ކ. މާލެ
|
20 ޖޫން 2021 | އާދީއްތަ 14:16
ޕާކުކުރުމަށްފަހު ސައިކަލު ތަޅުނުލާ ނުވަތަ ތަޅުދަނޑި ޖަހާފައި ނުނަގާ ދިއުމުގެ ސަބަބުން ދެން އަންނައިރު ސައިކަލެއް ނުހުރޭ
ޕާކުކުރުމަށްފަހު ސައިކަލު ތަޅުނުލާ ނުވަތަ ތަޅުދަނޑި ޖަހާފައި ނުނަގާ ދިއުމުގެ ސަބަބުން ދެން އަންނައިރު ސައިކަލެއް ނުހުރޭ
ރާއްޖެއެމްވީ
ސައިކަލު ވަގަށް ނެގުމުގެ މައްސަލަ
ފުލުހުންގެ އިލްތިމާސް: ސައިކަލުން ތަޅުދަނޑި ނަގަން ސަމާލުވޭ!
 
ސައިކަލު ޕާކު ކުރުމަށްފަހު ހަނދާންނެތިގެން ތަޅުދަނޑި ނުނަގާ ހުންނަ މައްސަލަތަކަކީ ވެސް މި ފަހުން އާންމުވެފައިވާ މައްސަލައެއް

ފަހަކަށް އައިސް މުޖުތަމައުުގައި ހިނގާ ވައްކަމުގެ މައްސަލަތަކުގެ ތެރެއިން ސައިކަލު ވަގަށް ނެގުމުގެ މައްސަލައަކީ އާންމުވެފައިވާ މައްސަލައެކެވެ. މިގޮތުން ސައިކަލު ޕާކު ކުރުމަށްފަހު ހަނދާންނެތިގެން ތަޅުދަނޑި ނުނަގާ ހުންނަ މައްސަލަތަކަކީ ވެސް މި ފަހުން އާންމުވެފައިވާ މައްސަލައެކެވެ. ސައިކަލު ޕާކުކުރުމަށްފަހު ހަނދާން ނެތިގެން ނަމަވެސް ސައިކަލު ތަޅުނުލާ ނުވަތަ ތަޅުދަނޑި ނުނަގާ ދިއުމުގެ ސަބަބުން ދެން އަންނައިރު ސައިކަލެއް ނުހުރެއެވެ.

މިފަދައިން ހިނގާފައިވާ ހާދިސާއެއް ދާދިފަހުން ފުލުހުން މިވަނީ ހާމަކޮށްފައެވެ. ފުލުހުން ހާމަކޮށްފައިވާ މި ހާދިސާއަށް ބަލާއިރު ނާޒިމް (އަސްލުނަމެއް ނޫން) އަށް ވެސް މިވަނީ މިފަދަ ހާދިސާއަކާ ކުރިމަތިވެފައެވެ. ނާޒިމް އަކީ ވަރަށް ބުރަކޮށް އޮފީހެއްގައި މަސައްކަތްކުރާ މީހެކެވެ. އެ ގޮތުން އެއްދުވަހަކު ގެއަށްދާން ލަސްވެގެން އޮފީހުން ނުކުމެ ސައިކަލަށް އަރައި ދުއްވާލައި ގެއަށް ދިއުމަށް އޭނާ އަވަސްވެގަތެވެ. އަދި ގެއާ ހިސާބަށް ގޮސް އަވަސް އަވަހަށް ސައިކަލު ޕާކުކުރުމަށްފަހު ގެއަށްވަނީ ހަނދާން ނެތިގެން ސައިކަލަށް ތަޅުދަނޑި ޖަހާފައެވެ.

އޭގެ 10 ވަރަކަށް މިނެޓް ފަހެވެ. ގެއަށް ބޭނުންވާ އެއްޗެއް ގަންނަންވެގެން ބޭރަށް ދާންވެގެން ސައިކަލުގެ ތަޅުދަނޑި ލެވުނުތަނެއް ނޭނގިގެން ހޯދަން ފެށިއެވެ. އެވަގުތު ކުއްލިއަކަށް ހަނދާންވީ ސައިކަލުގައި ޕާކުކުރުމަށްފަހު ތަޅުދަނޑި ޖަހާފައި އާދެވުނު ހަނދާނެވެ. އަވަސް އަވަހަށް ސައިކަލު ޕާކުކުރި ތަނަށް ދިޔައިރު ކަމަކުދާކަށް ނެތެވެ. ސައިކަލެއް ނެތެވެ. ނާޒިމަށް ކުރެވުނު ކުޑަކުޑަ ކަމަކުން، އަގުބޮޑުކޮށް ގަތް ސައިކަލު ކުޑަ ހިނދުކޮޅެއްގެތެރޭގައި ގެއްލުނީއެވެ. މިއީ ވިސްނާ ނުލެވުމުގެ ނަތީޖާއެވެ.

މިފަދަ އެތައް ހާދިސާއެއް ރިޕޯޓުކުރެވިފައިވާއިރު ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ޖެނުއަރީ މަހުގެ 1ން ފެށިގެން މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، ސައިކަލު ޕާކު ކުރުމަށްފަހު ތަޅުދަނޑި ޖަހާފައި ހުރުމުގެ 54 މައްސަލައެއް ހަމައެކަނި މާފަންނު ޕޮލިސް ސްޓޭޝަނަށް ވެސް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މިއީ ކުޑަކުޑަ މުއްދަތެއްގެ ތެރޭގައި ހުށަހެޅިފައިވާ މައްސަލަތަކުގެ އަދަދެވެ. ފާއިތުވި އަހަރުތަކުގައި ވެސް މިފަދަ އެތައް މައްސަލައެއް ފުލުހުންނަށް ވަނީ ރިޕޯޓުކުރެވިފައެވެ.

ހަނދާން ނެތިގެން ނަމަވެސް ވަގުންގެ އަތްމައްޗަށް ދޫކޮށްލެވެނީ ތިބާގެ އަގުބޮޑު މުދަލެކެވެ. އެހެނީ، މިފަދަ ކަންކަމުގެ ސަބަބުން ވައްކަން ކުރާ ފަރާތްތަކަށް ވައްކަން ކުރުމުގެ ފުރުސަތު ބޮޑުވެ، ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވެގެން ދެއެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވެއެވެ. ތިމާާ ބުރަކޮށް މަސައްކަތް ކުރުމަށްފަހު ހޯދާ މުދާ ކުރެވޭ ކުޑަކުޑަ ކަމަކުން ގެއްލިގެން ދިއުމުގެ ފުރުސަތު ދެވިގެން ނުވާނެެވެ. މިފަދަ ކަންކަމުން ތިމާއަށް ކުރިމަތި ވެދާނެ ގެއްލުމުން ރައްކާތެރިވުމަށް އަބަދުވެސް ހަނދާން ކުރަންޖެހެއެވެ.

އެހެންކަމުން ތިމާ ގެންގުޅޭ އަގުބޮޑެތި މުދަލަށް ސަމާލުވެ ރައްކާތެރިވުމަކީ ތިމާގެ ފަރުދީ ޒިންމާއަކަށް ހަދަން ޖެހެއެވެ. ސައިކަލު ޕާކުކޮށްފައި ދިއުމުގެ ކުރިން، ސައިކަލުން ތަޅުދަނޑި ނެގުނުތޯ ޔަގީން ކުރުމަކީ މުހިއްމު ކަމެކެވެ. މިގެ އިތުރުން މިފަދަ ކަންކަމުން މުޅި މުޖްތަމައު ސަލާމަތްވެ، ރައްކާތެރިވުމަށް މި ފަދަ މައުލޫމާތު މީހުންނާ ހިއްސާކޮށް މީހުން މި ކަންކަމަށް ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރެވިދާނެއެވެ. މިއީ ފަރުދީ ފެންވަރުގައާއި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ފެންވަރުގައި ވެސް ކުރެވިދާނެ މުހިއްމު ކަމެކެވެ. އިހަށް ނުވި ރައްކަލެއް ފަހުން ނުވެވޭނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
100%
0%
0%
0%
ކޮމެންޓް