ކ. މާލެ
|
15 މެއި 2017 | ހޯމަ 17:30
ނެޝަނަލް އިންޓެލިޖެންސްގެ ކުރީގެ ޑިރެކްޓަރ ޖޭމްސް ކްލެޕަރ: ގައުމުގެ މުއައްސަސާތައް ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށް ވިދާޅުވި
ނެޝަނަލް އިންޓެލިޖެންސްގެ ކުރީގެ ޑިރެކްޓަރ ޖޭމްސް ކްލެޕަރ: ގައުމުގެ މުއައްސަސާތައް ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށް ވިދާޅުވި
ފޭސްބުކް
ރައީސް ޓްރަމްޕްގެ ވެރިކަން
މުއައްސަސާތަކަށް ސީދާ ހަމަލާތަކެއް އަމާޒުވެފައިވޭ: ކްލެޕަރ
 
ޓްރަމްޕް ކެމްޕޭނާއި ރަޝިޔާ ގުޅިގެން މަސައްކަތްކުރި ކަމަށް ދެކެވޭ ވާހަކަތަކަށް ނިމުމެއް ނާދޭ
 
ރައީސް ޓްރަމްޕްގެ މަގާމުގެ ނުފޫޒު ބޭނުންކުރައްވަމުންދާ ކަމަށާއި އަމިއްލަ އެޖެންޑާ ކުރިއަރުވަމުން ގެންދަވާކަމަށް ގިނަ ފަރާތްތަކުން ބުނަމުންދޭ
 
މިނިވަން މުއައްސަސާތައް ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސީދާ ހަމަލާތަކެއް އެގައުމުގެ މުއައްސަސާތަކަށް ކުރިމަތި ކުރުވަމުން އަންނަ ކަމަށާއި އެ އިދާރާތައް މިހާރު ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށް ނެޝަނަލް އިންޓެލިޖެންސްގެ ކުރީގެ ޑިރެކްޓަރ ޖޭމްސް ކްލެޕަރ ވިދާޅުވެއްޖެއެވެ.

ކްލެޕަރ މިހެން ވިދާޅުވީ ސީއެންއެންގެ "ސްޓޭޓް އޮފް ދަ ޔޫނިއަން" ޕްރޮގްރާމްގައި ދެއްެކެވި ވާހަކަފުޅުގައެވެ.

"ވަރަށް ގިނަ ގޮތްގޮތުން، ގައުމުގެ މުއައްސަސާތަކަށް ހަމަލާތައް ކުރިމަތިވޭ، ބޭރުގެ ފިއްތުންތައް ކުރިމަތިވޭ. އޭގެ ތެރޭގައި ގައުމުގެ އިންތިހާބީ ސިސްޓަމްތަކަށް ރަޝިޔާ އިން ކުރިމަތިކުރުވާ ފިއްތުންތައް ހިމެނޭ. އަދި، އެތެރޭގެ ފިއްތުންތައްވެސް އެބައޮތް،" އޭނާ ވިދާޅުވިއެވެ.

އެއީ ކޮން ފިއްތުންތަކެއްތޯ އަދި، އޭގެ ތެރޭގައި ރައީސް ޓްރަމްޕް ހިމެނޭތޯ، ޕްރޮގްރާމްގެ ހޯސްޓް ޖޭކް ޓެޕަރ ސުވާލުކުރުމުން، ކްލެޕަރ ވަނީ އެކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

"ގައުމުގެ ގާނޫނު އަސާސީ އެކުލަވާލި އިރު، އެންމެ ބޮޑަށް އިސްކަންދީފައިވާ ކަމަކީ ބާރުތައް ވަކިކުރުމަށް. ތިން ބާރު އުފެއްދީ ހަމަހަމައަށް ބާރުތައްދީ، އެއްބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވާ ބާރުތަކެއްގެ ގޮތުގައި ބޭއްވުމަށް. އެ މަގްސަދު ގެއްލިފައިވާ ކަމަށް މިހާރު ބެލެވޭ،" ކްލެޕަރ ވިދާޅުވިއެވެ.

ރައީސް ޓްރަމްޕްގެ މަގާމުގެ ނުފޫޒު ބޭނުންކުރައްވަމުން ގެންދަވާ ކަމަށާއި އަމިއްލަ އެޖެންޑާ ކުރިއަރުއްވަމުން ގެންދަވާކަމަށް އެގައުމުގެ ގިނަ ފަރާތްތަކުން ބުނަމުންދާ އިރު، ކޮންގްރެސްގައި ހިމެނޭ ގިނަ ޑެމޮކްރެޓުންނާއި ރިޕަބްލިކަނުން ދަނީ މިކަންކަން ތަހުގީގުކުރުމަށް ހާއްސަ ޕްރޮސެކިއުޓަރެއް ނޫނީ ތަހުގީގީ އިދާރާއެއް އެކުލަވާލުމާއި ބެހޭ ގޮތުން މަޝްވަރާ ކުރަމުންނެވެ. މިފަދަ ޕްރޮސެކިއުޓަރެއް ނުވަތަ އިދާރާއެއްގެ އެންމެ މުހިއްމު މަސައްކަތަކަށް ވާން ޖެހޭނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޓްރަމްޕް ކެންޕޭނާއި ރަޝިޔާގެ ގުޅުމާއި ބެހޭ ތަހުގީގުކަމަަށްވެސް އެފަރާތްތަކުން ދަނީ ބުނަމުންނެެެވެ.

ކޮންގްރެސް އިން މިހެން ބުނެފައިވީ ނަމަވެސް، މިފަދަ ތަހުގީގެއް ކުރުމުގެ ގާނޫނީ ޒިންމާ ހަވާލުވެފައި އޮންނާނީ އެފްބީއައިގެ ޑިރެކްޓަރާއެވެ. އެފްބީއައިގެ ޑިރެކްޓަރގެ މަގާމަށް އަދި ބޭފުޅަކު އައްޔަންކުރައްވާފަ އެއް ނުވެއެވެ. ނަމަވެސް، ގާޒީ މެރިކް ގާލަންޑް މަގާމަށް އައްޔަން ކުރައްވާނޭކަމަށް މިހާރު އަޑުތައް ވަނީ ފެތުރެން ފަށާފައެވެ. ގާލަންޑްގެ ނަން ކޮންގްރެސް އިން ފާސްކުރާނޭކަމުގެ އިޝާރާތެއް ސެނެޓްގެ މެޖޯރިޓީ ލީޑަރު މިޗް މެކޮނަލް ވަނީ ދެއްވާފައެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޓްރަމްޕްގެ ކެމްޕޭނާއި ރަޝިޔާ ގުޅިގެން އިދިކޮޅު ޑެމޮކްރެޓިކް ޕާޓީގެ ކެމްޕޭނަށް ނުފޫޒުފޯރުވުމަށް މަސައްކަތް ކޮށްފައިވާ ނުވާނޭ ކަމަށް ޓްރަމްޕް ހޮނިހިރު ދުވަހު ވަނީ ވިދާޅުވެފައެވެ. ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުގައި ޓްރަމްޕް ވަނީ މި ތުހުމަތުތައް ފުރިހަމަށް ތަހުގީގުކުރާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި، މި ތަހުގީގަކީ އެމަނިކުފާނަށް "ވަރަށްވެސް މުހިއްމު" ތަހުގީގެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ހުރިހާ އެންމެންނަށްވެސް ޔަގީންވާކަމެއް އެބައޮތް: (ރަޝިޔާއާ) ގުޅިގެން މަސައްކަތް ކޮށްފައެއް ނުވާނެ. ރަޝިޔާއާ އެއްވެސް ގުޅުމެއް ނެތް،" ޓްރަމްޕް ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
0%
0%
0%
ކޮމެންޓް