ކ. މާލެ
|
31 ޖުލައި 2017 | ހޯމަ 16:47
އަގްސާ މިސްކިތް ކައިރީގައި ހިނގި ކުރިމަތިލުމެއްގައި ޒަޚަމްވި ފަލަސްތީނުގެ އަންހެނަކު ޕެރަމެޑިކްސް ޓީމަކުން ފަރުވާ ދިނުމަށް ގެންދަނީ
އަގްސާ މިސްކިތް ކައިރީގައި ހިނގި ކުރިމަތިލުމެއްގައި ޒަޚަމްވި ފަލަސްތީނުގެ އަންހެނަކު ޕެރަމެޑިކްސް ޓީމަކުން ފަރުވާ ދިނުމަށް ގެންދަނީ
އޭއެފްޕީ
ފަލަސްތީނުގެ ޖިހާދު
ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!
 
އިޒްރޭލުން ބޭނުންވަނީ އަލް ގުދުސް ހުރިތާނގައި ފައްޅިއެއް އަޅަން
 
އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް ވަޑައިގަތުމުން އިޒްރޭލުގެ ނުބައިކަން ވަނީ އިތުރުވެފައި
 
އިރުމަތީ ޖެރޫސަލަމް އާއި އަލް އަގްސާ އަށް އިޒްރޭލުން ވެރިވެގަނެގެން އުޅެނީ ގަދަބާރުން

މި ހިނގާ ޖުލައި މަސް ފެށިގެން މަސް ދެ ބައި ވީއިރު، އިޒްރޭލް ސިފައިންގެ އަނިޔާވެރި ހަމަލާތަކުން ހިފައިފައިވާ އިރުމަތީ ޖެރޫސަލަމް އިން ފަލަސްތީނުގެ ހަތަރު މީހުން ޝަހީދު ކޮށްލާ، ހާހެއްހާ މީހުން ޒަޚަމް ކޮށްލައިފިއެވެ. ޚުދު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އިޒްރޭލްގެ ޖަމްއިއްޔާ އަކުންވެސް މި އަދަދުތަކާ މެދު ކަންބޮޑުވުން ފާޅު ކޮށްފައިވެއެވެ.

ނަމަވެސް ފަލަސްތީންގެ ރައްޔިތުން ފަހަތަކަށް ނުޖެހެއެވެ. ހިތްވަރެއް ބައްޔެއް ނުވެއެވެ. އެންމެ ތަންފުކެއްވެސް ދުލެއް ނުދެއެވެ. އަތުގައި ހަތިޔާރެއް ނެތް ފަލަސްތީންގެ އާއްމު ރައްޔިތުންނާ ކުރިމަތި އެ ލަނީ، ދުނިޔޭގެ އެންމެ ބާރުގަދަ އެއް ފައުޖަށް ނިސްބަތްވާ، ޒަމާނީ ހަތިޔާރާ އެކު ބަރު އުޅަނދުތަކުގައި އަންނަ އިޒްރޭލްގެ ސިފައިންނެވެ.

ފަލަސްތީންގެ ރައްޔިތުންނަށް އަނިޔާވެރިންގެ ކިބައިން ދިފާއު ކުރަން ޖެހިފައިވަނީ މުސްލިމުންގެ އެންމެ މުގައްދަސް އެއް މިސްކިތެވެ. އަލް އަގްސާ މިސްކިތެވެ. އަލް އަގްސާ އާއި ޖެރޫސަލަމް ޒަޔަނިސްޓުންގެ އަތްދަށުން މިނިވަން ކުރުމަށް ކުރާ މަސައްކަތުގައި ފަލަސްތީންގެ ރައްޔިތުން ދެކެނީ އެއީ ހަމަ އެކަނި ދީނީ ވާޖިބެއް ނޫން ކަމަށެވެ. އަލް އަގްސާ އާއި ޖެރޫސަލަމް އަކީ ފަލަސްތީންގެ އެތައް ހާސް ރައްޔިތުންނެއްގެ އެތައް ހައްގުތަކާވެސް ގުޅިފައިވާ ތަނެކެވެ.

