ކ. މާލެ
|
19 މެއި 2017 | ހުކުރު 23:33
ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އިދާރާ: އެންޓި ކޮރަޕްޝަން ކޮމިޝަނަށް ކުރާއިތުބާރު ވަނީ ކުޑަވެފައި
ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އިދާރާ: އެންޓި ކޮރަޕްޝަން ކޮމިޝަނަށް ކުރާއިތުބާރު ވަނީ ކުޑަވެފައި
ސަން އޮންލައިން
ކޮރަޕްޝަން އިންތިހާ އަށް
ހައްޖާއި އުމަރާ އަށް ވެސް ވަގު ހަދަނީ!
 
ދައުލަތުގެ އެންމެ އިސްވެރިޔާ އާއި މުއައްސަސާތަކާ މެދު ވެސް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ
 
ފުލުހުންގެ ތެރޭގައި ވެސް ކޮރަޕްޝަން އޮތް ކަމަށް ރައީސް ތުހުމަތުކުރެއްވި
 
ކޮރަޕްޝަންގެ މައްސަލަތައް ބަލަން އޮތް އިދާރާތައް ވެސް ވަނީ ކޮރަޕްޓް ވެފައި

ކޮރަޕްޝަންގެ މިންގަނޑުތަކަށް ބަލާއިރު ރާއްޖެ އުޅެނީ އެންމެ ބޮޑަށް ކޮރަޕްޝަން އޮތް ގައުމުތަކުގެ ތެރޭގައެވެ. ދީނީ ގޮތުން ބެލި ނަމަވެސް އެންމެ ނުބައި ކަންކަމުގެ ތެރޭގައި ކޮރަޕްޝަނާއި މީހުންގެ ހައްގުތަކަށް އަރައިގަތުން ހިމެނެއެވެ. ނަމަވެސް 100 ޕަސެންޓް މުސްލިމް ގައުމެއްގައި މި ނުބައި އަމަލު އޮތީ ހައިރާންވާންޖެހޭހާ ދަރަޖައެއްގައެވެ. ރާއްޖޭގައި ކޮރަޕްޝަން ނުވަންނަ އެއްކަމެއް ވެސް ނެތީއެވެ. ހުރިހާ ދާއިރާއެއްގައި ވެސް ކޮރަޕްޝަނެވެ. ވަޒީފާތައް ދިނުމާއި ޝަރުޢީ ދާއިރާގެ މައްސަލަތައް ނިންމުމާއި އެހީތައް ފޯރުކޮށްދިނުމާއި އިގްތިސާދީ މަސައްކަތްތައް ހަވާލުކުރުމާއި ދައުލަތުގެ މާލީ ކަންކަމުގައި ވެސް ކޮރަޕްޝަން އިންތިހާ އަށެވެ.

ކޮރަޕްޝަންގެ ވާހަކަ ދެކެވޭ އިރު ދިވެހިންނަށް އެންމެ ކޮރަޕްޓްތަނެއްގެ ގޮތުގައި ފާހަގަކުރެވެނީ އަވަށްޓެރި އިންޑިއާއެވެ. އެއީ އިންޑިއާގެ ފިލްމްތަކާއި ޑްރާމާތަކުގައި ވެސް އެ މަންޒަރުތައް ތާއަބަދު ދައްކާތީ އެވެ. ބުނެވޭ ގޮތުގައި އިންޑިއާގައި އާދައިގެ ކަމެއް ނިންމުމުގައި ވެސް ކޮރަޕްޝަން ނެތި ނުދެއެވެ. ސަރުކާރުގެ އިދާރާއަކަށް ހުށަހަޅާ ކަމެއް ނިމުމުގެ މުއްދަތު ބިނާވަނީ އެ ހުށަހަޅާ ސިޓީއެއް ނުވަތަ ފައިލެއްގެ ބަރު މިނުގެ މައްޗަށެވެ. ބަރުވަނީ އޭގެ ތެރެއަށް ލާފައި ދޭ ފައިސާގެ ބޮޑުކުޑަ މިނެއްގެ މައްޗަށް ކަމަށް ވެއެވެ.

ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ކަންކަން ވެސް މިހާރު ދަނީ މިދަރަޖައަށް ވެއްޓެމުންނެވެ. ކޮންމެ ކަމެއްގައި ވެސް ފައިސާ އާއި ނުފޫޒުގެ ބާރު ގަދައެވެ. ހާއްސަކޮށް މި ސަރުކާރު އައި ފަހުން ކޮރަޕްޝަނުގެ ވާހަކަ ދެކެވޭ މިންވަރު ވަނީ އިތުރުވެފައެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން 1.3 ބިލިއަން ރުފިޔާ އަށް ވަނީ ހިޔާނާތްތެރިވެފައެވެ. އެ ފައިސާގެ ބޮޑު ބައެއް ސަރުކާރުގެ އިސްވެރިންނާއި މަޖިލީހުގެ މެންބަރުންގެ ޖީބަށް ވަދެފައިވާ ކަމަށް ދަނީ ތުހުމަތުކުރެވެމުންނެވެ. ސަރުކާރު ކޯލިޝަންގެ މަޖިލިސް މެންބަރަކު މަޖިލީހުގަ އާއި އަދި މީޑިއާގައި ވެސް ވަނީ އެ ފައިސާ ބެހި ކަމަށް އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް އެޅުނު ފިޔަވަޅެއް ނެތެވެ.

ކޮރަޕްޝަން ނެތީ ކޮން ކަމެއްގައި ހެއްޔެވެ. މާތްވެގެންވާ ހައްޖާއި އުމްރާގެ އަޅުކަމުގައި ވެސް ކޮރަޕްޝަން އޮތްކަން މި ވަނީ ފަޅާ އަރާފައެވެ. ދާދި ފަހުން ލީކްވި އޯޑިއޯތަކެއްގައި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް ކަމަށް ބެހޭ މީހަކު ވަނީ ހައްޖު ކޯޓާ އާއި އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމުގައި ކޮރަޕްޝަން އެކުލެވޭ ފަދަ ވާހަކަތަކެއް ދައްކާފައެވެ. އެ އޯޑިއޯތަކުގައި ބުނާ ގޮތުން އެކަން ކުރަނީ އެ ފަރާތަށް މާލީ ފައިދާތައް ލިބޭ ގޮތަށެވެ.

ހައްޖު ކޯޓާ ދޫކުރުމުގައި މީގެ ކުރިން ވެސް ކޮރަޕްޝަނާއި ނުފޫޒު ފޯރުވާ ކަމުގެ އަޑުތައް ފެތުރި ބައެއް މައްސަލަތައް ފެންމަތިވެފައި ވެއެވެ. ނަމަވެސް މިފަދަ ފާޅުކަން ބޮޑު ގޮތެއްގައި ހައްޖު ފަދަ މާތް އަޅުކަމެއްގެ ތެރެއަށް ދައުލަތުގެ މުއައްސަސާއަކަށް ނިސްބަތްވާ މީހަކު އެއްވެސް ޖެހިލުމެއް ނެތި ކޮރަޕްޝަން ވައްދާކަމަށް އިއުތިރާފްވުމަކީ މިކަން ރާއްޖޭގައި އޮތް މިންވަރު ހާމަކޮށްދޭ ކަމެކެވެ.

މިއީ ލަދުވެތި ކަމެކެވެ. ރާއްޖޭގެ ކަންކަން މިހާލަތަށް ދިއުމުގައި ކޮރަޕްޝަނަށް ކުރެވޭ ތުހުމަތުތަކަށް އެކަށީގެންވާ ފިޔަވަޅު އެޅިފައި ނެތުން ހިމެނެއެވެ. އަދި ހާއްސަކޮށް ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި މައްސަލަތައް ބަލަން ތިބި އިދާރާތަކާ މެދު ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އިރު މިކަންކަން ހައްލުވާނެ ކަމުގެ އުންމީދު ވަނީ ކުޑަވެފައެވެ. ރައްޔިތުންނަށް ބަހާ ކަދުރުކޮޅުން ފެށިގެން އާސަންދަ އާއި ފަޅުރަށްތައް ދިނުމުގަ އާއި ހައްޖު ކޯޓާއާ ހަމައަށް ކޮރަޕްޝަންގެ ނުބައި އަމަލު މިވަނީ ފެތުރިފައެވެ. މިއީ ބޮޑު ވަބާއަކަށްވެފައިވާ އިރު މިކަމުން ސަލާމަތްވުމުގެ ދޮރު ދަނީ ބަންދުވަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް