ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 08:16
ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ރައީސް އޮފީސް
އެމްއެމްޕީއާރްސީ ފައިސާ
އެމްއެމްޕީއާރުސީ ފައިސާގެ 80 އިންސައްތަ!
 
މިހާރު ވެސް ފައިސާ ލިބޭ އެކަމަކު ޚަރަދެއް ނުކުރޭ
 
އެމްއެމްޕީއާރްސީ ފައިސާ ސިޔާސީ ހަރަކާތްތަކުގައި ބޭނުންކުރުން
 
އަރަބި ގައުމަކުން ލިބެން އޮތް 100 މިލިއަން ޑޮލަރެއް

ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގައި އަޙްމަދު އަދީބް ޢަބްދުލްޣަފޫރަކީ ފާހަގަކޮށްލެވޭ ނަމަކަށް ވާނެއެވެ. އެ ނަން ފާހަގަކުރާނީ ކޮންގޮތަކަށް ކަން ނިންމަވާނީ ރައްޔިތުންނެވެ. ހަމަ ޔަޤީނުންވެސް އަޙްމަދު އަދީބްގެ ނަން ނުހިމަނައި، ރާއްޖޭގެ ސިޔާސީ ތާރީޚް ދެނެއް ފުރިހަމައެއް ނުކުރެވޭނެއެވެ. ސިޔާސީ ގޮތުން މުހިންމު މީހަކަށް އަޙްމަދު އަދީބް ވެގެން ދިޔައީ ލިޔެވިފައި އޮތް ތަދުބީރެއްގެ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ތަންފީޛްކުރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

 

ރައީސް ޔާމީންއަކީ ގިނިކަންޔާ ޕީޕީއެމްގެ އެތެރޭގެ އާދައިގެ އިންތިޚާބެއް ކާމިޔާބުކުރެވޭ ވަރުގެ މަޤްބޫލުކަމެއްވެސް އޮތް ބޭފުޅެއް ނޫނެވެ. ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރުގެ ވިހަގަދަ ބަސްތަކުން ރެކި، އިންތިޚާބު ކާމިޔާބުކުރަން ޖެހި ސިޔާސީ މަޅިތައް ރާވައިދިން މޭސްތިރިޔަކީ އަޙްމަދު އަދީބެވެ. ޕީޕީއެމްގެ އެތެރެއިން ރައީސް ޔާމީނަށް އޮތް ހުރަސްތައް ގިރާކުރަން ބޭނުންކުރި ފާލަމަކީވެސް އަޙްމަދު އަދީބެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ތާއިދާއި، "ހަނުތިބުން" މެދުވެރިވީވެސް އަދީބްގެ "ހިކުމަތުގެ" ސަބަބުންނެވެ. ރައީސް ޔާމީން ބޭނުންފުޅުވި މިސްރާބަށް ސިޔާސީ ތަސްވީރު އޮލަނބު ކުރުމަށް ކުރެއްވި ގަދަ އަމުރު އެ ގޮތުގައި ތަންފީޛްކުރުމުގެ ޖޯރު ހުރިކަމަށް ރައީސް ޔާމީނަށް ފެނިވަޑައިގެންނެވި ހަމައެކަނި ވަޒީރަކީ އަޙްމަދު އަދީބެވެ. ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ނަމަވެސް އަދީބް ޒިންމާ އެހާ ހިސާބަކަށް ނުނިމެއެވެ. ރައީސް ޔާމީންގެ ކަންނެތް މިޒާޖުގެ ސަބަބުން ޤައުމުގެ ކަންކަން ހިންގުމުގައި އަދީބަށް ބަރޯސާވުން ނޫން މަގެއް އެމަނިކުފާނަށް ފެނިވަޑައެއް ނުގެންނެވިއެވެ.

 

ރައީސް ޔާމީންގެ އެންގެވުންތައް ހީވާގިކަމާއެކު ތަންފީޛްކުރެއްވި އެމަނިކުފާނުގެ ނާއިބު މިއަދު އެ އޮންނެވީ ޖަލުގެ ތޭރިތަކުގެ ފުރަގަހުގައެވެ. އެ ގޮޅިން ބޭރަށް ބޯ ދިއްކޮށްލާ، އަދީބް ޢާންމު ރައްޔިތުންނަށް ހަނާ އަޅާލާ ކޮންމެ ފަހަރަކީ ސަރުކާރަށް ފޫނުބެދޭ ވަރުގެ ގެއްލުމެއް ތަޙައްމަލުކުރަންޖެހޭ ފަހަރެކެވެ. ކާނަލް ނާޒިމްގެ މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއާއި، އެމް.އެމް.ޕީ.އާރު.ސީ ގެ ބޮޑު ޚިޔާނާތުގެ ބަޔާން ވެގެން ދިޔައީ ރައީސް ޔާމީންއަށް ކުރިމަތިވާ ސިޔާސީ ހުރަސް ތަކަކަށެވެ.

