ކ. މާލެ
|
1 ޖުލައި 2017 | ހޮނިހިރު 04:28
އަލިފުށީގައި ރޭގަނޑު ކުދިންތަކެއް ބޭރުގައި ނިންދަވާފައި
އަލިފުށީގައި ރޭގަނޑު ކުދިންތަކެއް ބޭރުގައި ނިންދަވާފައި
ރާއްޖެއެމްވީ
އަލިފުށި ކަރަންޓް މައްސަލަ
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް
 
ކަރަންޓް ދެވޭނެ ވަގުތެއް ނޭނގޭ
 
ރަށުގައި އުއްބައްތިއެއް ހިސާބުވެސް ނެތް
 
ކުޑަކުދިންތައް ނިންދަވައިގެން ތިބެނީ ބޭރުގައި

ގަޑިން ދިހައެއް ޖެހީއެވެ. ގޭގޭ ދޮރުމަތިން ފެންނާން ފެށީ ބޭރުގައި ނިންދަވާފައިވާ ކުޑަކުދިންނެވެ. ޖޯލިތަކުގައެވެ. ބޭރަށް ނެރެފައިވާ ތަފާތު އެނދުތަކުގައެވެ. ވީލް ބަރޯގައެވެ. ބިންމަތީގައި ފަތުރާލެވިފައިވާ އެއްޗެއްގެ މަތީގައެވެ. ކޮންމެ ތަނެއްގައި ދެކުއްޖަކު ތިންކުއްޖަކު ނެތް ތަނެއް ނެތެވެ. ކުރު ސޯޓުބުރިއެއް ނޫނީ ހަރުވާޅު ގަނޑެއްގައެވެ. މަތިން އެއްޗެއް ނުލައްވައެވެ.

ބަލާކަށް އެމަންޒަރު ރީއްޗެއް ނޫނެވެ. ތަސައްވަރު ކުރަންވެސް އުނދަގޫ ހިތްދަތިކަމެކެވެ. ދޭތެރެއަކުން ހަށިގަނޑު ކަހާލާތަން ފެނެއެވެ. ޖަހާފައި ހުންނަ މަދިރި ދުންދަނޑިއަށް ކެtq ނުވެގެންނެވެ. ދިއްލާފައި ހުންނަ ފުޅި ބައްތިގަނޑުން މޫނުވެސް ސާފުވާވަރެއް ނޫނެވެ. ބައެއް ގޭގޭގައި އުއްބައްތިއެއް ހިސާބުވެސް ފެންނާކަށް ނެތެވެ.

މިއަށްވުރެ އުނދަގޫވީ ބޯ ކަރުދާސް ގަނޑަކުން ނޫނީ މޮނީޓަރ ފޮތެއްގެ ބޭރުގަނޑަކުން ވިހެލަ ވިހެލާ ތިބޭ މައިންގެ މާޔޫސް ކަން ފެނިފައެވެ. ފެންނަ ފެނުމަށް ދަރިންނަށްޓަކއި ހޭލާ ތިބެތިބެ އެވެރިން ވަރުބަލިވެއްޖެއެވެ.

މިއީ އިރުއޮއްސުމާއެކު އަލިފުށީގެ ހާލަތެވެ. ރަށުގައި ކަރަންޓް ކެނޑި ބަރާބަރު ހަތަރު ދުވަސްވީއިރު އެކަމަށް އެވަނީ ހައްލެއް ނުލިބިއެވެ. ކަރަންޓް ލިބޭނޭ ކަމުގެ އުއްމީދެއް އަދިއެއް ނެތެވެ.

ބޭރުގައި ކުދިން ނިންދަވައިގެން ތިބި މައިންގެ އުދާސްތައް އަހާކަށް ފަސޭހައެއް ނޫނެވެ. އެމީހުން ބުނާގޮތުންނަމަ ރޭގަނޑުދާ ހަތަރުދަމު ދަރިން ގާތު ވިހެލަން އިންނަމަވެސް މައްސަލައެއް ނެތެވެ. އެކަމަކު ރަނގަޅަށް ފެންވަރުވާ ނުލެވޭތީ ކުދިން އެއުޅޭ ގޮތް ބަދަލު ކުރެވޭކަށް ނެތެވެ. ގޭތެރޭގައި އަލިކަމެއް ނެތުމުން އެގަންނަ ބިރުވެރިކަން ފެނިފައި ދެއްކޭނޭ ބަހަނާއެއް ނެތެވެ. އެކަމާހުރެ އެކުދިން ރޯ ރުއިން އަޑުއަހާކަށް ކުޅަދާނައެއް ނޫނެވެ.

އެވެރިންނަށް މިފަދަ ކަމަކާ ކުރިމަތިލާން ޖެހުނީ ޒަމާނީ ތަރައްޤީގެ ތެރެއިން ކަރަންޓާ ނުލައި ނޫޅެވޭވަރަށް ޒަރޫރީ ކަންކަން ބައްޓަން ކުރިފަހުންނެވެ. މުޅި ރަށުގައި ދިރިއުޅުމުގެ ހުރިހާ ބޭނުންތަކެއް ގުޅި ލާމެހިފައި ވަނީ ކަރަންޓާއެވެ.

ރަށުގައި އުއްބައްތިއެއްވެސް ނެތެވެ. ގެނައި އުއްބައްތިކޮޅު އިސާހިތަކު ހުސްވީ ބަސްބުނި ހިނދުންނެވެ. ގެންދިޔަ އިމަޖެންސީ ލައިޓްތައް ވެސް ވީމަދެވެ. އެތައް އަހަރަކުންސުރެ ހޯދި ހިފާ ގެންގުޅޭ އެތައް ސާމާނެއްގެ އަޖަލު ހަމަވެއްޖެއެވެ. ދޭތެރެ ދޭތެރެއިން ދިޔަ ކަރަންޓާއެކު އެތަކެތި ބަޑިގޮވައިފިއެވެ. އައިސް ލަމާރިތައް ކަނޑާލިތާ އެތައް ގަޑިއިރުތަކެއް ވީއެވެ. ގެނެސްފައިހުރި މަސް ހަލާކުވެގެން ދިޔައީއެވެ.

ކޮންމެއަކަސް ކަރަންޓް ނެތި އަލިފުށީގެ މުޅި ދިރިއުޅުން އެއޮތީ ކަނު އަނދިރީގައެވެ. އެއަނދިރިކަމުން އަރައިގަނެވޭނެ ދުވަހެއް އަދި ނޭނގެއެވެ. އެމީހުން ބުނާގޮތުންނަމަ މިއީކީ ހަމަ ހުރެފައި ދިމާވި ކަމެއް ނޫނެވެ. މިފަދަ ހާލެއްގައި އުޅެތާ ލައްކަ ދުވަސްވެއްޖެއެވެ. މިހާ ބޮޑުވަރު ނުވިއަސް މިހާލަތަށް ވެއްޓިދާނެ ކަމުގެ ސިގްނަލް އަޅާތާ އަހަރަކާ ކައިރިވީއެވެ. އެބުނާ އިންޖީނެއްގެ ރޭޑިއޭޓަރު ފޫގޮސްފައި ހުރިކަން އެނގޭތާ ބަރާބަރު 11 މަސްދުވަސްވީއެވެ. ފެން ނުހިފަހައްޓައިގެން ގުޅާފާހުރި ހޮޅިން އެތެރެވާވަރަށްވުރެ ގިނައީ އެރޭޑިއޭޓަރު ފޫގޮސްގެން އެއިން ބޭރުވާ ފެނެވެ. އިންޖީނަށް ބާރުބޮޑުވެ އެއިންޖީނު ހަލާކުވާވަރުވީ އެވާހަކަ ދައްކާތާ 3 އަހަރެއްހާ ދުވަސް ފަހުންނެވެ. އިތުރު އެއްވެސް ގޮތެއް ނެތޭ ބުނެ އާދޭސް ކުރާތާ ބަރާބަރު އަށެއްކަ މަހަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ.

ތެދެކެވެ. މިއަދު ސަރުކާރުންވެސް ތެޅިގަނެފިއެވެ. އަންނަ ހަފްތާގައި ރޭޑިއޭޓަރ ބޯޓަށް ބޭރުން ލޯޑް ކުރީމާ ހިތްހަމަޖައްސާލައިގެން ދެހަފްތާވަންދެން ކަނު އަނދިރީގައި އެހާލުގައި ތިބެވެން ނެތޭ ބުނީތީ ކަންތައްތަކެއް ކުރަން ފަށައިފިއެވެ. ރައްޔިތުން އެދުނަސް ނޭދުނަސް ދެވުނުވަރަކަށް ދީގެންވެސް ސަރުކާރުގެ ކަރަންޓް ޔަޤީން ސިޔާސަތު ކާމިޔާބުކަން ދައްކަން އިންޖީނުގެ ފޭޑަރު ހިއްލާލާނެ މީހަކު ނުވީމައެވެ.  މަތިން އޯޑަރު މަތިމައްޗަށް އަޔަސް ފެނަކައިގެ އެއްވެސް މުވައްޒަފަކަށް ރައްޔިތުންނާ ދެކޮޅަށް އެކަން ކުރާން ނުކެރުނީމަވެ. ސަރުކާރު ކޯލިޝަންގެ މެޖޯރިޓީ އޮތް ކައުންސިލަކަސް ރައްޔިތުންގެ ބަސް ނޫން އެއްޗެއް އެވެރިންނަށްވެސް ބަލައިގަނެވެން ނެތީމައެވެ.

ނަތީޖާއެއްގެ ގޮތުން އެވަނީ އާ އިންޖީނެއް ގެނެސްފައެވެ. ރަށުގެ ރައްޔިތުންނާ ޚާއްޞަކޮށް ޒުވާނުންގެ ޖޯޝާ ފޯރީގައި އެއިންޖީނު އެވަނީ ހެވީ ވެހިކަލަކާއި ނުލާ ދަމާފައި ގެންގޮސް އިންޖީނުގެއަށް ލައިދީފައެވެ. މީގެ ކުރިން ދެދުވަހުން ކުރި މސައްކަތް އެންމެ ހަ ގަޑިއިރުންނެވެ. ދެން އޮތީ އަނެއްކާވެސް ފެނަކައިގެ ޓެކްނިކަލް މީހުންގެ އަތްމަތީގައެވެ. ކުދި ޅަދަރިންގެ ހައްގުގައި އަރާމެއްނެތި އެކުރި މަސައްކަތުގެ ފޮނި އިންތިޒާރުގައި ރައްޔިތުން އެތިބީ ކުޅިބަލާށެވެ. ކަރަންޓް ލިބޭނޭ އިރެއްގެ އިންތިޒާރުގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
7%
0%
29%
36%
29%
0%
ކޮމެންޓް
1 ޖުލައި 2017 | ހޮނިހިރު 13:23
އަލިފުށި ކުއޖާ
ރާއްޖެއެމްވީ ކުރާ މަސައްކަތައް ޝުކުރު..