އިޒްރޭލް ސިފައިން އިރުމަތީ ޖެރޫސަލަމް ހިފީ 1967 ވަނަ އަހަރުއެވެ. އިޒްރޭލް ސިފައިން ގަބޫލު ކުރާ ގޮތުގައި ޖެރޫސަލަމް އަޅުވެތި ކޮށްފައި އެމީހުންގެ އަތްދަށުގައި ބޭއްވުމަކީ އިޒްރޭލް ސިފައިންނަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބެވެ. އެ ކާމިޔާބު އިޒްރޭލް ސިފައިން ކޮންމެ އަހަރަކު ފާހަގަ ކުރަނީ ފަލަސްތީންގެ ރައްޔިތުންނަށް އަހަރުން އަހަރަށް ކުރާ އަނިޔާ އިތުރު ކުރުމުގެ ތެރޭންނެވެ.

އިޒްރޭލުން ފަލަސްތީންގެ ޖެރޫސަލަމް އާއި އަލް އަގްސާ ހިފައިގެން ތިބެ ފަލަސްތީން ރައްޔިތުންނަށް ފުރައްސާރަ ކުރުމަށް އެތައް ކަމެއް ކުރަމުން ގޮސް މިހާރު ދައްކާ ވާހަކައަކީ ގުދުސް ހުރި ބިމުގެ އަޑީގައިވާ ފައްޅިއެއް ހޯދުމަށް އަލް ގުދުސް ތަޅާލާ ވާހަކައެވެ.

އިރުމަތީ ޖެރޫސަލަމް އިޒްރޭލުގެ އަތްދަށަށް ގެންދިއުމަށް ފަހު އެތަނުގެ ހުރިހާ ކަމެއް ކޮންޓްރޯލް ކުރަނީ އިޒްރޭލް ސިފައިންނެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެތައް ހާސް އިޒްރޭލް ސިފައިންގެ މަސައްކަތަކަށް ވެފައި އޮންނަނީ، މަގުތަކާއި އެކި އިމާރާތްތަކާއި، ގޯޅި ގޯޅީގައި، ޗެކް ޕޮއިންޓްތައް ހަދައިގެން ތިބެ ދާހާ ފަލަސްތީން މީހަކު ޗެކް ކުރުމެވެ. ޗެކް ކުރުމުގެ ތެރޭގައި މީހުން ހައްޔަރު ކުރުމާއި ފުރައްސާރަ ކުރުމަކީ އިޒްރޭލް ސިފައިންގެ އާދައެވެ.

އިޒްރޭލްގެ މަގްސަދަކީ އެކި ގޮތްގޮތުން ފަލަސްތީންގެ ރައްޔިތުންނަށް ދަތިކޮށް ފިއްތުންތައް ކުރިމަތިކޮށްގެން ހުޅަނގު ޖެރޫސަލަމް އިން ފަލަސްތީން މީހުން ނުކުމެގެން ދާނެ ގޮތެއް ހެދުމެވެ. އޭރުން ގަވައިދާ ޚިލާފަށް ހުޅަނގު ޖެރޫސަލަމްގައިވެސް އިޒްރޭލު މީހުން ވަޒަން ވެރި ކުރުވުމަށް ގެދޮރު އެޅުމަށް ފުރުސަތު ލިބޭނެއެވެ.

ގަވައިދާ ހިލާފަށް 1981 ވަނަ އަހަރު ޖެރޫސަލަމް އަކީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ހެދުމުގެ ކުރިންވެސް އެ ސަހަރުގައި ފަލަސްތީން ރައްޔިތުން އުޅެމުން ދިޔައީ އަމިއްލަ ވަޒަނުގައި ބީރައްޓެހިން އުޅޭ ބީދައިންނެވެ. އިމާރާތް ކުރުމާއި، ދަތުރުފަތުރު ކޮށް އުޅުން ފަދަ ކަންކަމަކީ ވެސް އިޒްރޭލުން ހިފަހައްޓާފައިވާ ކަންކަމެވެ. އަލް އަގްސާއަށް ނަމާދަށްވެސް އެރޭނީވެސް އިޒްރޭލުން ހުއްދަ ކުރިއްޔާއެވެ.

އިޒްރޭލުގެ މި ފިއްތުންތަކާއި އުނދަގޫތަކުގެ ކުރިމަތީގައި ފަލަސްތީންގެ ރައްޔިތުން ފަހަތަކަށް ނުޖެހެއެވެ. އެމީހުންގެ އުއްމީދަކީ، ފަލަސްތީންގެ ވެރި ރަށުގެ ގޮތުގައި ޖެރޫސަލަމް ހެދުމެވެ.

ހަގީގަތަކީ ފަލަސްތީންގެ ރައްޔިތުންގެ ވަޒަނަށް ވެރިވެންގެން ތިބި ބަޔަކު އެތަނުގެ އަހުލުވެރިންނަށް ދުއްތުރާކޮށް އުނދަގޫކޮށް އަދި ނުވިތާކަށް އެއްވެސް ކުށެއްނެތި މީހުންގެ މުދަލަދަށާއި ގޯތި ގެދޮރަށާއި ފުރާނައަށް އަރައިގަނެ ހަދަމުންދާ ކަމެވެ.  

އެންމެ ފަހުން ހިނގައި މިދިޔަ ހަމަނުޖެހުންތައް ފެށުނީ ހަތިޔާރު އެޅި ފަލަސްތީންގެ ތިން ޒުވާނަކާއި ފަލަސްތީނަށް އަރާ ތިބި އިޒްރޭލްގެ ސިފައިންނާ ދެމެދު ޖުލައި މަހުގެ 14 ވަނަ ދުވަހު ހިނގި ކުރިމަތިލުމަކާ ގުޅިގެންނެވެ. މި ކުރިމަތި ލުމުގައި ވަގުތުން ބަޑިޖަހާ ފަލަސްތީންގެ ތިން ޒުވާނުން މަރާލިއެވެ. އިޒްރޭލު ސިފައިންގެ ދެމީހުންވެސް މަރުވިއެވެ. މުޅި މީޑިއާގައި އޮތީ އިޒްރޭލް ސިފައިންނަށް ފަލަސްތީން ބަޔަކު ހަމަލާދީ މަރާލި ވާހަކައެވެ. އަނެއް ކޮޅުން ހަމަ އެދުވަހު، ފަލަސްތީންގެ އެތައް ރައްޔިތުންނެއް ހުޅަނގު އައްސޭރީގައި އިސްރާއިލް ސިފައިން ޝަހީދު ކުރިއެވެ. ހިފާފައިވާ ސަރަހައްދުން ހުޅަނގު އައްސޭރިއަށް ތިން އަހަރުގެ ކުއްޖަކު ފަރުވާދޭން ގެންދަން އުޅުމުން އެކަމުގެ ހުއްދަ ނުލިބިގެން އުޅެނިކޮށް އެކުއްޖާވެސް މަރުވިއެވެ. މިއީ ހުޅަނގަގެ މީޑިއާއިން މައްސަލަ ރިޕޯޓު ކުރާއިރު ނުބަލާ ކަންކަމެވެ.

ޖުލައި 14 ވަނަ ދުވަހު ހިނގި ކަންތައްތަކާ ގުޅިގެން އިޒްރޭލް ސިފައިން ވަގުތުން އަލް އަގްސާ މިސްކިތް ބަންދު ކުރިއެވެ. މިއީ ފަހުގެ ތާރީޚެއްގައި އަލް އަގްސާ އަށް އެއްގޮތަކަށްވެސް ނުވަދޭ ގޮތައް ބަންދު ކުރި ފުރަތަމަ ފަހަރެވެ. މިސްކިތް އަލުން ހުޅުވީ މެޓަލް ޑިޓެކްޓަރ ހަރުކުރުމަށް ފަހުގައެވެ. އެއާއެކު ފަލަސްތީންގެ ރައްޔިތުން އެކަމާ އިހުތިޖާޖު ކުރަމުން ދިޔައެވެ. އެތައް ބައެއްގެ ފުރާނަ ދިޔައިރުވެސް އަދި އެތައް ބަޔަކު ޒަޚަމް ވެގެން ދިޔައިރުވެސް އިޒްރޭލްގެ މި އަމަލާ މެދު އިހްތިޖާޖު ކުރުމުގައި ފަލަސްތީންގެ ރައްޔިތުން އެންމެ ތަންކޮޅެއްވެސް ދޫ ނުކުރިއެވެ.

ޖުލައި 24 ވަނަ ދުވަހު މެޓަލް ޑިޓެކްޓަރުތައް ނެގުމަށްފަހު "ސްމާޓް ސާވޭލަންސް ޓެކްނޮލޮޖީ" އިޒްރޭލް ސިފައިން އަލް އަގްސާ މިސްކިތުގެ ސަރަހައްދުގައި ބޭނުން ކުރަން ފެށިއެވެ. އިޒްރޭލްގެ އަމަލުތަކުން ދޭހަވަނީ އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތުން ނަމަވެސް މުސްލިމުންގެ މި މުގައްދަސް ބިނާގެ ކޮންޓްރޯލް އެމީހުން ބާއްވާން ބޭނުންވާ މިންވަރެވެ.

އިޒްރޭލުން ބޭނުންވަނީ ހަމައެކަނި އަލްއަގްސާ ހިފާ އެތަން ނައްތާލުމެއް ނޫނެވެ. އެމީހުންގެ ރޭވުމުގައި މުޅި ޖެރޫސަލަމްގައި ޔަހޫދީން ވަޒަންވެރި ކުރުވުން ހިމެނެއެވެ. މި އަހަރުގެ އޭޕްރީލް މަހު އިޒްރޭލުންވަނީ އަލަށް ފަނަރަ ހާސް ގެ އިރުމަތީ ޖެރޫސަލަމްގައި އެޅުމުގެ ޕްލޭނެއް ހާމަކޮށްފައެވެ. މިއީ ސީދާ ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފަށް އިޒްރޭލުން ކުރިއަށް ގެންދަން ރާވާފައިވާ ޕްލޭނެކެވެ. ބައިނަލް އަގްވާމީ މުޖްތަމައުން އިރުމަތީ ޖެރޫސަލަމް އަކީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ބަލައެއް ނުގަނެއެވެ. އޭގެ ބަދަލުގައި ބައިނަލް އަގްވާމީ މުޖްތަމައުން ގަބޫލު ކުރަނީ އިރުމަތީ ޖެރޫސަލަމްއަކީ ފަލަސްތީނުގެ ސިޓީއެއް ކަމުގައެވެ.

އިޒްރޭލަށް ހުރިހާ ގޮތަކުންވެސް މަދަދު ވެރިވާ އެމެރިކާއިންވެސް އިރުމަތީ ޖެރޫސަލަމްއާ ގުޅޭގޮތުން މިހާތަނަށް ގެންގުޅެފައިވާ ސިޔާސަތައް ބަލާއިރު، އެ ސިޓީއަކީ ފަލަސްތީންގެ ސިޓީއެއް ކަމަށް ވައިޓް ހައުސް އިން އައީ ގަބޫލު ކުރަމުންނެވެ. އަދި އެމެރިކާގެ ކޮންގްރެސް އިން އެކަމާ ގޮންޖެހި ކޮންމެ ފަހަރަކުވެސް ވައިޓްހައުސް އިން ވަނީ އެ ވިސްނުން ބަދަލު ކުރުމަށް ދެކޮޅު ހަދާފައެވެ. ނަމަވެސް އެއީ އެމެރިކާގެ ވެރިކަމަށް ޓްރަމްޕް ވަޑައިގަތުމާ ހަމައަށެވެ.

އެމެރިކާގެ ވެރިކަމަށް ޓްރަމްޕް ވަޑައިގަތުމުން އެމެރިކާ ރައްޔިތުންނަށްވުރެ ބޮޑަށް އެކަމާ އުފާކުރީ އިޒްރޭލްގެ ރައްޔިތުނެނެވެ. ޚާއްސަކޮށް ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީންނެވެ. އެމެރިކާގެ ވެރިކަން ބަދަލުވުމާއެކު ހަމައެއް ލަމެއް ނުގެންގުޅުއްވާ އިޒްރޭލްގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އަށް ހީފުޅުވީ، ޖެރޫސަލަމްގައި ބޭނުންފުޅު ކަމެއް ކުރައްވަން ހުރި ހުރިހާ ހުރަސްތަކެއް ނެތިގެން ދިޔައީ ކަމުގައެވެ. ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމާއެކު، ޖެރޫސަލަމްގައި މެދުތެރޭގައި ފައްޅި އެއް އެޅުމަށް ކުރިއަށް ގެންދާ ހަރަކާތް ކަމަށްވާ "ޓެމްޕަލް މައުންޓް" އަށް ވަނީ އާ ދިރުމެއް ލިބިފައެވެ. އެއާއެކު އަލް އަގްސާ މިސްކިތައް ހައްދުފަހަނަ އަޅާފައިވާ ޔަހޫދީންގެ ޒިޔާރަތްތައް ވަނީ އިތުރުވެގެން ގޮސްފައެވެ. އެމީހުންގެ އެ ޒިޔާރަތްތަކަށް މަދަދުވެރި ވުމުގެ ގޮތުން ހަތިޔާރު އެޅި ސިފައިންވެސް އެމީހުންނާއެކު އަލް އަގްސާއަށް އަންނަމުން ދެއެވެ.

އިޒްރޭލްގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީންގެ މެދުގައި ރައީސް ޓްރަމްޕްގެ މަގްބޫލުކަން އިތުރުވުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން މައިގަނޑު ގޮތެއްގައި ބިނާ ކުރެއްވީ އިސްލާމް ދީނާ ދެކޮޅަށެވެ. އިޒްރޭލްގައި ހުންނަ އެމެރިކާގެ އެމްބަސީ ޓެލްއަވީވުން ޖެރޫސަލަމަށް ބަދަލު ކުރައްވާނެ ކަމަށްވެސް އޭނާ ގެންދެވީ ވިދާޅުވަމުންނެވެ.

ޔުނެސްކޯގެ އެތައް ގަރާރަކުންނާއި އ.ދ ގެ އާއްމު މަޖިލީހުގެ އެތައް ގަރާރަކުން އިރުމަތީ ޖެރޫސަލަމް އަކީ ފަލަސްތީންގެ ބިމެއް ކަމަށް ކަނޑައަޅާ ފާސްކޮށްފައި އޮތް ނަމަވެސް، އެމެރިކާގެ މަދަދާ އެކު އިޒްރޭލުން އޭގެ ރައްދުގައި ކުރާ ކަމަކީ އެތަން ދޫކޮށް ދިއުމުގެ ބަދަލުގައި ފަލަސްތީންގެ ރައްޔިތުންނަށް އަނިޔާވެރި ވުމެވެ.

ރައީސް ކަމަށް ޓްރަމްޕް ވަޑައިގަތުމާއެކު، ހިފާފައިވާ ބިންތަކުގައި ގެދޮރު އެޅުން މަޑުޖައްސާލާފައި އޮތް އޮތުމަށް ނިމުމެއް ގެނެސް، ފަލަސްތީންގެ ރައްޔިތުންނަށް ދަތި ކުރުމުގެ ގޮތުން އިޒްރޭލްގެ ގާނޫނު ހަދާ މަޖިލީހުން ގެންދަނީ ގާނޫނުތައް ފާސް ކުރަމުންނެވެ. މި ގޮތުން ފާސްކުރާ ކުރާ ބައެއް ގާނޫނު ތަކަކީ ސީދާ ފަލަސްތީންގެ ރައްޔިތުން ރުޅި އަރުވާ ފުރައްސާރަ ކުރުމަށް ފާސްކުރާ ގާނޫނުތަކެއް ކަން ފާހަގަ ކުރެވެއެވެ. މި ގޮތުން މިއަހަރުގެ މާޗު މަހު ފާސްކުރި އަލް އަގްސާގައި ބަންގި ގޮވުން ކޮންޓްރޯލް ކުރާ ގާނޫނު ފާހަގަ ކުރެވެއެވެ. މިފަދަ ކަންކަން ކުރުމުން ފަލަސްތީންގެ ރައްޔިތުން ރުޅި އައިސްގެން ނުކުންނަ ކޮންމެ ފަހަރަކީ އެމީހުންނަށް އަނިޔާކޮށް ތަޅާ މަރާ ހަދަން އިޒްރޭލް ސިފައިންނާ ފުލުހުން ނަށް ލިބޭ ރަނުގެ ފުރުސަތެއް ކަހަލައެވެ.