 

އަޙްމަދު އަދީބްގެ ޞިއްޙީ ޙާލަތު ގޯސްވެގެން، ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ދިއުމަށް އެދުމުން ރައީސުލްޖުމްހޫރިއްޔާ، ގައުމީ ޓީވީގައި ދިވެހި ރައްޔިތުންނާއި މުޅި ދުނިޔޭގެ ކުރިމަތީގައި އަޙްމަދު އަދީބްގެ ފުރާނައަށް އަގު ކީއެވެ. އެމް.އެމް.ޕީ.އާރު.ސީ އިން ގެއްލުނު ފައިސާ އަނބުރާ ދީފައި ދާނޭ ތަނަކަށް ދާންވީ ކަމުގައެވެ. އެ ވިދާޅުވެވުނު ބަހުގެ ރައްދަކަށްވީ އަދީބްގެ ބަޔާނެވެ. އަރަބި ގައުމަކުން ލިބޭން އޮތް 100 މިލިއަން ޑޮލަރަށް ބަރޯސާވެގެން އެމް.އެމް.ޕީ.އާރު.ސީ.ގެ ފައިސާ ސަރުކާރު ހިންގާ ޕާޓީގެ ސިޔާސީ ކަންކަމުގައި ބޭނުންކުރުމުގެ ގަދަ އަމުރެވެ. އެ 100 މިލިއަން ޑޮލަރަކީ ފ.އަތޮޅު ވިއްކާލުމުގެ ޑީލް ކަމެއް، ނުވަތަ މުޅި ދިވެހިރައްޔިތުންގެ ބޮލުގައި އެޅޭ ގޮތަށް ނަގާ ދަރަންޏެއް ކަމެއްވެސް ސާފެއް ނުވެެއެވެ. ކަށަވަރުވީ އެމް.އެމް.ޕީ.އާރު.ސީ. ގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރަމުން ދިޔައީ ކުރިއަށް ލިބެންއޮތް 100 މިލިއަން ޑޮލަރެއްގެ ހިސާބު ޖަހައިގެންކަމެވެ. އެ ހުވަފެނުގައި ސަރުކާރު އޮއްވައި، ގިތެޔޮ ގުޅި ތަޅައިގެން ދިޔައީއެވެ. އެމް.އެމް.ޕީ.އާރު.ސީ. އިން ޚަރަދުކުރި ފައިސާ ގެއްލުނު ތާނގައި، އެއްކަލަ ލިބޭނޭ ކަމަށް ދޮންކުރި 100 މިލިޔަނެއްވެސް ނައެވެ.

 

އަދީބް ވިދާޅުވީ ތެދެކެވެ. އަދީބް ސިޔާސީ ކަންކަމަށް ޚަރަދުކުރިއެވެ. ލައްކައިންނާ މިލިޔަނުންނެވެ. އެއްކޮޅާއި އިދިކޮޅު މީހުންނަށްވެސް އެކަން އެނގެއެވެ. އެއިން މަންފާތަކެއްވެސް އެތައް ބަޔަކަށް ކުރިއެވެ. އެ ވިދާޅުވާ ސިޔާސީ ގޮތުން ލިބޭ ފައިސާ ޚަރަދުކުރުމާ އަދީބް ޙަވާލުވެހުރި އިރެކޭ އެއްގޮތަށް މިހާރުވެސް އެފައިސާ ލިބެމުންދާކަމަށް އަދީބް ވިދާޅުވެެއެވެ. މިހާރު އެފައިސާ ދީލަތިކަމާއެކު ޚަރަދުކުރަން އަދީބެއް ނެތީއެވެ. ހަމަ ޔަޤީނުންވެސް އެފައިސާއިން މަންފާކުރާނޭ ބަޔަކު ސަރުކާރުގެ ތެރޭގައި ތިބޭނެއެވެ.

 

އަރަބި ގައުމަކުން ހޯއްދަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށްބުނާ 100 މިލިޔަން ޑޮލަރަށް ބަރޯސާވެގެން އެމް.އެމް.ޕީ.އާރު.ސީ. ގެ ފައިސާ ނެގީއެވެ. މައްސަލައެއް ނެތެވެ. ސިޔާސީ ކަންކަމަށް ފައިސާ ޚަރަދުކުރަމުން ދިޔައީ އަދީބެވެ. އެހެންނަމަވެސް އެއީ އެމް.އެމް.ޕީ.އާރު.ސީ. އިން އުނިވާ ފައިސާގެ އެންމެ 20 އިންސައްތަ ކަން އަދީބްގެ ބަހުން އެނގެއެވެ. ބާކީ 80 އިންސައްތަ ދީފައިވަނީ ސީދާ ރައީސް ޔާމީންއަށް ކަމަށް ޒިޔަތު ވިދާޅުވިކަމަށް އަދީބް އެބަ ވިދާޅުވެެއެވެ. ސިޔާސީ ކަންކަމަށް ރައީސް ޢަބްދުﷲ ޔާމީން ޚަރަދުނުކުރައްވާކަމާއި، މެންބަރުންނަށްވެސް ފައިސާ ދެއްވީ އަދީބް މެދުވެރިކޮށް ކަމަށް ރައީސް ޔާމީން ވިދާޅުވާކަމަށް މެންބަރުން ވިދާޅުވާއިރު، އެމް.އެމް.ޕީ.އާރު.ސީ. ގެ ފައިސާގެ 80 އިންސައްތަ މިހާރު ވީ ކޮންތާކުބާއެވެ. މިއީ ޖަވާބު ނުލިބޭ ސުވާލެކެވެ. ސުކޫލު ކުރިންގެ ދަބަހާއި ހިތާނީ ކޭމްޕާއި، ކަދުރު ބެހުމަށް ޞަދަގތް ފައުންޑޭޝަނުން ޚަރަދުކުރީވެސް އެމް.އެމް.ޕީ.އާރު.ސީ.އާ ގުޅުންހުރި ފައިސާއެއް ނޫންކަން ވަނީ ހާމަވެފައެވެ. އެހެންވީމާ އެ 80 އިންސައްތަ ފައިސާ ކޮންމެވެސް ތަނެއްގައި ރައްކާކުރެވިފައި ހުންނާނެތާއެވެ. ޙަޤީޤަތް ވަންހަނާވާނޭ ދުވަސް ޔަޤީނުންވެސް އަންނާނެއެވެ. އެފައިސާ ހުރިތަން ހާމަވެ، އެފައިސާ ދިވެހި ދައުލަތަށް ވަންނަ ދުވަހަކީ ދިވެހިރާއްޖެއަށް ތިޔާގި ދުވަހަކަށް ވާނެތާއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
21%
21%
11%
18%
29%
0%
ކޮމެންޓް
15 ޖުލައި 2017 | ހޮނިހިރު 21:53
މަ
ޙަޤީޤަތް ފާޅުވާނޭ ދުވަސް ދޯ ، ވަންހަނާވާނޭ ދުވަހެއް ނޫން
15 ޖުލައި 2017 | ހޮނިހިރު 16:34
ޙމޒ
ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ކުރެއްވި ހުކުމުގައި ވަނީ ބުރާސްފަތި ދުވަހުން ފެށިގެން ޕާޓީއަކުން މެމްބަރަކު ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ އެކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އެންގުމުން އެ މެމްބަރަކު މަގާމުން ވަކިވީ ކަމަށެވެ!؟ އެ ހާލަތުގައި އެ ދާއިރާއެއްގެ ބައި އިލެކްޝަނެއް އިލެކްޝަންސް ކޮމިޝަނުން ބާއްވަން ޖެހޭނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ!؟ ސުޕްރީމް ކޯޓުގެ ހުކުމުގެ އުސޫލުތައް ހިނގާނީ އެންޓި ޑިފެކްޝަން ލޯ (މެމްބަރުން ވަކިވާނެ ހަލާތްތައް ބަޔާންކުރާ ގާނޫނެއް) މަޖިލީހުން ފާސްކުރަން ދެންނެވެ!؟ އެފަދަ ގާނޫނެއް ވުޖޫދަށް ގެނައުމަކީ މުހިންމު ކަމެއް ކަމަށް ވެސް ހުކުމުގައިވެ އެވެ!؟