ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 09:11
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް
އޭއެފްޕީ
އުތުރު ކޮރެއާ މައްސަލަ
އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ: ޖޭމްސް މެޓިސް
 
އުތުރު ކޮރެއާގެ އަމަލުތަކާއި ހެދި ބައިނަލްއަގްވާމީ ގިނަ ފާޑުކިޔުން އުތުރު ކޮރެއާ އަށް ވަނީ އަމާޒުވެފައި

އުތުރު ކޮރެއާ އިން ކުރިއަށް ގެންދާ މިސައިލް އަދި ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއެއް ކަމަށްވާ "ހައުސް އާރމްޑް ސާވިސަސް ކޮމިޓީ" އަށް ލިޔުމުން ދެއްވި ބަޔާނެއްގައި މެޓިސް ވިދާޅުވީ، އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މިހާރު ދިމާވެފައިވާ ނުރައްކަލެއް ކަމަށާއި އަދި އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ މުޖުތަމައު ރުޅި އަރުވަން ކުރާ ކަންކަމަކީ ބައިނަލްއަގްވާމީ ގާނޫނުތައް މަނާކުރާ ކަމެއް ކަމަށެވެ. އަދި އދ. އިން ފިޔަވަޅު އެޅިއަސް ބޯވެސް ނުލަނބާ ކަަމަށެވެ.

މެޓިސް އިތުރަށް ވިދާޅުވީ އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރުގެ ބާރު ހޯދުމަށް އެދި ކުރާ ކަންކަން ފުޅާކޮށް އަދި އަވަސް ވެސް ކޮށްފައިވާ ކަމަށެވެ. މިހިނގާ މޭމަހު އދ. އިން ވަނީ އުުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތައް އަޅާފައެވެ. ދަތިކުރުމުގެ ފިޔަވަޅާ ބެހޭ ގަރާރަކީ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ވެރިކަމަށް ވަޑައިގަތް ފަހުން ޗައިނާ އާއި  އެމެރިކާ އެއްބަސްވެގެން ނެރުނު މިފަދަ ފުރަތަމަ ގަރާރެވެ.

އުތުރު ކޮރެއާ އިން ވަނީ މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ގިނަ އަދަދެއްގެ މިސައިލްތައް ޓެސްޓްކޮށް އަދި ނިއުކްލިއާ ދެ ބޮން ޓެސްޓްކޮށްފައެވެ. މިފަދަ ޓެސްޓްތަކާ ގުޅިގެން އެމެރިކާގެ ލޯ ވަނީ އުތުރު ކޮރެއާ އަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ. ސަބަބަކީ އުތުރު ކޮރެއާ އިން ވަނީ ނިއުކްލިއާ ހަތިޔާރާ އެކީ އެމެރިކާ އަށް ފޯރާނެ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ތަރައްގީ ކުރާނެ ކަމަށް ވައުދުވެފައެވެ.

 

އުތުރު ކޮރެއާ އިން އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) އެއް ޓެސްޓް ކުރަން ވަަރަށް އަވަހަށް ތައްޔާރުވެ ނިމޭނެ ކަމަށް އެ ގައުމުން ހޮނިހިރު ދުވަހު ވަނީ ބުނެފައެވެ. އެގައުމުގެ ރޫލިން ޕާޓީ ކަމަށްވާ ވޯކާސް ޕާޓީގެ ރަސްމީ ނޫސް ކަމަށްވާ ރޮޑޮންގް ސިންމަން އިން ބުނީ އެންމެ ފަހުން އެގައުމުން ކުރި ހަތިޔާރު ޓެސްޓްތަކަށް ބަލާއިރު އައިސީބީއެމް އެއް ޓެސްޓް ކުރުން، މާ ދުރުނޫން ކަން އެނގި ހާމަވާ ކަމަށެވެ. މިއަހަރުގެ އާ އަހަރުގެ ތަގުރީރުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވިދާޅުވެފައި ވަނީ އައިސީބީއެމްއެއް ތަރައްގީ ކުރުމުގެ ފަހުގެ މަރުހަލާގައި އުތުރު ކޮރެއާ ވާ ކަމަށެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް