ކ. މާލެ
|
16 މެއި 2017 | އަންގާރަ 16:34
ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިއާގެ ފޮރިން މިނިސްޓަރު ސާޖީ ލަވްރޮވް އާއި ސަފީރު ސާޖީ ކިސުލްޔަކްއާ ބައްދަލުކުރައްވަނީ
ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިއާގެ ފޮރިން މިނިސްޓަރު ސާޖީ ލަވްރޮވް އާއި ސަފީރު ސާޖީ ކިސުލްޔަކްއާ ބައްދަލުކުރައްވަނީ
އޭއެފްޕީ
ޑޮނަލްޑް ޓްރަމްޕް
ރަޝިއާއާ ސިއްރު މައުލޫމާތުތަކެއް ޓްރަމްޕް ހިއްސާކުރެއްވި ކަމަށް ރިޕޯޓްތައް ބުނެފި
 
ސިއްރު މައުލޫމާތު ލިބުން ހުއްޓިދާނެ
 
އެވާހަކަތައް ވައިޓްހައުސް ދޮގުކުރޭ
 
ހިއްސާކުރީ އައިއެސްއާ ގުޅޭ މައުލޫމާތު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފްތާގެ ތެރޭގައި ރަޝިއާގެ ބައެއް އިސްވެރިންތަކަކާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ސިއްރު މައުލޫމާތުތަކެއް ހިއްސާ ކުރައްވާފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފިއެވެ.

 

ވޮޝިންޓަން ޕޯސްޓުގައި އެމެރިކާގެ ސަރުކާރުގެ އޮފިޝަލަކާއި ޙަވާލާދީ ބުނެފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު ވައިޓް ހައުސްގައި އޮތް ބައްދަލުވުމެއްގައި އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅޭ ގޮތުން އެމެރިކާ އިން ހޯދާފައިވާ ސިއްރު މައުލޫމާތުތަކެއް ރަޝިއާގެ އޮފިޝަލުންނާއި ޓްރަމްޕް ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

 

ވައިޓްހައުސްގައި އޮތް ބައްދަލު ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ރަޝިއާ ދެ އޮފިޝަލުންނަކީ ޚާރިޖީ ވަޒީރު ސާގީ ލަވްރޯފް އާއި ރަޝިޔާ ސަފީރު ސާގީ ކިސްލީކްއާ އެވެ.

 

ވޮޝިންޓަން ޕޯސްޓްގެ މި ޚަބަރު ވައިޓްހައުސް އިން ވަނީ ދޮގު ކޮށްފަ އެވެ. އެގޮތުން ނޫސްބަޔާންތަކެއް ނެރުމުގެ އިތުރުން ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އެޗްއާރު މެކްސްޓަރ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.

 

ނޫސްވެރިންގެ ބައްދަލުވުމުގައި މެކްސްޓަރ ވިދާޅުވީ ރަޝިޔާގެ އޮފިޝަލުންނަށް އެހެން އެއްވެސް ބަޔަކަށް ނޭނގޭ މައުލޫމާތެއް ޓްރަމްޕް ދެއްވާފައިނުވާ ކަމަށެވެ.

 

"އަޅުގަނޑަކީ އެ ބައްދަލުވުމުގައި އިން މީހެއް. އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކާ،" މެކްސްޓަރ ވިދާޅުވި އެވެ.

 

މެކްސްޓަރ މިހެން ވިދާޅުވި ނަމަވެސް ވޮޝިންޓަން ޕޯސްޓުން ބުނެފައި ވަނީ ޓްރަމްޕް ރަޝިޔާގެ އޮފިޝަލުންނާ ހިއްސާކުރެއްވި މައުލޫމާތަކީ އެމެރިކާއިން ކުރާ ހަނގުރާމައިގައި އެހީތެރިވެދޭ މަދަދުގާރަކު ހިއްސަކުރި މައުލޫމާތެއް ކަމަށެވެ.

 

ޓްރަމްޕް އެމައުލޫމާތު ހިއްސާކުރެއްވުމާ އެކު އެތަނުގައި ތިއްބެވި އޮފިޝަލުންވަނީ އެކަން ސީއައިއޭއަށާއި ނެޝަނަލް ސެކިއުރިޓީ އޭޖެންސީއަށް އަންގާފަ ކަމަށާއި ޓްރަމްޕް އަމަލު ކުރެއްވި އެފަދަ އެއްވެސް މައުލޫމާތެއް އެމެރިކާއާ ހިއްސާ ކުރުން ހުއްޓާލުމުގެ ފުރުސަތު އޮތް ކަމަށް އެ ނޫހުންބުނެއެވެ.

 

ޓްރަމްޕް ވެރިކަމަށް ގެނައުމަށް އެމެރިކާގެ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި މައްސަލަ އެފްބީއައި އިން މިހާރު ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

 

މީގެ އިތުރުން އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމޭ ވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ.

 

ވޮޝިންޓަން ޕޯސްޓުގެ ޚަބަރު ދޮގުކޮށް ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވީ ޓްރަމްޕާއި ރަޝިޔާގެ ޚާރިޖީ ވަޒީރު މަޝްވަރާ ކުރައްވާފައި ވަނީ ޓެރަރިޒަމާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް