ކ. މާލެ
|
20 ޖޫން 2021 | އާދީއްތަ 23:46
އިޓަލީ އާއި ވޭލްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިޓަލީ މޮޅުވީ 1-0 ން
އިޓަލީ އާއި ވޭލްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިޓަލީ މޮޅުވީ 1-0 ން
ގެޓީ އިމޭޖަސް
ޔޫރޯ 2020
އިޓަލީއަށް އެއްވަނަ، ވޭލްސް ދެވަނަ ބުރަށް
 
ވޭލްސް އަތުން އިޓަލީ މޮޅުވީ 1-0 ގެ ނަތީޖާއަކުން
 
ތުރުކީ އަތުން ސްވިޓްޒަލެންޑް މޮޅުވީ 3-1 ގެ ނަތީޖާއަކުން

ޔޫރޯ 2020 ގައި ވޭލްސް ބަލިކޮށް އިޓަލީން ގްރޫޕް އޭ ގެ އެއްވަނަ ހޯދައިފިއެވެ.

އިޓަލީން ގްރޫޕުގެ އެއްވަނަ ހޯދީ ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ވޭލްސް ބަލިކޮށްގެންނެވެ. މި މެޗުން ބަލިވި ނަމަވެސް، ދެވަނަ ޓީމުގެ ގޮތުގައި ވޭލްސް ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިޓަލީން މޮޅަށް ކުޅުނުއިރު، އެޓީމުގެ ފޯވާޑް އަންދްރިއާ ބެލޮއްޓީއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ނަމަވެސް މެޗުގެ 39 ވަނަ މިނެޓުގައި އިޓަލީން ވަނީ ލީޑު ނަގާފައެވެ. މާކޯ ވެރާޓީ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޓޭއޯ ޕެސީނާއެވެ.

މި މެޗުގައި ވޭލްސްއަށް ގޮންޖެހުންތަކަކާ ކުރިމަތިވީ ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު އީތަން އަމްޕާޑޫއަށް ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. އެކަމަކު އޭގެ ފަހުންވެސް ވޭލްސްއިން ވަނީ ރަނގަޅަށް ޑިފެންސްކޮށްގެން ކުޅެފައެވެ.

މި މޮޅާއެކު އިޓަލީން ވަނީ ބަލިނުވެ 30 މެޗު ހަމަކޮށް، 82 އަހަރުވީ ރިކޯޑަކާ ހަމަކޮށްފައެވެ. އަދި މި މެޗާއެކު އިޓަލީން ވަނީ ބައިކޮޅަށް ލަނޑެއް ނުވައްދައި ޖެހިޖެހިގެން 11 މެޗު ފުރިހަމަކޮށްފައެވެ.

ސްވިޓްޒަލެންޑާއި ތުރުކީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސްވިޓްޒަލެންޑް މޮޅުވީ 3-1 ން - ގެޓީ އިމޭޖަސް

މީގެ އިތުރުން މި ގްރޫޕުގައި ހިމެބޭ ސްވިޓްޒަލެންޑުން ވަނީ ތުރުކީ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

އަޒަބައިޖާނުގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ވަރަށް ކުރީ ކޮޅު ސްވިޓްޒަލެންޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މެޗުގެ ހަވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަރިސް ސެފެރޮވިޗްއެވެ. އަދި އޭގެ ފަހުން މެޗުގެ 26 ވަނަ މިނެޓުގައި ޒެރްޑަން ޝަގީރީ ވަނީ އިތުރު ލަނޑެއް ޖަހައި، ސްވިޓްޒަލެންޑަށް ލީޑު ފުޅާކޮށްދީފައެވެ.

އެކަމަކު ދެވަނަ ހާފުގައި ތުރުކީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް، ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިރްފާން ކަވީޗީއެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން ޝަގީރީ ވަނީ އިތުރު ލަނޑެއް ޖަހައި ސްވިޓްޒަލެންޑުގެ ލީޑު އަލުން ފުޅާކޮށްފައެވެ.

މިނަތީޖާއާއެކު އެއްވަނައިގައި އޮތް އިޓަލީއަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ވޭލްސް އާއި ތިންވަނައިގައި އޮތް ސްވިޓްޒަލެންޑަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައިވެއެވެ. އެކަމަކު ވޭލްސްއަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕުގެ ގަދަ ދެ ޓީމުގެ ތެރޭގައި ނުހިމެނުނު ކަމުގައި ވިޔަސް، ސްވިތްޒަލެންޑަށް ދެވަނަ ބުރުގެ ފުރުސަތު އަދި އެބައޮތެެވެ. އެއީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް