ކ. މާލެ
|
8 ޖުލައި 2017 | ހޮނިހިރު 01:45
ރާއްޖޭގެ އެއް ނަމްބަރު ދުވުންތެރިޔާ ހަސަން ސާއިދު (ކ) އަދި ދުނިޔޭގެ އެއް ނަމްބަރު ދުވުންތެރިޔާ އުސެއިން ބޯލްޓް (ވ)
ރާއްޖޭގެ އެއް ނަމްބަރު ދުވުންތެރިޔާ ހަސަން ސާއިދު (ކ) އަދި ދުނިޔޭގެ އެއް ނަމްބަރު ދުވުންތެރިޔާ އުސެއިން ބޯލްޓް (ވ)
ޓްވިޓަރ
ހަސަން ސާއިދު
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!
 
ސާއިދު އަކީ ރާއްޖޭގެ 100 މީޓަރު ދުވުން، 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އޮތް އެތްލީޓު
 
ސާއިދު އަކީ އެޓްލެޓިކްސް އިން ބައިނަލްއަގުވާމީ ރަން މެޑަލްއެއް ގެނައި ހަމައެކަނި އެތްލީޓް
 
ސާއިދު ވަނީ މި އަހަރު އޭޝިއާގެ ހަތަރުވަނަ ހޯދާފައި

ހަސަން ސާއިދު (ކަޅޭ) އޭ ބުނުމުން މި ރާއްޖޭގައި އެއީ ކާކުކަން ނޭނގޭ މީހަކު ހުންނާނެހެން ހިއެއްނުވެއެވެ. އޭނާ އަކީ ދުވުމުން  މަޝްހޫރުކަން ހޯދާފައިވާ ކުޅަދާނަ ޒުވާނެކެވެ. ޒުވާން އުމުރުގައި ދުވުމުން ގައުމީ ރެކޯޑުތައް އަދި ގައުމީ މުބާރާތްތަކުގެ މެޑަލްތައް އޭނާ ހޯދި އެވެ. މީގެއިތުރުން ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ސާއިދުވަނީ ކާމިޔާބީތައް ހޯދާފައެވެ.

ދިވެހިން ހެއްވާލުމަށްފަހު ސާއިދު މިފަހަރު ވަނީ އޭޝިއާގެ 100 މީޓަރު ދުވުމުން ހަތަރުވަނަ ހޯދާފަ އެވެ. ސާއިދު އޭޝިއާގެ ހަތަރުވަނަ ހޯދީ ބިޔަ ގައުމުތަކާ ވާދަކޮށްގެންނެވެ. އޭގެ ތެރޭގައި ގަތަރު، ޗައިނާ، މެލޭޝިއާ، އިރާން، ހޮންކޮންގް އަދި ޖަޕާންގެ ދުވުންތެރިން ހިމެނެއެވެ.

ސާއިދު ވަނީ މިދިޔަ އަހަރުވެސް އޭޝިއާގެ މުބާރާތެއްގެ ފައިނަލުގައި ވާދަކޮށްފައެވެ. އެފަހަރު އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕުގެ ފައިނަލުގައި ވާދަކޮށް ސާއިދު ވަނީ 12 ގަޑިއިރެއްގެ ތެރޭގައި ދެފަހަރެއްގެ މަތިން ގައުމީ ރެކޯޑުވެސް އާކޮށްފައެވެ. އޭނާ މި މުބާރާތުގެ ފައިނަލުގައި ވާދަކުރީ ނަން މަޝްހޫރު އޭޝިއާގެ ގިނަ އެޓްލީޓުންނާ ވާދަކޮށްގެންނެވެ.

ސާއިދު އަށް ގިނަ މީހުން ކަޅޭއޭ ކިޔަސް، އޭނާއަށް ބޮލްޓްއޭ ކިޔާ އެތައް ބަޔަކުވެސް ރާއްޖޭގައި ތިބެއެވެ. ޖަމައިކާގައި ބޮލްޓްގެ އިރުޝާދުގެ ދަށުން ތަމްރީން ލިބިގެންފައިވާ ސާއިދު ވަނީ އޭޝިއާގެ 12 ވަނަ ދުވުންތެރިޔާ ގޮތުގައި އޭޝިއަން ޗެމްޕިއަންޝިޕްގެ 100 މީޓަރު އަދި 200 މީޓަރު ދުވުމުގެ ސެމީފައިނަލުގައި 2014 ވަނަ އަހަރު ވާދަކޮށްފައެވެ. ސާއިދު ވަނީ 2013 ވަނަ އަހަރު 200 މީޓަރު ދުވުމުގެ ސެމީފައިނަލުގައިވެސް ވާދަކޮށްފައެވެ. އެފަހަރު އޭނާ އަށް ލިބުނީ އެ އިވެންޓުން ނުވަ ވަނައެވެ.

މިދިޔަ އަހަރު އޮތް ސައުތް އޭޝިއަން ގޭމްސްގައި ވާދަކޮށް 100 މީޓަރު ދުވުން އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދި ސާއިދު ހޯދި އެންމެ ޝަރަފުވެރި ރަން މެޑަލް އަކީ 2015 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ 100 މީޓަރު ދުވުމުން އޭނާ ހޯދި މެޑަލް އެވެ. އެ މެޑަލްއާއެކު ސާއިދުގެ އަޑު ރާއްޖޭގައި އިވެމުންދިޔަލެއް ބާރުވިއެވެ. އަދި މީހުންގެ ތަރުހީބުތައް އޭނާ އަށް އޮސްސިގެންދިޔައެވެ. އޭނާ އަކީ ރާއްޖެއަށް އެޓްލެޓިކްސް އިން ބައިނަލްއަގުވާމީ ރަން މެޑަލްއެއް ހޯދައިދިން ފުރަތަމަ އެތްލީޓެވެ.

ސާއިދު އަކީ ހިތްވަރުގަދަ އަދި އެހާމެ ކުޅަދާނަ ދުވުންތެރިޔެކެވެ. 2014 ވަނަ އަހަރު ސާއިދު އަކީ އޭޝިއާގެ 12 ވަނައެވެ. އެހެންނަމަވެސް އޭނާ ވަނީ ކުރިއަރަމުން އައިސް މި އަހަރު އޭޝިއާގެ ހަތަރު ވަނަ ދުވުންތެރިޔާގެ މަގާމު އޭނާ ވަނީ ހޯދާފައެވެ. މިއީ ދިވެހިން ފަހުރުވެރިކޮށްލި ޒުވާނެކެވެ. ސާބަހޭ ސާއިދު!

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
38%
25%
13%
13%
13%
0%
ކޮމެންޓް