ކ. މާލެ
|
15 މެއި 2017 | ހޯމަ 13:13
ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ހިމަނުއްވާފައިވާ ފޮޓޯއެއް
ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ހިމަނުއްވާފައިވާ ފޮޓޯއެއް
ޓްވިޓަރ
ސިޔާސީ ހަތުރުން މިތުރުންނަށް
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"
 
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ދަނީ މަޖިލީހުގެ ތެރެއިން ކަންކަން ކުރުމުގެ މަގު ފަހި ކުރުމުގެ މަސައްކަތް ކުރަމުން
 
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކަށް ވަނީ ވަރަށް ބޮޑު ކާމިޔާބެއް ލިބިފަ
 
ރާއްޖޭގެ އެންމެ މަގްބޫލް ދެ ސިޔާސީ ލީޑާރުން ތިއްބެވީ ގައުމު އިސްލާހު ކުރުމުގައި އަތުކުރި އޮޅާލައްވައިގެން

މިއީ އިހުގެ ވަރަށް ރީތި ލަވައެކެވެ.

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ މުޅިޒަމާން.

އެކުވެރި ރަހްމަތްތެރި ގުޅުމަކުން ފޮނި އުއްމީދޭ މިއާލާވަމުން."

މި ޅެމުގައި ބުނަނީ ޒަމާން ބަދަލުވެއްޖެ ކަމަށެވެ. އެކުވެރި ރަހްމަތްތެރި ގުޅުމުމެއް އުފެދި، ފޮނި އުއްމީދުތަކެއް ކުރެވޭ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ އަދި ރާއްޖޭގެ އެންމެ ގިނަ ރައްޔިތުން އެ ބޭފުޅަކަށް ތާއީދު ކުރާ އެއްބޭފުޅަކީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު އެވެ. ރައީސް ނަޝީދު މިފަދަ ޅެމެއް ވިދާޅުވުމުން އެއީ "ވަރަށް ވާޙަކަ" އެވެ.

 

ރައީސް ނަޝީދު ވަނީ އެޅެން ޓްވީޓް ކުރައްވާފަ އެވެ. އެމަނިކުފާނު އެޅެން ޓްވީޓް ކުރެއްވިއިރު، ރާއްޖޭގެ ސިޔާސީ އެންމެ ބޮޑު ދެ ހަތުރުން ނުވަތަ ދުވަހަކުވެސް އެއްގަލަކަށް ނާރާނޭކަމަށް ބައެއް ރައްޔިތުން ގަބޫލު ކުރާ ރާއްޖޭގެ އެންމެވަރުގަދަ ދެ ސިޔާސީ ލީޑަރުން އަދި ކުރީގެ ދެ ރައީސް މިވަނީ އެއްގަލަކަށް އަރާވަޑައިގަންނަވާފަ އެވެ. އެއީ ރާއްޖޭގެ ދިގު 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރާއްޖޭގައި ޑިމޮކްރެސީއާއި އިންސާނީ ހައްގުތަކަށް ކެނޑިނޭޅި ވަކާލާތު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މަހައްމަދު ނަޝީދު އެވެ.

ރައީސް ނަޝީދު އެޅެން ނުވަތަ އެލަވަ ޓްވީޓް ކުރެއްވިއިރު، ރާއްޖޭގެ ސިޔާސީ ހާލަތު މިވަނީ އެފުށްމިފުށަށް ޖެހި، ސިޔާސީ ލީޑަރުންނަށް މިވަނީ ގައުމު އިސްލާހު ކުރުމުގެ މަސައްކަތަށް ނުކުންނަވަން ޖެހިވަޑައިގަންނަވާފަ އެވެ.

ރައިސް މައުމޫން އިސްކޮށް ހުންނަވާ އުފެއްދި ޕީޕީއެމް މިވަނީ ބަޔަކު މީހުން ހައިޖެކް ކޮށްފަ އެވެ. އެންމެފަހުން ރައީސް މައުމޫންވެސް އެވަނީ ޕީޕީއެމުން ބާކީ ވެސް ކުރައްވާފަ އެވެ. ޕީޕީއެމް އެފެއްދުމަށްފަހު، ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ޕީޕީއެމުން ކާމިޔާބު ކުރީ ސީދާ ރައީސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ލީޑަރު ޝެއިހް އިމްރާން ކަމާމެދު ދެބަސްވާނެ މީހަކު ނުހުންނާނެ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މީގެ އިތުރުން ޕީޕީއެމް ރިޔާސީ ޓިކެޓްގައި ރިޔާސީ އިންތިހާބަށް ނުކުންނެވި ރައީސް ޔާމީންގެ ރަނިންގމޭޓް އަދި ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކެމްޕެއިންގެ ތެރޭގައި ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަންޖެހެ އެވެ.

މިދެންނެވި ހުރިހާ ބޭފުޅުން އެއްތަން ކުރެއްވި ބޭފުޅަކީ ރައީސް ޔާމީނެވެ. އެއީ އެމަނިކުފާނުގެ ގަސްދަކާ ނުލާކަމަށް ވެދާނެ އެވެ. ނަމަވެސް އެ ހުރިހާ ބޭފުޅުން އެއްގަލަކަށް އެރުމުގެ މައިގަނޑު ސަބަބު މެދުވެރި ކުރުވީ ރައީސް ޔާމީންގެ ސަރުކާރުން ކަންކަން ކުރަމުންދިޔަ އަދި ކަންކަން ކުރަމުންދާ ގޮތެވެ.

ރައީސް އަބްދުﷲ ޔާމީންގެ މިސަރުކާރުން ކަންކަން ކުރަމުންދާގޮތާމެދު އެބޭފުޅުންނާއި ދިވެހި ގިނަ ރައްޔިތުން ހިތްހަމަ ނުޖެހޭ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. ދައުލަތުގެ މުދަލާއި ފައިސާއިން ހިޔާނާތާއި ކޮރަޕްޝަންގެ ބޮޑުތި އަމަލުތައް ހިންގާ، ބަޑި ގުދަނުގެ ތަޅުދަނޑި ގެއްލި، ދައުލަތުގެ ތިޖޫރީ ހުރިތަން ނޭނގޭ ހިސާބަށް ކަންކަން ގޮސް، ދައުލަތުގެ މާލިއްޔަތަށް ވާނުވާނޭނގޭ ހިސާބަން ގައުމުގެ ކަންކަން މިވަނީ ގޮސްފަ އެވެ. ކޯޓުތަކާއި ދައުލަތުގެ ސަލާމަތީ ބާރުތައް ސަރުކާރުގެ މުށު ތެރޭގައި، ހަމައެކަނި ސަރުކާރުން ބޭނުންވާގޮތަށް ކަންކަން ކުރަމުންގޮސް، އެންމެފަހުން ގާނޫނު ހަދާ މަޖިލީހުގެ ބާރުވެސް މިދަނީ ކަނޑާލަމުންނެވެ. ނަމަވެސް ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބެނީ، އެންމެ ފަހުން ބޭއްވިގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާއިންނެވެ. ދިވެހި ރައްޔިތުން ހިޔާނާތާއި ކޮރަޕްޝަނާއި ދެކޮޅުކަން ހާމަކޮށްދީފައިވާތީއެވެ.

އެންމެފަހުން ބޭއްވި އާއްމު އިންތިހާބުގައި ރައްޔިތުން އެވަނީ ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނެފަ އެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ލީޑަރުން ކުރައްވަމުން ގެންދަވާ މަސައްކަތައް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށް ވެސް މިކަންވާނެ އެވެ. އެހެންކަމުން މިލަވަ އަކީ މިވަގުތު ވަރަށް މުނާސަބަތު ލަވައެކެވެ.

ޒަމާން ބަދަލުވެއްޖެ އެވެ. ކުރީގެ ސިޔާސީ ހަތުރުން މިތުރުންނަށް ވެއްޖެ އެވެ. ކޮންކްރީޓް ތަރައްގީ ގެނައުމުގެ ކުރިން ފުރަތަމަ އިންސާނީ ހައްގުތަކާއި އަސާސީ ހިދްމަތްތައް މާބޮޑަށް ވެސް މުހިއްމު ކަމަށް ރައްޔިތުން ބުނެފި އެވެ.

އެންކަމުން ރައީސް ނަޝީދު އެވިދާޅުވާ ފޮނި އުއްމީދު އާލާވަމުންދާ މަންޒަރު އެބަފެނެއެވެ. އެކަމަކު އެ ޅެމުގައި ޝާއިރު އެވިދާޅުވާ އެއްޗެއް ގެ މާނަ އޮންނާނީ "ޝާއިރުގެ ބަނޑުގައޭ" ބުނާ ބުނުމަށް އެކަން ދޫކޮށްލާނަމެވެ. ނަމަވެސް ރައީސް ނަޝީދު އެޅެން ވިދާޅުވީމާ އެވިދާޅުވަނީ "ވާރަށް ވާހަކަ" ކަން ހާމަވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި