ކ. މާލެ
|
20 ޖޫން 2021 | އާދީއްތަ 15:37
ތުރުކީ މެޗުގެ ކުރިން ސްވިޓްޒަލެންޑުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
ތުރުކީ މެޗުގެ ކުރިން ސްވިޓްޒަލެންޑުން ކުރިއަށްގެންދިޔަ ތަމްރީނުތަކުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔޫރޯ 2020
ޔޫރޯ 2020 - ސްވިޓްޒަލެންޑާއި ތުރުކީގެ ކުރިމަތިލުން
 
ދެވަނަ ބުރުގެ ޖާގައެއް ލިބުމުގެ ފުރުސަތު ބޮޑީ ސްވިޓްޒަލެންޑަށް
 
ޔޫރޯގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް ތުރުކީ ވަނީ ބަލިވެފައި

ޔޫރޯ 2020 ގެ ގްރޫޕް އޭ ގެ ފަހު މެޗުގައި ނުކުންނާނީ ސްވިޓްޒަލެންޑާއި ތުރުކީ ބައްދަލުކުރާއިރު، މި މުބާރާތުގައި ސްވިޓްޒަލެންޑުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ވޭލްސްއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އަދި ދެވަނަ މެޗުގައި އިޓަލީ އަތުން 3-0 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. އަދި ތުރުކީން ވަނީ ފުރަތަމަ މެޗުން އިޓަލީ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެ، ދެވަނަ މެޗުގައި ވޭލްސް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.

އާދީއްތަ ދުވަހުގެރޭ ސްވިޓްޒަލެންޑާއި ތުރުކީ ބައްދަލުކުރާއިރު، މި މެޗު ކުޅޭނީ އަޒަބައިޖާނުގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމުގައެވެ. މި މެޗު ކާމިޔާބުކޮށްގެން ދެވަނަ ބުރުގެ ޖާގައެއް ލިބުމުގެ ފުރުސަތު ބޮޑީ ސްވިޓްޒަލެންޑަށެވެ. އެކަމަކު އެއީ އިޓަލީން ވޭލްސް ބަލިކޮށްފިނަމަ، ހަތަރު ޕޮއިންޓް ހަމަކޮށްގެންނެވެ.

މި ވަގުތު ގްރޫޕް އޭ ގެ އެއްވަނައިގައި ދެ މެޗުން ހަ ޕޮއިންޓާއެކު އިޓަލީ އޮތްއިރު، ދެވަނައިގައި ވޭލްސް އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި ދެ މެޗުން އެންމެ ޕޮއިންޓަކާއެކު ސްވިޓްޒަލެންޑް އޮތްއިރު، ފުލުގައި ތުރުކީ އޮތީ ދެ މެޗު ކުޅެ ޕޮއިންޓެއް ނުލިބިއެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެ ޓީމު ދެވަނަ ބުރަށް ދަތުރުކުރާއިރު، ދެވަނަ ބުރުގެ ޖާގައެއް ދެން ލިބޭނީ ތިންވަނައިގައި ނިންމާ ހަ ޓީމުގެ ތެރެއިން އެންމެ ރަނގަޅު ހަތަރު ޓީމަށެވެ.

ސްވިޓްޒަލެންޑުގެ ކޯޗު ވްލެޑެމިއާ ޕެޓްކޮވިޗުގެ ބަސް:

ތުރުކީ މެޗުގެ ކުރިން ސްވިޓްޒަލެންޑުގެ ކޯޗު ވްލެޑެމިއާ ޕެޓްކޮވިޗް ބުނީ މި މެޗުން ތިން ޕޮއިންޓް ހޯދައިގެން ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ސްވިޓްޒަލެންޑަށް އެބައޮތް ކަމަށާއި، އެހެންކަމުން މި މެޗުން މޮޅުވާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން އޭނާގެ ޓީމުން އޮތީ ތައްޔާރަށް ކަމަށެވެ. އަދި މި މެޗުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން ޖެހޭ ކަމަށާއި، މިއީ މި މުބާރާތުގައި އެ ޓީމުން ކުޅޭނެ އެންމެ މުހިންމު މެޗުކަމަށްވެސް ވަނީ ބުނެފައެވެ.

ތުރުކީގެ ކޯޗު ސެނުލް ގަނޭސްގެ ބަސް:

ތުރުކީގެ ކޯޗު ސެނުލް ގަނޭސް ބުނީ ތުރުކީގައި މި ވަގުތު އޮތް ސްކޮޑަކީ ވަރަށް ޒުވާން ސްކޮޑެއް ކަމަށާއި، ތުރުކީގެ ޒުވާން ކުޅުންތެރިން މިހާތަނަށް މިކަހަލަ މުބާރާތެއްގެ ތަޖުރިބާނުކުރާ ކަމަށެވެ. އެކަމަކު ސަޕޯޓަރުން އަބަދުވެސް ބޭނުންވާނީ ކާމިޔާބީއެއް ކަމަށާއި، އެކަމަކު އޭނާގެ ބޭނުމަކީ ފެންވަރު ރަނގަޅު ޓީމެއް މި ފަހަރުގެ ޔޫރޯއިން ބިނާކުރުން ކަމަށްވެސް ވަނީ ބުނެފައެވެ.

ޔޫރޯގެ ގްރޫޕް އޭ ގައި ސްވިޓްޒަލެންޑާއި ތުރުކީ ބައްދަލުކުރާ މެޗު ފަށާނީ އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް