ކ. މާލެ
|
21 މެއި 2017 | އާދީއްތަ 01:37
ސްޕެޝިއަލް އިކޮނޮމިކް ޒޯން
ސްޕެޝިއަލް އިކޮނޮމިކް ޒޯން
ގޫގުލް
ސްޕެޝަލް އިކޮނޮމިކް ޒޯން
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
 
2016 ވަނަ އަހަރުގެ ދަރަނި 36 ބިލިއަން ރުފިޔާއަރާ
 
މިވީ އަހަރުތަކުގައި އެސްއީޒެޑުން އެއްވެސް އާމްދަނީ އެއް ލިބިފައިނުވޭ
 
މިއަހަރުގެ ބަޖެޓުގައި އެސްއީޒެޑުން އާމްދަނީ ލިބޭނެ ކަމަށް 500 މިލިއަން ޑޮލަރު ހިމަނާފައިވޭ

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ވެރިކަމަށް އައި އިރު ރައްޔިތުން އެންމެ ބޮޑު އުންމީދެއް ކުރީ އިގްތިސާދީ ގޮތުން ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ކުރިއަށްގެންދެވި ރާއްޖެ އާދަޔާ ހިލާފު ހަރުފަތަކަށް ގެންދަވާނެ ކަމަށެވެ. ރައީސް ޔާމީނުގެ މެނިފެސްޓޯގައިވެސް ތަރައްގީގެ ގިނަ މަސައްކަތްތަކެއް ހުއްޓެވެ. އަދި ރައްޔިތުން، ހައިރާންވާވަރުގެ، މީގެ ކުރިން ނުދެކޭފަދަ ބިޔަ ޕްރޮޖެކްޓްތައް ވެސް ސަރުކާރުން އެ މެނިފެސްޓޯގައި ހިމަނާފައި ހުއްޓެވެ.

 

މިއަދުވެސް ސަރުކާރުން ދައްކަމުންދަނީ އެފަދަވާހަކަ އެވެ. ސަރުކާރުގެ މޮޅުކަން ދެއްކުމަށް އަބަދުވެސް ދައްކަމުންދަނީ، ރައީސް ޔާމީނުގެ އިގްތިސާދީ މޮޅު ސިޔާސަތުގެ ވާހަކައެކެވެ.

 

މިގޮތަށް ސަރުކާރުން ފެށި، އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫއު އަކީ، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ތެރެއިން ރައްޔިތުންނަށް ގެނެސްދޭން ބުނި ތަރައްގީގެ ވާހަކަ އެވެ. އެސްއީޒެޑް 2014 ވަނަ އަހަރު ގާނޫނަކުން ފާސްކޮށް، އިންވެސްޓް ކުރުމަށް ހުޅުވާލީ، އުމްރާނީ ތަރައްގީއަށް ބޮޑެތި އިންވެސްޓްމެންޓް ކުރާނެ ކުންފުނިތަކަށް ފުރުސަތު ހުޅުވާލުމަށްޓަކަށެވެ. އެގޮތުން ޕޯޓްތަކާއި މަގުތައް ތަރައްގީވެގެންދާނެ ކަމަށާއި އެސްއީޒެޑްގެ ތެރެއިން އަންނަ މަޝްރޫއުތަކަށް ބިލިއަން ޑޮލަރުން އިންވެސްޓްމެންޓް އަންނާނެ ކަމަށް ސަރުކާރުން ބުންޏެވެ. އަދި އެފަދަ މަޝްރޫއުތައް ރާއްޖޭގައި ހިންގުމަށް ކެތްމަދުވެފައިވާ އިންވެސްޓަރުން ތިބި ކަމަށްވެސް އޭރު ސަރުކާރުގެ ބޮޑުން ބުންޏެވެ.

 

އަނެއްކޮޅުން ސަރުކާރުން ބުނަމުން ދިޔައީ އެސްއީޒެޑްގެ ސަބަބުން އަތޮޅުތަކުގެ ތަރައްގީ އާ އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި އެސްއީޒެޑްގެ ބޮޑު ބައެއް އަމާޒުވެފައިވަނީ އަތޮޅުތަކަށް ކަމަށާއި އެ ސަރަހައްދުތަކުގެ ވިޔަފާރީތަކާއި ދިރިއުޅުމުގެ ފެންވަރު އެތަށް ގުނައަކަށް އަރައިގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.

 

މި ވާހަކަތަކަކީ ދިވެހި ކޮންމެ ރައްޔިތަކުވެސް ޚާއްސަކޮށް އަތޮޅުތަކުގެ ރައްޔިތުން އަހަން އެންމެ ބޭނުންވި އަދި ދެކެން އެންމެ ބޭނުންވެފައިވާ ހުވަފެންތަކުގެ ވާހަކަތަކެވެ. ރައްޔިތުން ތިބީ މިފަދަ އާދަޔާ ހިލާފު ބޮޑު ކުރިއެރުމެއް ފެންނަން ކެތްމަދުވެފަ އެވެ.

 

އެހެން ނަމަވެސް ހަގީގީ މަންޒަރަށް ބަލާލަން ޖެހެ އެވެ. އެސްއީޒެޑް ބިލް ފާސް ކުރީއްސުރެ ސަރުކާރުން ދިޔައީ ރައްޔިތުނަށް ފޮނި ހުވަފެންތައް ދައްކަމުންނެވެ. މިއަދާ ޖެހެންދެންވެސް އެސްއީޒެޑްގެ މަޝްރޫއުން އަންނާނެ އިންވެސްޓަރެއްގެ ވާހަކައެއް ނުވަތަ ލިބުނު އާމްދަނީއެއް ފެންނަން ނެތެވެ.

 

އެސްއީޒެޑްގެ ގާނޫނު ތަންފީޒު ކުރުމަށްފަހު 2016 ވަނަ އަހަރުގެ ބަޖެޓަށް ލިބޭނެ އާމްދަނީގޮތުގައި 1.5 ބިލިއަން ރުފިޔާ ހިމެނި އެވެ. އަހަރު ނިމުނު އިރުވެސް އެ މަޝްރޫއު އިން ލިބުނު އެއްޗެއް ނެތެވެ. އަދި އެސްއީޒެޑްގެ ތެރެއިން މާލޭ ވިޔަފާރި ބަނދަރާއި އެބަނދަރާ ގުޅިގެން އުފައްދާ ފްރީ ޒޯންތަކުގެ ވާހަކައާއި މީހުންގެ ހިތްތައް ދަމައިގަންނަ ގޮތަށް ހަދާފައިވާ އައިހެވެން މަޝްރޫއުގެ ޕްލޭންގެ ވާހަކަ އަކީވެސް ސަރުކާރުން އޭރު ދައްކަމުން އައި ހުވަފެންތަކެވެ.

 

މި އަހަރުގެ ބަޖެޓުގައި އެސްއީޒެޑުން ލިބޭނެ އާމްދަނީގެ ގޮތުގައި ލަފާކޮށްފައިވަނީ 500 މިލިއަން ރުފިޔާ އެވެ. އަހަރު ދެބައިވަމުން ދިޔައިރުވެސް އެސްއީޒެޑުން އަންނަ އިންވެސްޓަރުން މިގައުމަށް އައިސްފައެއް ނުވެއެވެ. ނުވިތާކަށް، ސަރުކާރުން އެސްއީޒެޑްގެ ވާހަކަދައްކާ އަޑުވެސް ވަނީ މަޑުވެފަ އެވެ.

 

މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރާއި އެސްއީޒެޑާއި ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ވަނީ އެސްއީޒެޑްގެ މައުލޫމާތު އެންމެ ބޮޑަށް އެނގޭނީ އިކޮނޮމިކް މިނިސްޓްރީއަށް ކަމަށް ބުނެ، އެކަމުން ބޯ ދަމައިގެންފަ އެވެ. މީގެ ކުރިން އެސްއީޒެޑޭ ކިޔާ އަޑުން އަޑު ނަގައި ވާހަކަ ދެއްކި ސަރުކާރުގެ ބޮޑުން، މިހާރު އެވާހަކަދައްކާ މަންޒަރެއް ނުފެނެ އެވެ.

 

އެސްއީޒެޑުން ލިބޭނެ ކަމަށް ބުނާ އާމްދަނީ ޔަގީންވާނެ ކަމަށް ސަރުކާރުން ބުނަމުން ދިޔަ އިރު، އަބަދުވެސް ބުނަމުންދިޔަކީ މި ބޮޑު މަޝްރޫއުގެ ތެރެއިން އިންވެސްޓަރުންނާއި މަޝްވަރާ ކުރަމުންދާ ވާހަކައެވެ. އޭރު އެވާހަކަ ދެއްކިއިރު ހީވީ އަދަކު މާދަމާ އެސްއީޒެޑްގެ ތެރެއިން އިންވެސްޓަރުން މަޝްރޫއުތައް ފަށާފާނެ ހެންނެވެ.

 

ނަމަވެސް ހަގީގަތަކީ އެސްއީޒެޑްގެ ގާނޫނު ފާސްކުރި ފަހުން ގާތްގަނޑަކަށް ތިން އަހަރު ވާން ކައިރިވެފައިވާ އިރުވެސް އެ މަޝްރޫއުގެ މަސައްކަތް ކުރާ މަންޒަރު ނުފެނުމެވެ. އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން، އިންވެސްޓަރުންނާއި މަޝްވަރާ ކުރަނީ ކަމަށް ބުނެ ގިނަ ވާހަކަތަކެއް ދައްކަ އެވެ. ހަމަގައިމުވެސް އެސްއީޒެޑް ވުޖޫދައް އައިފަހުން ތިން އަހަރު ވެގެން ދިޔައީ އެވެ. ލައްކަ މަޝްވަރާއެއް އޮންނާނީ ކުރެވިފައިވާތާ އެވެ.

 

ރާއްޖޭގެ ދަރަނި 2016 ވަނަ އަހަރު 36 ބިލިއަން ރުފިޔާ އަށް އަރާފައިވާ އިރު މިއަހަރުގެ ދަރަނި 41 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ދައުލަތުގެ ބަޖެޓުގައި ފާހަގަކޮށްފައިވެއެވެ. އެއް އަހަރުން އަނެއް އަހަރަށް ރާއްޖޭގެ ދަރަނި އިތުރުވަމުންދާ އިރު ބަޖެޓުގައި އާމްދަނީ ހޯދުމަށް ކަނޑައަޅާފައިވާ ކަންކަން ހާސިލްނުވުމަކީ ގައުމަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެކެވެ.

 

އެސްއީޒެޑުން އަމަލީ މާބޮޑު މަސައްކަތެއްތަކެއް ރާއްޖޭގައި ނުފެށުނު ނަމަވެސް، މިއީ ދުނިޔޭގެ ގިނަ ގައުމުތަކުންވެސް ކުރަމުން އަންނަ ކަންތަކަކެވެ. އިގްތިސާދީ ޒޯންތަކެއް ކަނޑައަޅާއި އިންވެސްޓަރުން ގަޔާވާނެ ފަސޭހަ ގޮތްތަކެއް ފަހި ކޮށްދިނުމަކީ ދުނިޔޭގެ ގިނަ ގައުމުތަކަކުން ކުރަމުންދާ ކަންކަމެވެ. އެހެން ކަމުން މިފަދަ ޒޯންތަކެއް މެދުވެރިކޮށް، ރާއްޖެވެސް ތަރައްގީ ކުރެވިދާނެ އެވެ. މިއީ އެއްވެސް ހާލެއްގައި ނުކުރެވޭނެ ކަމެއް ނޫނެވެ. ބޭނުންވަނީ އެކަން ކުރެވޭނެ ވަރުގެ ރިއަލިސްޓިކް މަސައްކަތްތަކެއް ކުރުމެވެ. މިއީ ކޮފީއަކަށް އަރާލައި ނިންމާ ނިންމުންތަކަކުން ވާނެ ކަމެއް ނޫނެވެ. ހިތް ގަޔާވާ މޮޅެތި ބަސްތައް އަމުނާލާއި، ރީތިހާ ފޮޓޯ ޖަހާފައިވާ ޕްލޭނަކުވެސް ވާނެ ކަމެއް ނޫނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
21 މެއި 2017 | އާދީއްތަ 11:59
askme shareef
Iguthisaadhee tharahgee eh Qaumu ah genes dhe vey nee Igthisodhu lgilavvaa bey filhalah thaa dhoaw mihaaru sarukaaruge isbeyfulhunnah igilavvanee baithul maalun khaggu noon gothuga faisaa nangavaa kharadhu kurahvan
21 މެއި 2017 | އާދީއްތަ 00:50
moadu
invest kuraane bayaku ves annaany efurusathu thi raajje tv meehun dheegennu،