0%
0%
88%
0%
0%
ކޮމެންޓް
9 އޯގަސްޓް 2017 | ބުދަ 18:21
މޯޑް
ވެރިކަން ފުރޮޅިގެން ހިގައިދާނެތީ ބިރުފުޅުން. މިޤައުމުގައި ޔާމީނު ނޫން ދެންތިބި ތިން ލައްކައެއްހާ އެންމެންނަކީ ބުއްދި ހަމަނުޖެހޭ މޮޔައިން. މިކަހަލަ ތެދުވެރި ، އަހުލާގާ ސުލޫކު އެހާމެރަނގަޅު ، އޯގާތެރި ، ރައްޔިތުންނަށް ހެޔޮއެދޭ ، ބުއްދިވެރިއަކު މިޤައުމުގަ އުފެދުނީތީވެ އައްސަރިބަހާއި ސާބަސް ރައްދުކޮށް އެމަނިކުފާނުގެ އެމާތް ކަރުފުޅުގައި މާފަތިއަޅުވަން ވީހާވެސް ގިނަ ދިވެހިން މިއަދު ނިކުންނަށް ޖެހޭ. ހާދަހާވާމޮޅު ބުއްދިއަކާ ވިސްނުމެކޭ އެހުންނަނީ. މި މަނިކުފާނު ނެތްނަމަ މިޤައުމު އޮޔާލާ ދާނެކަން ޔަޤީން