ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 12:22
ހައްޔަރުކޮށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާތާ ވަކި މުއްދަތެއްގެ ތެރޭގައި ދައުވާކުރަންޖެހޭ
ހައްޔަރުކޮށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާތާ ވަކި މުއްދަތެއްގެ ތެރޭގައި ދައުވާކުރަންޖެހޭ
ޕޮލިސް
ޖިނާއީ އިޖުރާއަތުގެ ގާނޫނު
ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒްކުރުމަށް ފުލުހުންނާއި ޕީޖީ އަދި ކޯޓް ތައްޔާރަށް!
 
ކްރިމިނަލް ކޯޓުން އަމުރުގެ ފޯމެޓަށް ބަދަލު ގެނެއުމުގެ މަސައްކަތް ކުރަނީ
 
ފުލުހުން އިންޓާނަލް ސިސްޓަމްތައް ބަދަލުކޮށްފި
 
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ގަވާއިދު އެކުލަވާލައިފި

ކުށެއްގެ ތުހުމަތު ކުރެވޭ މީހާގެ ހައްގުތައް، ތަހުގީގު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި އެންމެ ފުރިހަމައަށް ރައްކާތެރި ކުރެވޭނެ ގޮތަށް އެކުލަވާލާފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން އާދީއްތަ ދުވަހު މިވަނީ ފަށާފަ އެވެ. ފޮތެއް އޮތަކަށް އެނދުރެއް ނުވާނޭ ބުނާ އުސޫލުން ގާނުނެއް ކިތަންމެ ފުރިހަމަކޮށް ތައްޔާރުކުރި ނަމަވެސް، އެއަށް އަމަލުނުކުރާނަމަ ބޭނުމެއް ނެތެވެ. އެ ގާނޫނަކުން ރައްކާތެރިކުރެވޭ ހައްގުތަކާއި، ލިބިދޭ ހައްގުތައް އޭގެ އެންމެ ފުރިހަމައަށް ކަށަވަރުކޮށްދެވޭނީ ކަމާބެހޭ މުއައްސަސާތައް އެންމެ ފުރިހަމައަށް ތައްޔާރުވެ ގާނޫނަށް އަހުލުވެރިވެގެންނެވެ. ފުލުހުންނާއި، ޕްރޮސެކިއުޓާ ޖެނެރަލްއާއި ފަނޑިޔާރުންނާއި ކޯޓްތައް އެންމެ ފުރިހަމައަށް ތައްޔާރުވެފައި ތިބެންޖެހެ އެެވެ.

 

ޕްރޮސެކިއުޓާ ޖެނެރަލް

 

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއެކު އެކުލަވާލަންޖެހޭ ގަވާއިދު އެކުލަވާލައި އެ އޮފީހުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން އެ އޮފީހުން އެކުލަވާލަންޖެހޭ "ޖިނާއީ އިޖުރާއަތުގެ ގަވާއިދު" އެކުލަވާލައި ހޮނިހިރު ދުވަހުގެ ރޭ އެ އޮފީހުގެ ވެބްސައިޓުގައި ވަނީ ޝާއިއު ކޮށްފަ އެެވެ. އަދި އެ ގާނޫނާއެކު އަލަށް ތައާރަފްކުރާ ފޯމްތައް ވެސް ތައްޔާރުކޮށްފައިވާއިރު، އެ އޮފީހުގެ ކައުންޓަރުން މިހާރު ފޯމްތައް ލިބޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

 

ގާނޫނަށް އަމަުލުކުރަން ފެށުމާއެކު ޕީޖީ އޮފީހުގެ އިތުރު ފުރުސަތު ކޮމެޓީ ނިމުމަކަށް އައީ އެވެ. ގާނޫނުގައި އިތުރު ފުރުސަތު ލިބޭނެ ގޮތްތައް ކަނޑައަޅާފަ އެވެ. މީގެ ފަހުން އިތުރު ފުރުސަތު ލިބޭނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

 

މީގެ އިތުރުން އެލަބައި ޑިފެންސް ނުވަތަ ކުށުގެ އަމަލު ހިނގިތަނުގައި ނެތްކަމުގެ ދިފާއު ގާނޫނުގައި ބަޔާންކޮށްފައިވާތީ، އެކަމަށް ޚާއްސަ ފޯމް ވެސް ތައްޔާރުކޮށް ޕީޖީ އޮފީހުގެ ކައުންޓަރުން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

 

ކްރިމިނަލް ކޯޓް

 

ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކު ވިދާޅުވީ ޖިނާއީ އިޖުރާތުގެ ގާނޫނަށް އަމަލުކުރަން ފެށުން ވެގެން ގޮސްފައިމިވަނީ ތާރީޚީ ދުވަހަކަށް ކަމަށާއި، ގާނޫނާއެކު މައްސަލަތައް އަވަހަށް ރަނގަޅަށް ނިންމުމަށް ބާރު އެޅިގެންދާނެ ކަމަށެވެ. އެގޮތުން މައްސަލަ ބައްލަވާ ފަނޑިޔާރުގެ އިޚްތިޔާރަށް ދޫކޮށްލާފައިވާ ގިނަ ކަންކަމަށް ގާނޫނަކުން ވަކި ގޮތެއް ކަނޑައެޅިގެން ދިއުމަކީ އެއް ފަދަ މައްސަލަތަކުގައި އެއް އުސޫލަކުން ފަނޑިޔާރުންނަށް އަމަލުކުރުން ލާޒިމްވާނެ ކަމެއް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ފަނޑިޔާރު ވިދާޅުވީ އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފްވާ މީހުންގެ މައްސަލަތައް އަވަސް ނިޔާއިން ހިންގުމުގެ ބާރު އޮތުމުގެ ސަބަބުން، ޝަރުއީ ނިޒާމުގެ ފޯކަސް ބޮޑެތި މައްސަލަތަކަށް އަނބުރާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

 

ޖިނާއީ އިޖުރާއަތުގެ ގާނޫނާ ގުޅިގެން ކްރިމިނަލް ކޯޓުން ވެފައިވާ ތައްޔާރީތަކާ ގުޅޭ ގޮތުން ފަނޑިޔާރު ވިދާޅުވީ މިހާރު ކުރިއަށް ދަނީ މައްސަލަ ބަލައިގަތުމާއި ތާވަލުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކަމަށެވެ. އަދި ކޯޓުން ނެރޭ އަމުރުތަކުގެ ފޯމެޓަށް ބަދަލުތަކެއް ގެންނަންޖެހޭތީ ފުލުހުންނާއެކު އެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

 

ފުލުހުން

 

ޖިނާއީ އިޖުރާއަތު ގާނޫނު ވުޖޫދަށް އައުމާއެކު އައިސްފައިވާ ބަދަލުތަކާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ފުލުހުންގެ މުއައްސަސާއިން ކުރަންޖެހޭ ހުރިހާ ކަމަކަށް ވެސް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން އިންޓާނަލް ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ވެސް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ވަކި މުއްދަތެއްގެ ތެރޭގައި ދައުވާކުރަންޖެހޭ ގޮތަށް ގާނޫނުގައި ބަޔާންކޮށްފައިވާތީ، އެގޮތުގެ މަތިން އަމަލުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވެސް ވެފައިވާ ކަމަށާއި ގާނޫނުގައިވާ ގޮތުގެ މަތިން ފުލުހުން އަމަލުކުރަމުންދާނެ ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ.

 

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ކުރު ޚުލާސާއެއް

 

ޖިނާއީ އިޖުރާއަތުގެ ގާނޫނު ވުޖޫދަށް އައިސް އަމަލުކުރަން ފަށާފައި މިވަނީ އެފަދަ ގާނޫނަކަށް ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ބޭނުންވެފައިވާތާ އެތައް އަހަރެއް ފަހުންނެވެ. ޖިނާއީ އަދުލުގެ ނިޒާމުގައި ކަސިޔާރުކޮށް ހިނގަމުން އައި ގިނަ ކަންކަމަކަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނު ފުރިހަމައަށް ތަންފީޒްކުރާނަމަ ހައްލު ލިބޭނެ ކަމަށް ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަ ބޭފުޅުން ދެކެ އެވެ.

 

ޖިނާއީ އިޖުރާއަތުގެ ގާނޫނާއެކު ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. ޖިނާއީ ކުށްތައް ތަހުގީގުކުރުމާއި، ދައުވާ އުފުލުމާއި، ޝަރީއަތް ހިންގުމުގައި އިޚްތިޔާރަށް ދޫކޮށްލެވިފައި ހުރި ގިނަ ކަންތައްތަކެއް ގާނޫނީ އޮނިގަނޑެއްގެ ތެރެއަށް ފައްތައި، ކަނޑައެޅިފައިވާ ވަކި އުސޫލަކުން އަމަލުކުރުން ލާޒިމްވެގެންދާނެ އެވެ. ގާނޫނީ ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި ޖިނާއީ އިޖުރާތުގެ ގާނޫނުގައި، ތަހުގީގު ކުރުމާއި ދައުވާ އުފުލުމާއި ޝަރީއަތް ކުރުމުގެ އިޖުރާއަތުތައް ލިޔެވިފައި، އެންމެންނަށް އެނގޭނެހެން ބަޔާންކޮށްފައި އޮތުމުގެ ސަބަބުން އެކި ފަހަރު އެކި ގޮތަށް މުއައްސަސާތަކުން އަމަލުކުރާ ކުރުމަށް ހައްލެއް ލިބިގެންދާނެ އެވެ.

 

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ޖިނާއީ މައްސަލަތަކުގައި ރާއްޖޭގައި ޝަރީއަތް ހިންގަމުން ގެންގޮސްފައިވަނީ ޝަރީއަތްކުރުމާ ބެހޭ ގަވާއިދުގެ މަތިންނެވެ. އެ ގަވާއިދުގައި މައްސަލަ ބައްލަވާ ގާޒީގެ އިޚްތިޔާރަށް ގިނަ ކަންތައްތަކެއް ދޫކޮށްލާފައިވާތީ، އެއް ކަހަލަ މައްސަލަތަކުގައި ގާޒީން އެކި ގޮތްގޮތަށް އެކި ފަހަރުމަތިން އަމަލުކޮށްފައިވާ މަންޒަރު ވަނީ ފެނިގެން ގޮސްފަ އެވެ. މިކަމަށް ހައްލެއް ހޯދައި، އެއް ކަހަލަ މައްސަލަތަކުގައި ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އަމަލުކުރުމަށް ގާނޫނެއްގެ މުހިންމުކަން ކޯޓުތަކުން ނިންމާފައިވާ ބޮޑެތި ބައެއް މައްސަލަތަކުން ހާމަވެގެން ގޮސްފައި ވެސް ވެއެވެ.

 

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޖިނާއީ އަދުލުގެ ނިޒާމަށް މައިގަނޑު ހަތަރު ބަދަލެއް އަންނާނެ އެެވެ. އެގޮތުން، ފުރަތަމަ ކަމެއްގެ ގޮތުން ތަހުގީގު މަރުހަލާގައި އަމަލުކުރާނެ އުސޫލުތަކެއް ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަށައެޅިގެންދާނެ އެވެ. ދެވަނަ ކަމެއްގެ ގޮތުން، ޖިނާއީ މައްސަލަތަކުގައި ދައުވާކުރާނަމަ ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އަށް ލާޒިމްވާނެ އެވެ. ތިން ވަނަ ކަމެއްގެ ގޮތުގައި، ފުރަތަމަ ފަހަރަށް ކުރާ ކުދި ކުށްތަކުގައި ދައުވާނުކޮށް ދޫކޮށްލުމުގެ އިޚްތިޔާރު ޕީޖީއަށް ލިބިގެންދާނެ އެވެ. ހަތަރު ވަނަ ކަމެއްގެ ގޮތުގައި، ޝަރީއަތުގެ އަޑުއެހުންތައް އަވަސްކުރަންޖެހުމާއި، އަޑުއެހުންތައް ނިމުމުން ވަކި މުއްދަތެއްގެ ތެރޭގައި ހުކުމް އިއްވައި އަދަބު ކަނޑައަޅަން ޖެހޭނެ އެވެ.

 

ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ މީހާގެ މައްޗަށް ކުށުގެ ދައުވާ އުފުލަންޖެހޭ މުއްދަތާއި، އެ ތުހުމަތުން ދިފާއުވާން ލިބޭ ފުުރުސަތުތަކާއި، ޝަރީއަތް ކުރުމުގެ ތެރޭގައި ލިބެންޖެހޭ ފުރުސަތުތައް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އެގޮތުން، ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހުންގެ މައްޗަށް، ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ 30 ދުވަހުގެ ތެރޭގައި ދައުވާ އުފުލަންޖެހެ އެވެ. ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން ދޫކޮށްލާފައިވާ މީހެއްނަމަ، އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭތާ 45 ދުވަހުގެ ތެރޭގައި ދައުވާ އުފުލަންޖެހެ އެވެ. މި މުއްދަތުތަކުގެ ތެރޭގައި ދައުވާ އުފުލުމަށް މަގުފަހިކުރުމަށްޓަކައި ގާނޫނު ތަންފީޒްކުރާ އިދާރާތަކުން އެކަށިގެންވާ މުއްދަތެއްގެ ތެރޭގައި އެފަދަ މައްސަލަތަކުގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވަން ގާނޫނު ލާޒިމްކުރެ އެވެ.

 

ބަންދުކޮށްފައިވާ މީހެއްގެ މައްޗަށް 30 ދުވަހުގެ ތެރޭގައި ދައުވާކުރަންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއްނަމަ އަދި އެ މުއްދަތުގެ ތެރޭގައި ތަހުގީގު ފުރިހަމަކުރެވޭނެ މައްސަލައެއް ކަމުގައިނުވާނަމަ، ތަހުގީގު ފުރިހަމަކުރުމަށްޓަކައި މުއްދަތު އިތުރުކޮށްދިނުމަށް އެދި ޕީޖީއަށް ހުށަހެޅިދާނެ އެވެ. އެހެންނަމަވެސް، އެފަދައިން އިތުރުކޮށްދޭ މުއްދަތު 30 ދުވަހަށް ވުރެ އިތުރުވެގެންނުވާނެ ކަމަށާއި އެ 30 ދުވަސް ހަމަވުމުގެ ކުރިން ދައުވާ އުފުލަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. ހަމަ  މިގޮތުގެ މަތިން ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައިވާ މީހެއްގެ މައްޗަށް ތަހުގީގު ހިންގުމަށް 45 ދުވަސް އިތުރުކޮށްދެވިދާނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ދައުވާކުރަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

 

ޖިނާއީ އިޖުރާތުގެ ގާނޫނަށް އަމަލުކުރަން ފަށާފައިވާއިރު، އެ ގާނޫނުގެ 95 ވަނަ މާއްދާ ފާހަގަކޮށްލަންޖެހެ އެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ ގާނޫނަށް އަމަލުކުރަން ފަށާއިރު ގާނޫނު ތަންފީޒްކުރާ އިދާރާތަކުން ތަހުގީގުކުރަމުންދާ މައްސަލަތަކުގައި އަމަލުކުރަންޖެހޭ ގޮތެވެ. އެގޮތުން ގާނޫނުގައި ބުނެފައިވަނީ ގާނޫނަށް އަމަލުކުރަން ފަށާއިރު ތަހުގީގުގައި ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތައް ނިންމައި 30 ދުވަހުގެ ތެރޭގައި އެ މީހުންގެ މައްޗަށް ދައުވާ އުފުލަންވާނެ ކަމަށެވެ. އަދި ހައްޔަރުކުރެވި، އެހެންނަމަވެސް ބަންދުން ދޫކޮށްލާފައިވާ މީހުންގެ މައްސަލަތައް ނިންމައި، ގާނޫނަށް އަމަލުކުރަން ފަށާތާ 45 ދުވަހުގެ ތެރޭގައި އެ މީހުންގެ މައްޗަށް ދައުވާ އުފުލަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
20%
20%
20%
20%
20%
0%
ކޮމެންޓް