ކ. މާލެ
|
20 ޖޫން 2021 | އާދީއްތަ 15:40
ޔޫތު މިނިސްތަރު މަހުލޫފް އަދި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް
ޔޫތު މިނިސްތަރު މަހުލޫފް އަދި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް
ރާއްޖެއެމްވީ
މަހުލޫފުގެ މައްޗަށް ދައުވާކުރުން
މަހުލޫފުގެ މައްސަލަ: ވަކި މީހަކަށް ވީތީ ދައުވާ ކުރާކަށް ނޫނީ ނުކުރާކަށް ނޫޅެން – ޝަމީމް
 
ވަކި މީހާކާ ޒާތީވެގެން ނޫޅުއްވާ ކަމަށް ޝަމީމް ވިދާޅުވި
 
ޝަމީމް ވިދާޅުވީ މައްސަލަތަކުގައި ޝަމީމްގެ ކުރިމައްޗަށް އަންނާނީ ނަންބަރެއް ކަމަށް
 
މައްސަލަތަކުގައި ކަންކަން ސާފުކުރުމަކީ ރޫޓިންކޮށް ކޮންމެ ދުވަހަކުވެސް ކުރާ ކަމެއް

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފަށް ދައުވާ ކޮށްދިނުމަށް ފޮނުވި މައްސަލައިގައި ވަކި މީހަކަށް ވީތީ ދައުވާ ކުރައްވަން ނުވަތަ ނުކުރައްވަން ނޫޅުއްވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުފެއްދެވިއިރު، ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ވާގޮތުން، އެ ކޮމިޝަން އުފައްދަވާފައިވަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލަ އެކަށީގެންވާ ވަރަށް ތަހުގީގީ އިދާރާތަކުން ބަލާފައި ނުވާތީއެވެ. އެގޮތުން އެމްއެމްޕީއާރްސީ މައްސަލައިގައި ފުލުހުންނާއި އޭސީސީން ބަލަމުން ދިޔަ މައްސަލަތައްވެސް ވަނީ އެ ކޮމިޝަނުގެ ދަށަށް ގެންގޮސްފައެވެ.

މީގެ ކުރިން އެމްއެމްޕީއާރްސީ މައްސަލަތަކުގައި ދައުވާކުރަން ފޮނުވާފައި ވަނީ ވެސް ފުލުހުން މެދުވެރިކޮށް އެސެޓް ރިކަވަރީ ކޮމިޝަނުންނެވެ. އެހެން ނަމަވެސް މަހުލޫފްގެ މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ އޭސީސީއިންނެވެ. މިކަން މިގޮތަށް ކުރެވިގެން ނުވާނެ ކަމަށް މަހުލޫފް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މަހުލޫފުގެ މައްސަލައިގައި ތަފާތުކޮށް ކުރިއަށް ގެންދަނީ ކީއްވެގެންތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ، މައްސަލަތަކުގައި ޝަމީމްގެ ކުރިމައްޗަށް އަންނާނީ ނަންބަރެއް ކަމަށާއި މީހެއް ނޫން ކަމަށެވެ. އަދި އެ ނަންބަރު ދިމާވެއްޖެ ނަމަ ކުރިއަށް ވަޑައިގަންނަވާނެ ކަމަށާއި، ދިމާ ނުވެއްޖެ ނަމަ ކުރިއަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ. އަމިއްލަ ބޭބޭފުޅުގެ މައްޗަށް ދައުވާކުރެއްވިކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ، ވަކި މީހަކަށް ވީތީ ދައުވާ ކުރައްވަން ނުވަތަ ނުކުރައްވަން ނޫޅުއްވާކަމަށެވެ. އަދި ވަކި މީހާކާ ޒާތީވެގެން ނޫޅުއްވާ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު ކުރިމައްޗަށް އަންނާނީ ނަންބަރެކޭ. މީހެއް ނޫނޭ. އެ ނަންބަރު ދިމާވެއްޖިއްޔާ ކުރިއަށް ދާނީ، ނަންބަރު ދިމާ ނުވެއްޖިއްޔާ ކުރިއަށް ނުދާނީ، އެހެން ހިނގާ ކަމެކޭ މިކަމަކީ. ވަކި މީހަކަށް ވީތި ކުރަން ނުވަތަ ނުކުރަން އެކަހަލަ އެއްވެސް ކަމެއް އަޅުގަނޑުގެ ނެތޭ. އަޅުގަނޑުގެ ޓްރެކް ރިކޯޑު ބައްލަވައިފިއްޔާ އަޅުގަނޑު ބޭބެ މައްޗަށް އަޅުގަނޑު ދައުވާ ކުރިން. އެހެންވީމަ އެހެން ހިނގާފަ ހުރި ކަންކަން މީ. އަޅުގަނޑަކަށް އެކަމަކާ ވަކި މީހަކާ ޒާތީވެގެން ނުވަތަ ނުވެގެނެއްވެސް ނޫން. އިރާދަ ކުރެއްވިއްޔާ އެކަހަލަ ކަމެއް އަދި ހިނގާފައެއްނެތް. ނުވެސް ހިނގާނެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް

މަހުލޫފްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ޖޫން މަހުގެ 9 ވަނަ ދުވަހު ގައެވެ. އެދުވަހުން ފެށިގެން ޕީޖީ އޮފީހުން ވަކިގޮތެއް ނިންމަން ދެން ރައީސުލްޖުމްހޫރިއްޔާ ވަނީ މަހުލޫފް މަސައްކަތުން އެކަހެރި ކުރައްވާފައެވެ.

މި މައްސަލައިގެ ތަހުގީގަށްފަހު އޭސީސީން، މަހުލޫފްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވިއިރު ތަހުގީގުގައި އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން އެކަން އިސްލާހު ކުރުމަށް ޕީޖީއޮފީހުން ވަނީ އޭސިސީގައި އެދިފައެވެ. އަދި މަދުވާ ބައެއް ލިޔެކިޔުންތައް ހުށަހެޅުމަށް ވެސް އެދިފައި ވެއެވެ.

މިކަމާ ގުޅިގެން ޝަމީމް ވިދާޅުވީ، މައްސަލަތަކުގައި ކަންކަން ސާފުކުރުމަކީ އާންމުކޮށް ކޮންމެ ދުވަހަކު ވެސް ކުރާ ކަމެއް ކަމަށެވެ. އަދި މިއީ ވަކި މި މައްސަލައިގައި ހިނގާ ޚާއްސަކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ވީހާވެސް އަވަހަކަށް މި މައްސަލައިގައި ގޮތެއް ނިމިގެން ދާނެ ކަމަށެވެ. އަދި މިފަދަ ކަމެއް ގޮތެއް ނުނިންމި ބޯމަތީގައި އޮތުމުން މިނިސްޓަރު މަހުލޫފަށް ދަތިވާނެ ކަން ވެސް އެނގިވަޑައިގަންނަވާ ކަމަށާއި، އެކަމަކު ގޮތެއް ނިންމާއިރު ނިންމަން ޖެހޭނީ ވަރަށް ސާބިތުކަމާ އެކުގައި ކަމަށް ވިދާޅުވިއެވެ. އަދި ގޮތެއް ނިންމާއިރު އޭސީސީގެ ބޮލުގައި ނޫނީ ފުލުހުންގެ ބޮލުގައި ނުވަތަ ކޯޓުގެ ބޮލުގައި އެކަން އެޅުވުމަކީ ކުރައްވާނެ ކަމެއް ނޫންކަމަށް ޝަމީމް ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް