ކ. މާލެ
|
23 މެއި 2017 | އަންގާރަ 23:58
މަޝްޙުރު 'ޑިމޮކްރަސީ ގައު' ނުވަތަ 'ތިންބާރު ވަކިކުރާ ގައު'
މަޝްޙުރު 'ޑިމޮކްރަސީ ގައު' ނުވަތަ 'ތިންބާރު ވަކިކުރާ ގައު'
ގޫގުލް
ޑިމޮކްރަސީ
ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ!
 
ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަތުމުގައި މިވަރެއް ނެތް
 
ބާރުތައް އެކުވުމުން، ވެރިކަމުގެ ނިޒާމް ޚަރާބުވޭ
 
ބާރުތައް ދަނީ އެއްބާރު އަނެއްބާރަށް ޖެއްސުން ކުރަމުން

އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަށް ޑިމޮކްރަސީގެ ފޮނިމީރުކަން ލިބި، އެ ޑިމޮކްރަސީގައި ކަށަވަރުކޮށްދޭން ލާޒިމުކުރާ ޙައްޤުތަކުން ޖަރީކުރެވިފައިވާ ފެހި ޤާނޫނުއަސާސީއެއް ލިބުނީއްސުރެ އަޅުގަނޑުމެން އެ ކަމަކަށް މަސައްކަތްކުރަމުންދާ ކަމެއް އޮވެއެވެ. އެ ކަމަކީ ޒަމާނުއްސުރެ ވެރިކަމުގައި ހުންނަ މީހާގެ މުށުތެރެއަށް ޖަމާކޮށްފައި އޮތް ދައުލަތް ހިންގުމުގެ ހުރިހާ ބާރެއް، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުވެ، އެއްބާރު އަނެއް ބާރުގެ މައްޗަށް ނަޒާޙަތްތެރިކަމާއިއެކު ފާރަވެރި ވެވޭނެ ނިޒާމެއް ކަށަވަރުކުރުމެވެ.

ފެހި ޤާނޫނުއަސާސީގައި މިކަން ލާޒިމުކޮށްފައި އޮތް އޮތުމުން ހިތްވަރު ލިބިގަނެގެން، ކުރީން ދެންނެވުނު އުސޫލުން ބާރުތައް ވަކިވެގެންވާ ނިޒާމެއް ހޯދަން ކުރެވުނު މަސައްކަތުގައި ކޮންމެވެސް މިންވަރެއްގެ ކާމިޔާބެއްވެސް ލިބުނެވެ. ނަމަވެސް އަބަދުވެސް ފެނިގެން ގޮސްފައިވަނީ އެއްބާރު އަނެއް ބާރަށް ޖެއްސުންކުރާ މަންޒަރެވެ. އެއީ ސަރުކާރުން ޖުޑީޝަރީއަށް ވިޔަސް، ނުވަތަ ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ވިޔަސްމެއެވެ. އަދި ޖުޑީޝަރީން އަނެއް ދެ ބާރަށް ކަމުގައި ވީނަމަހީވެސްމެއެވެ.

އެއްބާރު އަނެއްބާރަށް ޖެއްސުން ކުރި މަންޒަރު ފެނި، މިއަދު މިވަނީ އޭގެ އަނެއް ފުށްވެސް ފެންނާން ފަށާފައެވެ. ދައުލަތުގެ ތިން ބާރު، އެއްބާރު އަނެއް ބާރާއި ފުށުއަރައި، ރައްޔިތުންގެ މަޖިލީހަކީ، ސަރުކާރުގެ ގޮނޑިކޮއްކޮއަކަށްވެ، ޖުޑީޝަރީ އަކީ ސަރުކާރު ބޭނުންވާހާ ގޮތަކަށް އަމުރާއި ޙުކުމް ނެރޭތަނަކަށް ވެފައިވާކަން ރައްޔިތުން ޤާބޫލުކުރެއެވެ. މި ކަންކަން މިމަގުން ވެގެން ދިއުމުން، ޑިމޮކްރަސީގެ ފޮނިމީރުކަމާއި، ނަޒާޙަތްތެރި، ފާރަވެރި ބާރުތަކެއް އުފެދުމުގެ އުއްމީދުގެ ހުޅުކޮޅު ކަނިވެއެވެ.

ފަހުގެ އަހަރުތަކުގެ ތެރޭގައި، ދައުލަތުގެ ބާރުތަކުން ކަންކޮށްފައިވާ ގޮތަށް ބަލާއިރު، އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވާ މަންޒަރު އެއްގޮތަކަށްވެސް ފެނިގެން ގޮސްފައެއް ނުވެއެވެ. ރައްޔިތުން ވޯޓުދީގެން، ރައްޔިތުން ތަމްޞީލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް، ރައްޔިތުން އިންތިޚާބު ކޮށްފައި ތިބޭ، ރައްޔިތުންގެ ޚާދިމުން، ރައްޔިތުންނަށް ގައްދާރުވެ، ވޭތުވެދިޔަ ދެތިން އަހަރު ފެނިގެން ގޮސްފައިވަނީ ސަރުކާރު ބޭނުންވިހާ ގޮތަކަށް، ބޭނުންވިހާ ވަގުތަކު، ޤާނޫނުތަކަށް ބަދަލުގެނެސް، އާ ޤާނޫނުތައް ހަދައި، ރައްޔިތުންގެ އަސާސީ ޙައްޤުތައް ހަނިކުރަމުންދާ ތަނެވެ. އެއީ ހާމައަށް ފެންނާން އޮތް މަންޒަރެވެ.

މި މުއްދަތުގައި ޖުޑީޝަރީގެ ހާލަތުވެސް ހަމަ މިފަދައެވެ. ރައްޔިތުންނަށް އިންސާފާއި، ހަމަ ހައްޤު ހޯދައިދިނުމުގެ މަސްޢޫލިއްޔަތު ކޮނޑުފުޅުތަކުގައި އަޅުއްވައިގެން ތިއްބަވައި، ދިވެހި ފަނޑިޔާރުން ގެންދެވީ ސަރުކާރު ބޭނުންވި ވަގުތަކު، އެ ބޭނުންވި ގޮތަކަށް އަމުރާއި ޙުކުމް ނެރެދެމުންނެވެ. އިންސާފަކީ އެއްބަޔަކަށް އަވަސް، އަނެއް ބަޔަކަށް ތަތް އެއްޗަކަށް ވަނީ ވެފައެވެ. އިންސާފުގެ ކުރިމަތީގައި ހެއްކާއި ޤަރީނާއަކީ ވަކި މީހަކަށް ވީތީ ވަކި ގޮތަކަށް މިނެކިރޭ އެއްޗަކަށް ވަނީ ވެފައެވެ. މިއީ ރައްޔިތުން ޤަބޫލުކުރާ ގޮތެވެ.

ސަރުކާރަށް ފާރަވެރިވެ، ސަރުކާރު ޒިންމާދާރު ކުރުވަން އަނެއް ދެބާރުން މަސައްކަތް ނުކުރުމުގެ ނަތީޖާ މިއަދު ރާއްޖެއިން މިދަނީ ވަރަށްވެސް ފުރިހަމައަށް ފެންނަމުންނެވެ. ޤައުމުގައި އިންތިހާއަށް ކޮރަޕްޝަން ފެތުރި، ރައްޔިތުންގެ މެދުގައި ވަނީ ހަތުރުވެރިކަން އުފެދިފައެވެ. ޤާނޫނުން ރައްޔިތުންނަށް ލިބިދޭ ކޮންމެ އަސާސީ ޙައްޤަކަށް ސަލާން ޖަހަން ޖެހިފައެވެ. ޑިމޮކްރަސީ ކަށަވަރުކޮށްދޭ ޙައްޤުތައް ހޯދުމަށް އަދޭސްކުރާން ޖެހިފައެވެ. މިނިވަން މުއައްސަސާތަކަކީ ހަމައެކަނި ނަމުގައި މިނިވަން ތަންތަނަށް ވެފައިވާކަމީ ދުނިޔެ ދަނެ ޤަބޫލުކުރާ ހަޤީޤަތެވެ.

މިހެން ކަން އޮއްވައި މިއަދު މި ފެންނަނީ އެއްބާރު، އަނެއްބާރުގެ، ބާރަށް ފައިން އަރާތަނެވެ. ސަރުކާރުން މަޖިލީސް ފިއްތައި ނޭވާނުލެވޭ ވަރު ކޮށްފައެވެ. މަޖިޅިހުން ރައްޔިތުން ފިއްތައި އަނގައި ނުބުނެވޭ ވަރުކޮށްފައެވެ. ޖުޑީޝަރީން ސަރުކާރުން އެދުނުހާ މީހަކަށް، އެދުނުހާ ޙުކުމެއް ކުރަމުން ދާކަމަށް ރައްޔިތުން ބުނާއިރު، މިއަދު ފެނިގެން މި ދިޔައީ ޖުޑީޝަރީން ރައްޔިތުންގެ ބާރު ކަނޑުވާލި މަންޒަރެވެ.

އިތުބާރުނެތް ކަމުގެ މައްސަލައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ނިންމުމެއްގެ ސައްޙަކަން ކަނޑައަޅާނީ ސްޕްރީމް ކޯޓުންކަމަށް އެކޯޓުން ކަނޑައަޅައި އެ ގޮތަށް އަމަލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށާއި ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް އަމުރު ކުރި ހިސާބުން، ޤާނޫނު އަސާސީގެ 4 ވަނަ މާއްދާގެ ބާރު ކެނޑިގެންދާކަމަށް ދޭހަ ކުރުމުގެ ޖާގަ އުފެދެއެވެ. އެހެނީ އެ މާއްދާގައި، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާ، އެ ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ވަރަށް ސާފު ބަހުން ބަޔާން ކޮށްފައިވާއިރު، ރައްޔިތުންގެ ބާރު ތަންފީޒުކުރުމަށް އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ބާރު މިފަދައިން ކަނޑުވާލުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުމަށް މެނުވީ ނުވާނެއެވެ.

ސަރުކާރަކަށް، މަޖިލީހަކަސް، ޖުޑީޝަރީއަކަސް، ރައްޔިތުންގެ ބާރު ކަނޑުވާލާ ހިސާބުން، އެ ބާރުތައް އެ ހިނގަނީ ޑިމޮކްރަސީއެއްގައި ކަމުގައި ބުނުމުގެ ޖާގައެއް ނެތެވެ. އެ ރީތި ނަން އެ ޚަރާބު ނިޒާމަށް ޙައްޤެއް ނޫނެވެ.

ތިންބާރު ވަކިވުމަކީ މިއީ ކަމުގައިވާނަމަ، ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ! ޑިމޮކްރަސީގެ ނަމުގައި ރައްޔިތުންގެ ބާރަށް ފައިން އަރަން ނޫޅޭށެވެ. ތިންބާރު ވަކިވުމުން ކަން ހިނގާގޮތް އޮޅިއްޖެއެވެ! ލަދުން ބޯހަލާކެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް