ކ. މާލެ
|
21 ޖޫން 2021 | ހޯމަ 00:06
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި އަތުލުން
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި އަތުލުން
ޕޮލިސް
މަސްތުވާތަކެތި އަތުލައިގަތުން
މަސްތުވާތަކެތި ހޯދައި ހަތަރު މީހަކު ހައްޔަރުކޮށްފި
 
ހައްޔަރުކުރި އެންމެންނަކީ ވެސް ދިވެހިން
 
މި މައްސަލަތަކުގައި ހައްޔަރު ކޮށްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި، 32 އަހަރުގެ ފިރިހެނަކާއި، 33 އަހަރުގެ ފިރިހެނެއްގެ އިތުރުން، 41 އަހަރުގެ ފިރިހެނެއް

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ރ. އުނގޫފާރާއި، ގދ. ތިނަދޫއާއި، ށ. ފުނަދޫ, އަދި ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ހޯދައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަތަކުގައި ހައްޔަރު ކޮށްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި، 32 އަހަރުގެ ފިރިހެނަކާއި، 33 އަހަރުގެ ފިރިހެނެއްގެ އިތުރުން، 41 އަހަރުގެ ފިރިހެނެކެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.

މަސްތުވާތަކެތި ހިފައިގެން މީހަކު ކުޅުދުއްފުށިން ފުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 19ވަނަ ދުވަހުގެ މެންދުރު 11:59 ހާއިރު ކުޅުދުއްފުށީ ބަނދަރު މަތިން 41 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭނާ ހުއްޓުވައި ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާ ހިފައިގެންހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

އޭގެ އިތުުރުން، ށ. ފުނަދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން  ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ފުނަދޫ ގެއެއް ބަލައިފާސްކޮށް، މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:28 ހާއިރު 33 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވެއެވެ. މި އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގޯތިތެރޭގައި ވަޅުލާފައި އޮތް ދަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 2 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ށ. ފީވަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

އެ މީހުންގެ ތެރެއިން 18 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ ކަނޑުމަގުން އުނގޫފާރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 1:30 ހާއިރު އުނގޫފާރު ބަނދަރުމަތިންނެވެ. އޭނާ ހުއްޓުވައި އޭނާގެ ހަށިގަނޑާއި އޭނާ ދަތުރުކުރި ލޯންޗު ބަލައިފާސްކުރިއިރު ލޯންޗުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި 10 ސެލޯފިންކޮޅާއި 30 ކަރުދާސްކޮޅު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް، މިނސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ގދ. ނަޑެއްލާ ގެއެއްގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ތިނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ނަޑެއްލާ ގެއެއް ބަލައިފާސްކޮށް 32 އަހަރުގެ މީހަކު،  މި މަހުގެ 15 ވަނަ ދުވަހުގެ 08:03 ހާއިރު ހައްޔަރު ކޮށްފައިވެއެވެ. އެ އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ކޮޓަރިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓު އޭނާގެ ހަށިގަނޑުން ހޯދާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގދ. ނަޑެއްލާ މެޖިސްޓްރޭޓް ކޯޓަށް ހާޒިކުރުމުން، މިނސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި ހުރިހާ މައްސަލަތަކެއްވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް