ކ. މާލެ
|
15 މެއި 2017 | ހޯމަ 19:12
އުތުރުކޮރެއާގެ އަސްކަރީ ޤާބިލުކަން ދައްކާލުމަށް ބޭއްވުނު ހެވިކަމުގެ ހަރަކާތެއްގައި މިސައިލެއް ދައްކާލަނީ
އުތުރުކޮރެއާގެ އަސްކަރީ ޤާބިލުކަން ދައްކާލުމަށް ބޭއްވުނު ހެވިކަމުގެ ހަރަކާތެއްގައި މިސައިލެއް ދައްކާލަނީ
ރޮއިޓަރސް
އުތުރުކޮރެއާގެ އިންޒާރު
މިސައިލް ޓެސްޓާ އެކު އުތުރު ކޮރެއާގެ އިތުރު އިންޒާރެއް އެމެރިކާއަށް
 
އެމެރިކާގެ ހަވާއީއަށް ފޯރާނެ

އެތައް ޤައުމެއްގެ ނުރުހުމާއެކު ވެސް މިދިޔަ އާދީއްތަ ދުވަހު ތަޖްރިބާކުރި އާ މިސައިލްއާ އެކު އުތުރުކޮރެޔާގެ އިތުރު އިންޒާރެއް އެމެރިކާއަށް ދީފިއެވެ.

 

ޕިޔޮންގްޔަންގް އާ ހަވާލާދީ އާރުޓީ އިން ބުނާ ގޮތުގައި އުތުރު ކޮރެއާ އިން އެންމެ ފަހުން ތަޖުރިބާކުރި މިސައިލް ވަރަށް ކާމިޔާބު ކަމަށް އެގައުމުން ބުނެއެވެ. އަދި އެ މިސައިލަކީ ނިއުކްލިއަރ ވޯހެޑެއް އުފުލުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެއް ކަމަށް ވެސް ބުނެފައި ވެއެވެ.

 

އުތުރު ކޮރެއާ އިން އެންމެ ފަހުން ތަޖުރިބާކުރި ހުވާސޮން-12 މިސައިލް ޓެސްޓު ކުރުމާއި ހަމައަށް ހުރިހާކަމެއްވެސް ދިއައީ އެގައުމުގެ ލީޑަރު ކިމް ޖޮން-އުންގެ ބެއްލެވުމުގެ ދަށުން ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ.

 

އުތުރު ކޮރެއާގެ ދައުލަތުގެ މީޑއާއިން ބުނާ ގޮތުގައި އަލަށް ތަޖުރިބާކުރެވުނު ހުވާސޮން-12 މިސައިލް އަކީ އެމެރިކާއަށް ހަމަލާދެވޭނެ ފެންވަރުގެ މިސައިލެކެވެ.

 

އުތުރު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީ ކޭސީއެންއޭ އާ ހަވަލާދީ ޚަބަރުތައް ބުނާ ގޮތުން ހުވާސޮން-12 ވަނީ 1،312 މޭލު މަތިން 489 މޭލަށް ދަތުރުކޮށްފައެވެ.

 

ތަޖުރިބާތަކަށްފަހު އުތުރުކޮރެއާ އިން ބުނެފައިވަނީ އެކަންކޮށްފައިވަނީ އެ މިސައިލަކީ ބޮޑު ނިއުކްލިއަ ވޯހެޑެއް އުފުލޭ ވަރުގެ އެއްޗެއްކަން ބެލުމަށް ކަމަށާއި މި ސައިލް ތަޖުރިބާކޮށްފައިވާނީ ކައިރީގައިވާ ގައުމުތަކަށް ގެއްލުމެއް ނުލިބޭނެ ގޮތަށް ކަމަށެވެ.

 

އާ މިސައިލެއް ތަޖުރިބާ ކުރުމަށް ފަހު އުތުރުކޮރެއާގެ ބަހުގެ ހަމަލާތައް އަމާޒްވީ އެމެރިކާއަށެވެ. އެގޮތުން އެމެރިކާގެ ވެރިރަށް އޮތީ އުތުރުކޮރެއާގެ މިސައިލަކުން ހަމަލާދެވޭ ހިސާބުގައި ކަމަށް ބުނެފައި ވެއެވެ.

 

އުތުރުކޮރެއާ އިން މިގޮތަށް މިސައިލްތައް ތަޖުރިބާ ކުރަމުން ގެންދާތީ ދުނިޔޭގެ ބޮޑެތި ބާރުތަކުން އަންނަނީ ފާޑުކިޔަމުންނެވެ. ނަމަވެސް އެއިން އެއްވެސް ކަމަށް އުތުރުކޮރެއާ އިން ސަމާލުކަމެއް ދީފައެއް ނުވެއެވެ.

 

މިމައްސަލަގައި އެންމެ ގަދައަށް އަރާރުންވާ ދެ ގައުމަކީ އެމެރިކާ އާއި އުތުރުކޮރެއާއެވެ. އެންމެފަހުން އުތުރުކޮރެއާ އިން ވަނީ ބިރު ނުދެއްކުމަށް އެމެރިކާ އަށް އިންޒާރު ކޮށްފައެވެ..

 

އެންމެ ފަހުން އުތުރުކޮރެއާ އިން ތަޖުރިބާކުރި މިސައިލް ދަތުރުކުރި ގޮތަށްބަލާ ތަޖުރިބާކާރުން ބުނާ ގޮތުގައި ޕެސިފިކުގެ ގުއާމުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒަށް ހަމަލާ ދެވޭނެއެވެ.

 

މިފަހަރު އުތުރުކޮރެއާއިން ތަޖުރިބާކޮށްފައިވަނީ ކުރިއަށްވުރެ މަތީފެންވަރެއްގެ ޓެކްނޮލޮޖީއެއްގެ މިސައިލެއް ކަމަށް މާހިރުން ބުނެއެވެ.

 

އެގޮތުން އުތުރުކޮރެއާގެ އަވައްޓެރި ދެކުނު ކޮރެއާގެ ކިޔުންނަމް ޔުނިވާސިޓީގެ އިންސްޓްޓިއުޓް އޮފް ފާ އީސްޓާން ސްޓަޑީޒްގެ މާހިރު ކިމް ޑޮން ޔުބް ވިދާޅުވެފައިވަނީ ބެލިސްޓިކް މިސައިލްތައް ފޮނުވާލާ އާއްމު އުސްމިނުން ފޮނުވާލައިފި ނަމަ އެމެރިކާގެ ހަވާއީއާ ހަމައަށް އެ މިސައިލް ފޯރާނެ ކަމަށެވެ.

 

އުތުރުކޮރެއާއިން ނިއުކްލިއަރ މިސައިލްތައް ޓެސްޓު ކުރަމުން ދާތީ އެގައުމު މައިތިރު ކުރުމުގެ ގޮތުން އެމެރިކާގެ އަސްކަރީ މަނަވަރުތައް ވެސް ވަނީ ދެކޮރެއާ ގުޅޭ ސަރަހައްދަށް ފިނުވާފައެވެ.

 

މީގެ އިތުރުން އދ.ގެ ސަލާމަތީ މަޖިލީސް މެދުވެރިކޮށްވެސް އެކަން ހުއްޓުވޭތޯ އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އުތުރު ކޮރެއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން އެމެރިކާ މިހާތަނަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުވެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް