ކ. މާލެ
|
22 ޖުލައި 2017 | ހޮނިހިރު 07:22
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
މުހައްމަދު ޝަރުހާން
މަގޭ ރިޕޯޓް
އާރާއި ބާރަކީ ތާއަަބަދަށް ދެމި އޮންނަ އެއްޗެއް ނޫން، ނިމިދާން ނަގާނީ ހިނދުކޮޅެއް!
 
ނުފޫޒުތަކާއި، ވަޒީފާއަށް ވުރެ މާދަމާއަށް އިސްކަންދޭންޖެހޭ
 
ދުނިޔޭގެ ދަންފަޅި ހަމަކޮށް ދާންޖެހޭއިރު އެއްކުރިހާ މުދަލެއްގެ ބޭނުމެއް ނެތް
 
އާރާއި ބާރު ޖަމާކޮށް އުޅުނު މީހުން ނެތިކުރެއްވި ގޮތުން އިބްރަތް ހާސިލްކުރޭ

އާރާއި ބާރާއެކީ މި ބިންމަތީގައި ފައިޖަހައި ފުމެ އުޅުނު އެތައް ބައެއްގެ ވާހަކަ ކީރިތި ގުރުއާނާއި ތާރީޚީ ފަތްފުތްތަކުން ފެންނާން އެބަހުއްޓެވެ. ވިސްނާ ފިކުރުކުރާ ބަޔަކު އޭގެން އިބްރަތްތަކެއް ހާސިލްކުރޭތޯއެވެ. ފިރުއައުނާއި ހާމާނާއި ގާރޫނާއި، ނަމްރޫދާއި، ފީލް ބާގައިގެ މީހުންނާއި، ހިޓްލަރާއި މިހެން ގޮސް އެތައް ބައިވަރު ބައެކެވެ. ތިބާ މި ބިންމަތީގައި ބޮޑާވެ ކިބުރުވެރިކަން ދައްކައި އުޅޭއިރު އެމީހުންނާ މެދު ކަންތައް ވީގޮތާ މެދު ފިކުރުވެސް ކޮށްނުލަނީ ތޯއެވެ؟ އުސް ތަޚުތުތަކުގައި ތިބެ، މީސްތަކުން މައްޗަށް އަނިޔާވެރިވަމުން ދިޔަ އެ މީހުން މިއަދު ކޮބައިތޯ އެވެ؟ އެ މީހުން އެއްކުރިހާ މުދަލާއި ފައިސާ މިއަދު ކޮބައިތޯ އެވެ؟ ދުނިޔޭގެ މި ވަގުތީ ދަންފަޅި ނިންމާލުމަށް ފަހު ދާއިމީ ދުނިޔެއަށް ދާންޖެހުނު އިރު، އެ މީހުންނަށް އެ މުދަލާއި ފައިސާ ގެންދެވުނުތޯ އެވެ؟ ބޮޑާކަމާއި ކިބުރުވެރިކަން އިސްކުރުމުގެ ކުރިން ހަމަ އެންމެ ފަހަރަކަށް ނަމަވެސް ތިބާ ފިކުރުކޮށްބަލާށެވެ.

ވެރިކަމަކީ އޭގެ ރަހަ ކަރު ބުޑުގައި ލައިފިނަމަ ސަލާމަތް ނުވެވަރުގެ މަސްތެކޭ ޅެން ވެރިއަކު ބުނެފައިވެ އެވެ. ސަބަބަކީ ވެރިކަމުގެ އާރާއި ބާރާއި ލައްޒަތް ދެމެހެއްޓުމަށް އަނބިދަރިންނާއި، އެއްބަނޑުއެއްބަފާ މީހުންގެ ގަޔަށް އަތްލައި، އެ މީހުން މަރާފައި ހުރިކަން ދުނިޔޭގެ ތާރީޚުން ފެންނާން އޮތީމަ އެވެ. މީސްތަކުން މައްޗަށް އަނިޔާވެރިވެ، ހައްގާއި ބާތިލް އޮޅުވައި އަގީދާ ދޫކޮށްލާފައި ވެސް އެބަހުއްޓެވެ. އަނިޔާވެރިކަމާއެކު ދުނިޔެ މަތީގައި އުޅުނު މިފަދަ މީހުންގެ ވާހަކަ ދައްކާއިރު އަބަދުވެސް ފަށަންޖެހެނީ މިސްރުގެ ފިރުއައުނާ ހިސާބުންނެވެ. ބަނީ އިސްރާއިލްގެ ދަރިން ކަތިލައި، އެމީހުންގެ މައްޗަށް ގޮށްމުށުގެ ބާރުގައި ވެރިކަން ކުރަމުން ދިޔަ ފިރުއައުނާއި އޭނާގެ އައުވާނެއްގެ ގޮތުގައި އުޅުނު ހާމާނު ނިމިދިޔަ ގޮތަކީ މުޅި އިންސާނިއްޔަތަށް އޮތް މިސާލެކެވެ. 

މޫސާ އަލައިހިއްސަލާމް އެކަލޭގެފާނަށް ބާވައިލެއްވި ރިސާލަތައިގެން ފިރުއައުނާއި އޭނާގެ މީސްތަކުންގެ ގާތަށް ވަޑައިގަތްހިނދު އެބައިމީހުން ބުނިކަމުގައި ވަނީ: “މިއީ މޮޔައެކެވެ. ސިހުރުވެރިއެކެވެ. އަދި ފަސާދަކުރާ މީހެކޭ އެވެ". ފިރުއައުނާއި މިސްރުގެ މީސްތަކުން އީމާން ނުވެ ބޮޑާވެގަތް ހިނދު މާތް ﷲ މޫސާގެފާނަށް އެންގެވީ "… ކަލޭގެފާނު ތިމަން ރަސްކަލާނގެ އަޅުންނާއިގެން ރޭގަނޑު ހިންގަވައިވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ފަހަތުން ބަޔަކު ދާނެތެވެ. (އެބަހީ: ތިޔަބައިމީހުންގެ ފަހަތުން، ފިރުޢައުނާއި އޭނާގެ ލަޝްކަރު ދާނެތެވެ.)".

ފިރުއައުނު މޫސާގެފާނާއި ބަނީ އިސްރާޢީލުންގެ މަގަށް ހުރަސް އެޅުމަށް ގޮސް އަރާހަމަކުރީ މިސްރުގެ ސީނާ ނަމަކަށް ކިޔުނު ސަހަރާގެ ތެރެއިންނެވެ. މިހާރު ކިޔާގޮތަށްނަމަ އެ ހިސާބުގައިވާ ގަލްފް އޮފް ޢަޤަބާ އާއި ވީ ފަރާތު ކަނޑުގެ އައްސޭރިންނެވެ. ދެން ކަންތައް ވެގެންދިޔަ ގޮތް ކީރިތި ގުރުއާނުގައި ވަނީ ބަޔާންކޮށްދީފަ އެވެ.

"ފަހެ ތިމަން ރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ! ދެން (މޫސާގެފާނު ޖެއްސެވުމުން، ބާރަ ބަޔަށް) އެ ކަނޑު އިރައިގެން ހިނގައްޖެ އެވެ. އެއިން ކޮންމެ ބައެއް ބޮޑު ފަރުބަދައެއް ފަދައިންވިއެވެ. ތިމަން ރަސްކަލާނގެ އަނެއްބައިމީހުން ( އެބަހީ: ފިރުޢައުނާއި އޭނާގެ ޤައުމުގެ މީހުން) އެތަނަށް ކައިރިކުރެއްވީމެވެ. އަދި ތިމަން ރަސްކަލާނގެ މުސާގެފާނާއި، އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ އެންމެން (ޣަރަޤުން) ސަލާމަތްކުރެއްވީމެވެ. ދެން ތިމަން ރަސްކަލާނގެ އެހެންމީހުން (އެބަހީ: ކާފަރުން) ޣަރަޤުކުރެއްވީމެވެ.”

މިފަދަ އެހެން މީހަކަށް ބަލާލާނަމެވެ. މި ދުނިޔެމަތީގައި އެންމެ ބާރުވެރިކަމާއެކު ވެރިކަން ކުރި މީހުންގެ ތެރެއިން އެކަކަކީ ބާބިލުގެ ރަސްގެފާނު ނަމްރޫދު އެވެ. ވަރަށް ދިގު މުއްދަތަކަށް ނަމްރޫދުގެ ވެރިކަން ދިގުދެމިގެންދިޔަ އެވެ. އެކަމުގެ ސަބަބުން އޭނާގެ ބޮޑާކަމާއި ޖައްބާރުކަމާއި، ކިބުރުވެރިކަން އިތުރުވަމުން ގޮސް އިންތިހާ ދަރަޖައަށް ދިޔަ އެވެ. ދުނިޔެ ފަސާދަކޮށް، ބިންމަތީގައި ބަޣާވާތްކޮށް، މީސްތަކުން ނިކަމެތިކޮށް ބޭއިންސާފާއި އަނިޔާވެރިކަން އާންމުކުރި އެވެ. އޭނާގެ ނުބައިކަމާއި ނުލަފާކަން އިންތިހާއަށް ގޮސްފައިވަނިކޮށް، ތެދުމަގަށް އެނބުރި އައުމަށް އިބްރާހިމްގެފާނު ގޮވާލެއްވި އެވެ. މާތްﷲ އަށް ޝަރީކަ ނުކުރުމަށާއި އެކަލާނގެ ނޫން އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށް ގޮވާލެއްވި އެވެ.

އެ ހިނދު ނަމްރޫދު ބުނީ "ޚާލިގުވަންތަ ރަސްކަލާނގެ އަކީ ތިމަންނާއޭ" އެވެ. އިބްރާހިމްގެފާނު ވިދާޅުވި އެވެ. "ދިރުއްވައި މަރުގަންނަވަނީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެވެ." ޖަވާބުގައި ނަމްރޫދު ބުނީ "އަހުރެން ވެސް ދިރުވައި މަރަމެވެ."

ނަމްރޫދު އެހެން ބުނުމަށް ފަހު ދެ މީހަކު އެތަނަށް ގެނެސް އެކަކު މެރުމަށް ފަހު އަނެކަކަށް މައާފްދީ ދޫކޮށްލި އެވެ. އޭނާގެ ބޭނުމަކަށްވީ މީހުން މަރައި، ދިރުވުމުގެ ބާރު އޭނާއަށް ލިބިފައިވާކަން ދެއްކުމެވެ. މިފަދަ ޖައްބާރު، އަނިޔާވެރި ވެރިއެއްގެ ނިމުން އައީ ކުޑަކުޑަ ސޫތްޕެއް މެދުވެރިކޮށެވެ. ހަނގުރާމައިގެ މައިދާނުގައި ނަމްރޫދުގެ ލަޝްކަރުގެ މައްޗަށް ބިޔަ ވިލާގަނޑެއް ފަދަ ކުދިކުދި ސޫފިތަކެއް މާތްﷲ ފޮނުއްވެވި އެވެ. އެ ކުދިކުދި ސޫފިތައް ނަމްރޫދުގެ ލަޝްކަރުގެ ސިފައިންގެ ލޭ ބޮއެ، އެމީހުން ހަށިތައް ކައި، މުޅިން އަވަދިކޮށްލި އެވެ. އެ ކަންތައް ނިމުނު އިރު، ނަމްރޫދުގެ ބިޔަ ލަޝްކަރުގެ ކަށިތައް ނޫނީ ނެތެވެ. އެތަނުން ސޫތްޕެއް ނަމްރޫދުގެ ނޭފަތުން ވަދެ، އޭނާގެ ބޮލު ތެރޭގައި ގަރާރުވި އެވެ. ނަމްރޫދުގެ ބޮލުގެ ތެރޭގައި އެ ސޮރު އެތައް އަހަރެއް ވަންދެން އުޅުނެވެ. އެ މުއްދަތުގެ ތެރޭގައި އޭނާއަށް އަޅާ ވޭނާއި ތަދަށް ކިރިޔާ ވެސް އަރާމެއް ލިބެނީ، ޗާބޫކަކުން އޭނާގެ ބޮލުގައި ތެޅީމަ އެވެ. މާތް ﷲ ނަމްރޫދު ހަލާކުކުރެއްވީ، އެތައް އަހަރެއް ވަންދެން އޭނާއަށް ދުނިޔެމަތީގައި އެ އަޒާބު ދެއްވުމަށްފަހުގަ އެވެ. ނަމްރޫދުގެ ވާހަކަ އަލްބަޤަރާ ސޫރަތުގެ 258 ވަނަ އާޔަތުގައި ބަޔާންވެގެންވެ އެވެ. އެ އާޔަތުގައި އޭނާގެ ވާހަކަ ނިންމަވާލައްވާފައިވަނީ، އަނިޔާވެރިންނަށް މާތްﷲ ތެދުމަގު ނުދައްކަވާނޭކަން އަންގަވަމުންނެވެ.

އޭ އާރާއި ބާރު ޖަމާކޮށް ދުނިޔޭގެ މަސްތުގައި ޖެހިފައިވާ އިންސާނާ އެވެ. ތިބާގެ ނިކަމެތިކަން ހިނދުކޮޅަކަށް ނަމަވެސް ހިތަށް އަރުވާލަބަލާށެވެ. ތިބާގެ އަޖަލު ހަމަ މިވަގުތުކޮޅުގެ ތެރޭގައިވެސް ހަމަވެދާނެ އެވެ. ދުނިޔޭގައި އެއް ޒަމާނެއްގައި ހުރި ބާރުވެރި ފިރުއައުނުގެ ނިމުން އައީ ޣަރަގުވެގެންނެވެ. ދިގު މުއްދަތެއް ވަންދެން އާރާއިބާރު ޖަމާކޮށް އުޅުނު ނަމްރޫދުގެ ނިމުން އައުމަށް މެދުވެރިކުރެއްވީ ކުޑަކުޑަ ސޫތްޕެކެވެ. ތިބާގެ ނިކަމެތިކަން ވިސްނާލަބަލާށެވެ. ބިންމަތީގައި ގަދަކަން ދައްކައިގެން ތިބާއަށް ތާ އަބަދު ނޫޅެވޭނެކަން ވިސްނާށެވެ. މާތް ﷲ އިންސާނާ މި ދުނިޔެއަށް ފޮުނުއްވެވީ މިނިވަނެއްގެ ގޮތުގަ އެވެ. އެހެން އިންސާނަކަށް އަޅުވެތިވާން ނުޖެހޭ މީހެއްގެ ގޮތުގަ އެވެ. އަހަރެމެން އިންސާނުން އަޅުވެތިވާން ޖެހެނީ އެކަލާނގެއަށެވެ. އިންސާނީ ތަބީއަތަކީ މިނިވަންކަމެވެ. އަޅުވެތިކަމާއި އަނިޔާވެރިކަމާ ދެކޮޅު ހެދުމެވެ. ކަންމިހެން އޮތްއިރު، ތިބާ އެހެން މީހުން އަޅުވެތި ކުރުވަން މަސައްކަތް ތި ކުރަނީ ހިތުގައި ކުޑަވެސް ބިރުވެރިކަމެއް ނެތީމާ ހެއްޔެވެ؟

އޭ މީސްތަކުންގެ މެދުގައި އަދުލަށް ހުކުމްކުރުމަށް މާތް ﷲ ހެކިކޮށް ހުވާ ކުރެއްވި ފަނޑިޔާރެވެ. ތިބާއަކީ ހާދަހާ މަތިވެރި ޒިންމާއެއް ހަވާލުކޮށްފައިވާ ފަރާތެކެވެ. އެއްވެސް މުޖުތަމައުއަކަށް އަދި ގައުމަކަށް ވެސް އަދާލަތު ގާއިމްކޮށްގެން މެނުވީ ކުރިއަރައިގެން ނުދެވެ އެވެ. ތިބާ ތިއީ މީސްތަކުންގެ މެދުގައި އަދާލަތު ގާއިމްކުރުމަށް މެދުވެރިކުރައްވާފައިވާ ފަރާތެވެ. ތިބާގެ އަތް މަތީގައި ވަނީ ހާދަހާ މަތިވެރި ބާރަކެވެ. ޒިންމާ ފުރިހަމައަށް ހަނދާން ކުރައްވާށެވެ. އުރެދޭ މީހުންގެ ތެރޭގައި ތިބާ ނުވާށެވެ. މަރު ހަނދުމަ ކުރާށެވެ. ތިބާގެ މައްޗަށް ހުރި ނުފޫޒުތަކާއި، ތިބާގެ ވަޒީފާއަށް ވުރެ މާދަމާއަށް އިސްކަންދޭށެވެ. ތިބާގެ ވަގުތު ހަމަ މި ހިނދުކޮޅުގެ ތެރޭގައި ވެސް ހަމަވެދާނެ އެވެ. ބަރުޒަޚުގެ އާލަމުގެ ބިރުވެރިކަން ހިތަށް ގެނުވާށެވެ. ވިސްނާށެވެ. ތިބާގެ އަނބިދަރިންނަށް އެނގިހުރެ އަލިފާން ކާންދޭނީތޯ އެވެ؟ އިޚްތިޔާރު ވަނީ ތިބާގެ އަތް މަތީގަ އެވެ. ފިކުރުކުރާށެވެ. އާރާއި ބާރަކީ ތާއަބަދަށް ދެމި އޮންނަ އެއްޗެއް ނޫނެވެ. ނިމިދާން ނަގާނީ ހިނދުކޮޅެވެ. ހަމަ އެފަދައިން ތިބާގެ ފުރާނަ ހަށިގަނޑުން ނިކުމެދާން ވެސް ނަގާނީ ހަމަ ހިނދުކޮޅެކެވެ. 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
8%
54%
8%
21%
8%
0%
ކޮމެންޓް
22 ޖުލައި 2017 | ހޮނިހިރު 20:26
ފަނޑިޔާރެ
މީނަ ފިލާއޮވެ ރައްޔިތުން މަގުމައްޗައް ނިކުންނަން ގޮވާލަން ލަދެއްނުގަނޭބާ؟
22 ޖުލައި 2017 | ހޮނިހިރު 20:24
ހމޒ
ބާރުތައް ވަކިވެފައިވާ ސަރުކާރެއް ބޭނުން ނަމަ މިހާރު މިއޮތީ އެކަހަލަ ސަރުކާރެކެވެ. މަޖްލިސް ބައިވެއްޖެއެވެ. ފަނޑިޔާރުން ބައިވެއްޖެއެވެ؟
22 ޖުލައި 2017 | ހޮނިހިރު 18:24
ހމޒ
ކަލޯ މޮޔަ ވާންވީނު. ތިކިޔޭ އެއްޗެއް އެބަ އިނގޭތޯ؟ 3 ލައްކަ މީހުންގެ އުންމީދާ ނުކުލެވޭނެއިގޭތޯ؟ ޙޭ ހުއްޓާ އަނބުރާ ނާންނާތި މިައީ ދިވެހިން؟
22 ޖުލައި 2017 | ހޮނިހިރު 18:12
ހމޒ
ކަލޯ މީހުނަށް މާލެ އަރަންނުގޮވާ ތިމާމީހާ އެންމެފުރަތަމަ މާލޭ އެރޭތޯ؟
22 ޖުލައި 2017 | ހޮނިހިރު 18:10
ހމޒ
ރައްޔިތުން ހަތިޔާރަކާށް ހަދައޮގެން ކަލެއަށް ކަމެއްވާނީތޯ؟
22 ޖުލައި 2017 | ހޮނިހިރު 18:09
ހމޒ
ނަޝީދުވެސް އަރާތި މާލެއަށް ހިތްވަރެއް ހުރީ ވިއްޔާތަޅާނެ ކުދިންކޮޅެއް ހޯދައިގެ ތަޅަންތޯ؟