ކ. މާލެ
|
5 ޖުލައި 2017 | ބުދަ 13:13
އެންމެ ފުރަތަމަ ހުށަހެޅި މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ފަހު ޕީޕީއެމް ޕީޖީ ގުރޫޕުން އުފާފާޅު ކުރަނީ
އެންމެ ފުރަތަމަ ހުށަހެޅި މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ފަހު ޕީޕީއެމް ޕީޖީ ގުރޫޕުން އުފާފާޅު ކުރަނީ
ޓްވިޓަރ
މަސީހު އިތުބާރުގެ މައްސަލަ
އޭރު ފެޅީ ކޭކު، ދެން ފަޅާނީ ކޮންއެއްޗެއް؟
 
ޕީޕީއެމް މެމްބަރުން އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރުމަކީ މަސީހުގެ އިތުބާރާ ނެތްކަން ސާބިތުކޮށްދޭ ކަމެއް
 
މަޖިލީހުގެ ރައީސް ދެއްވި ރޯދަ ވީއްލުމަށް ހާޒިރުވި މެންބަރުންގެ އަދަދުން މަސީހު އަށް އިތުބާރު ނެތްކަން ހާމަވޭ
 
ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މަޖިލީހުގެ މެމްބަރުންނަކަށް އިތުބާރެއް ނުކުރޭ

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ދައުލަތް ހިންގުމުގެ ތިންބާރު މިނިވަން ކޮށްފައި ވަނީ، އެއްވެސް ބާރަކުން އަނެއް ބާރުގެ އިޚްތިޞާސް ތެރެއަށް ވަދެ އެއްބާރުން އަނެއް ބާރަށް ނުފޫޒު ނުފޯރާނޭ ގޮތެއްގެ މަތިންނެވެ.

މި ދެންނެވި އުސޫލުގެ މަތިން ޤާނޫނު އަސާސީގެ ތިންވަނަ ބާބުގައި އައިސްފައިވާ ޤާނޫނު ހެދުމުގެ ބާރު ނުވަތަ ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގައި ހަދަންޖެހޭ އެންމެހާ ޤާނޫނުތަކާއި ޤާނޫނުތަކަށް ބަލަދުގެނައުމާއި ބާތިލްކުރަންޖެހޭ ޤާނޫނުތައް ބާތިލްކޮށް ޤާނޫނުތަކާއި ޤާނޫނު އަސާސީ އިސްލާހު ކުރުމުގެ އެންމެހާ ބާރުލިބިގެންވާ ފަރާތެވެ.

ހަމައެހެންމެ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި، ވެރިކަން ހިންގުމުގެބާރު ޖަވާބުދާރީ ކުރުވުމާއި، މި ކަންކަމާ ގުޅިގެން ޤާނޫނުއަސާސީ އާއި ޤާނޫނުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ދައުލަތުގެ ބަޖެޓް ފާސްކުރުމާއި، މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމުތަކާ ބެހޭ ގޮތުން ޤާނޫނުގައިވާ ގޮތުގެ މަތިން ކަންކަން ނިންމުމާއި އަދި މިނޫން ވެސް އެތައް ޒިންމާތަކެއް މިދެންނެވި މަޖިލީހާއި ގާނޫނުއަސާސީން ވަނީ ހަވާލު ކޮށްފައެވެ.

ޤާނޫނު އަސާސީ ބިނާވެފައި ވަނީ، ތިން ބާރު މިނިވަންކަމާ އެކު މަސްއޫލިއްޔަތު އަދާކުރެވޭނެ ގޮތަކަށާއި، އެއްބާރު އަނެއް ބާރަށް ނުފޫޒު ނުފޯރުވޭނެ ގޮތަކަށް ކަމަށް ބުނި ނަމަވެސް އަދި އެކަން ޤާނޫނުތަކުން ކިތައްމެ ސާފުކޮށް އެނގެން އޮތްކަމުގައި ވިޔަސް، އެއްބާރުން އަނެއްބާރަށް ނުފޫޒު ފޯރުވާ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކަތަކެވެ. ގާނޫނު އަސާސީގައި ތިން ބާރު ވަކިވެފައި އޮތް ނަމަވެސް މިއަދު މި ފެންނަނީ އެ ތިން ބާރު އެކުވެފައިވާ ތަނެވެ.

ގާނޫނު އަސާސީގައި ބާރު ބެހިފައިވާ ގޮތުން އެއްވެސް ނުފޫޒެއް ނެތި އެންމެ ބާރުގަދަކޮށް މަސައްކަތް ކުރެވޭނެ ބާރު އޮތީ މަޖިލިސް މެމްބަރުންނަށެވެ. އެގޮތުން މެމްބަރުން ބޭނުން ވެއްޖެ ހިނދެއްގައި ރައީސުލް ޖުމްހޫރިއްޔާ މަގާމުން ވަކި ކުރެވިދާނެއެވެ. މިނިވަން މުވައްސަސާތައް ބަދަލުކޮށް ޖަވާބުދާރީ ކުރެވޭނެ ހަމައެކަނި ފަރާތަކީ މަޖިލިސް މެމްބަރުންނެވެ. ނުވިތާކަށް މުޅި އަދުލު އިންސާފުގެ ނިޒާމް ގާނޫނޫނީ ހަމަތަކުގެ މަތިން ކުރިއަށް ގެންދިއުމުގެ ހުރިހާ ބާރެއް ވެސް ލިބިފައި ވަނީ މަޖިލިސް މެމްބަރުންނަށެވެ.

ނަމަވެސް މިފަދަ ބޮޑު ބާރެއް ލިބިފައިވާ މެމްބަރުން މިއަދު މި ފެންނަނީ ސޭލް އަޅުވައިގެން ދަމާކަނޑާ އުސޫލުން އުޅޭ މަންޒަރެވެ. އަމިއްލަ ބާރު ނެތި އެއްވެސް ހައިސިއްޔަތެއް ނެތް ފަރާތްތަކަށް ވާގިވެރިވާތަނެވެ. ފަސް އަހަރުގެ ދައުރަކަށް ހޮވައިދިން ރައްޔިތުން މަތިން ހަނދާން ނައްތާލައި ގޮނޑި ވިއްކަން އުޅޭ މަންޒަރެވެ.

މަޖްލިސްގެ ބައެއް މެމްބަރުންގެ އަމަލުތަކުން މުޅި މަޖިލިސްގެ ކަރަމާތް ވެސް މިދަނީ ގެއްލެމުންނެވެ. މަޖިލިސްގެ އަގެއް ހުރުމަތެއް ރައްޔިތުންގެ ކުރިމަތީގައި ނެތް ކަމަށް ރައްޔިތުން މިދަނީ ސޯޝަލް މީޑިއާގައި ހަރު އަޑުން ބުނަމުންނެވެ.

މަޖިލިސް މެމްބަރުންގެ އަސްލު "ގަޓް" ދައްކާލައި އެ މެމްބަރުންނަކީ ވަކި މީހަކަށް ބިރަށް އަމިއްލަ ނަފްސު ގުރުބާން ކޮށްލައިގެން ތިބި ބައެއް ނޫންކަން ދައްކާލަން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ލިބޭނެ އެންމެ ފަހު ވޯޓަކީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ވޯޓެވެ. މި ވޯޓަކީ ދިވެހި ތާރީހުގައި ބޮޑު އަކުރުން ލިޔެވިގެން ދާނެ ވޯޓެކެވެ.

ސަބަބަކީ ސިޔާސީ މަސްރަހު އޮތްގޮތަށް ބަލާއިރު ރާއްޖޭގެ ހުރިހާ ރައްޔިންގެ ލޯތައް ހުއްޓިފައި މިވަނީ ގާނޫނު ހެދުމުގެ ބާރަށެވެ. މަސައްކަތް ކުރަމުން ދަނީ އެ ބާރުގެ ވެރިޔާ ފެންދީފަ ނަމަވެސް ކަތިލުމުގެ މަސައްކަތެވެ. ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ބުނަމުން ދަނީ މިވަގުތު ގައުމުގެ ކުރިމަގާއި ގުޅިފައިވާ އެންމެ މުހިންމު ވޯޓަކީ މަޖިލީހުގެ ރައީސްގެ ވޯޓް ކަމަށެވެ. ކޮންމެއަކަސް މިއީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓް މަޖިލީހަށް ހުށަހެޅުނު ދެވަނަ ފަހަރެވެ. ފުރަތަމަ ވޯޓް ކާމިޔާބު ނުވެ ބޭރުވީ "ރޯލްކޯލް ވޯޓް" ނަމަކަށް ކިޔާ ތަފާތު ވޯޓަކުންނެވެ. އޭގެ ފަހުން މަޖިލީހުގެ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެކަން އެއީ ނުކުރެވޭނެ ކަމެއްގެ ގޮތުގައި ގަބޫލުކުރިއެވެ. ކުރިން 15 މެމްބަރުންގެ ވޯޓާއެކު ހުށަހެޅޭ މައްސަލަ 42 މެމްބަރުންނަށް ބަދަލުކުރިއެވެ.

ކޮންމެއަކސް ރޯލްކޯލްގެ ތާރީހީ ވޯޓަށް ފަހު ކާމިޔާބީ ފާހަގަކުރުމަށް ސަރުކާރަށް ތާއިދުކުރާ މެމްބަރުން ކޭކު ފެޅި އިރު، ތިއްބެވީ މަދު އަދަދެއްގެ މެންބަރުން ކޮޅެކެވެ. އެއާ އެކު އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔައީ، އެ ފޮޓޯ އިން ފެނިގެން ދިޔައީ މަސީހުގެ "އަސްލު ސައިޒު" ކަމަށެވެ. އެއީ ތެދެއް ކަމަށް ވެސް ވެދާނެއެވެ. އޭރު ކޭކު ފެޅުމަށް ފަހު ނެގި ފޮޓޯގައި ތިއްބެވި މެމްބަރުން ވެސް ދެން ފަޅާ އެއްޗެއްގައި ނުތިބޭނެ ކަމީ މިއަދު ފެންނާން އޮތް ހަގީގަތެވެ. މަޖްލިސްގެ ރައީސް މަޖްލިސް މެމްބަރުންނަށް ދެއްވި ހާއްސަ ރޯދަ ވީއްލުމަށް ގިނަ މެމްބަރުން ނުދިޔުން މިކަމުގެ ހެއްކަކަށް ފުދޭނެއެވެ.

މަޖްލީހުގެ 84 މެމްބަރުންނަށް ދައުވަތު އަރުވައިގެން ބޭއްވި ރޯދަ ވީއްލުމަށް ހާޒިރުވީ ޕީޕީއެމްގެ އެންމެ 17 މެމްބަރުންނެވެ. އިދިކޮޅު އެއްވެސް މެމްބަރަކު ހާޒިރު ނުވި ނަމަވެސް ޕީޕީއެމް އެމްޑީއޭ ކޯލީޝަންގައި ހިމެނޭ 49 މެމްބަރުންގެ ތެރެއިން އެހާ މަދު މެމްބަރުން ކޮޅެއް ހާޒިރުވުމުން މަސީހުއަށް އަސްލު އިތުބާރު ކުރޭތޯ މިހާރު ސުވާލުއުފެދެއެވެ. ހާއްސަކޮށް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމްގެ ޕީޖީ ގުރޫޕުގައި އިސްކޮށް ހަރަކާތްތަތެރިވާ މެމްބަރުންތަކެއް ސޮއި ކުރުމަކީ މަސީހު އަށް އިތުބާރު ގެއްލިފައިވާކަން ސާބިތު ކޮށްދޭ ކަމެކެވެ. އޭގެ ތެރޭގައި ޕީޕީއެމްގައި ރަޖިސްޓްރީ އޮތް ނަމަވެސް އިދިކޮޅު ފަރާތްކާ އެކު މަސައްކަތްކުރައްވަމުން ގެންދަވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއާ އެކު ސީދާ ޕީޕީއެމްގެ 10 މެންބަރުން ހިމެނެއެވެ. އެހެންކަމުން މިހާރު ވޯޓެއް ނުނެގި ނަމަވެސް މަސީހުގެ އިތުބާރެއް ނެތްކަން އެވަނީ ފާޅުގައި ފެނިގެން ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
13%
54%
4%
13%
17%
0%
ކޮމެންޓް
6 ޖުލައި 2017 | ބުރާސްފަތި 13:57
ހަމީދު
ދެން ފަޅާނީ ރާގުދަން. އޭރުންތާ، ބޯންވާނެޔޭ ބޮވެންވާނެޔޭ ބުނާ މީހާ ބުނާގޮތަށް އުޅެވޭނީ
6 ޖުލައި 2017 | ބުރާސްފަތި 08:05
މީމަ
ދެނަފަޅާނީ އެކެއްއަނެކެއްގެބަޑު