ފަލަސްތީންގެ އާއްމު ރައްޔިތުން ކޮންމެ ދުވަހަކު އިސްތިއުމާރީ ބާރާ ހަނގުރާމަކޮށް ޝަހީދު ވެގެން ދާއިރު، އަނެއް ކޮޅުން ފަލަސްތީނުގެ ސަރުކާރަކީ ރައްޔިތުންނަށް މަގު ދައްކާ ރަނގަޅު ތަސައްވުރަކަށް މަސައްކަތް ކުރެވޭ ލީޑަރޝިޕެއް އޮންނަ ސަރުކާރަކަށް ނުވެއެވެ. ވެރިންގެ ގޮތުގައި ތިބޭ ފަރާތްތަކަކީ ބާރު ހޯދުމަށް އެކަކު އަނެކަކަށް ހަނގުރާމަ ކުރާ މީހުންނެވެ. އެއީ، އެއް ޖަމާއަތް އަނެއް ޖަމާއަތަކާ ޖެހި ފިތި ބާރުވެފައިވާ ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނެވެ. އެމީހުންނަކަށް އާއްމު ރައްޔިތުން ކުރަމުންދާ ޖިހާދަށް ވިސްނާނެ ވަގުތެއް ނެތެވެ.

އިޒްރޭލުން ޖެރޫސަލަމް އަތުލައިގަނެގެން ތިބޭތާ 50 އަހަރު ފުރުނު މުނާސަބާ ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ، އަލް އަގްސާ މިސްކިތާ ވަށައިގެންވާ ސަރަހައްދު އަބަދުގެ އަބަދަށް އޮންނާނީ އިޒްރޭލްގެ ބާރުގެ ދަށުގައި ކަމަށެވެ.

ރައީސް ޓްރަމްޕްގެ ސަރުކާރުން ބާރު ހޯއްދަވައިގެން ބޮޑުވަޒީރު ނަތަންޔާހޫ މިހާރު ހީފުޅު ކުރައްވައިގެން ހުންނެވީ، އިރުމަތީ ޖެރޫސަލަމްއާއި އެތަނުގައި ހުރި އަލް އަގްސާ މިސްކިތައް ބޭނުން ގޮތެއް ހެއްދެވުމަށް މިހާރު ދެން އިތުރު ހުރަހެއް ނެތް ކަމަށެވެ.

ނަތަންޔާހޫ އެގޮތައް ހީފުޅު ކުރެއްވިޔަސް، ފަލަސްތީނުގެ ރައްޔިތުންގެ ހިތްވަރާ އަޒުމުގެ ކުރިމަތީގައި ނަތަންޔާހޫ ބޭނުންފުޅު ހާ ގޮތެއް ހެއްދެވުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އިޒްރޭލުގެ ހަރުކަށި ސިފައިންގެ ބޫޓުތަކުން ކިތަންމެ ވަރަކަށް ގުންފައި ޖަހާފައި ޖެރޫސަލަމްގެ ބިންމަތީގައި ހިނގިއެއް ކަމަކު، ނުހައްގުން ވެރިވެގަނެފައިވާ އެ ބިމުގައި އިޒްރޭލަކަށް ބޭނުންހާ ގޮތެއް ނުހެދޭނެ ކަން އެންމެ ފަހުން ހިނގާ މިދިޔަ އަގްސާ މިސްކިތް ބަންދު ކުރުމުގެ ހާދިސާ އާ ގުޅިގެން ހިނގާ ދިޔަ ކަންކަމުންވެސް ހާމަވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
10%
90%
0%
0%
0%
ކޮމެންޓް