ކ. މާލެ
|
20 ޖޫން 2021 | އާދީއްތަ 18:09
މިފަދަ އަމަލުތައް ކޮށް އެހެން މީހުންނާ އެކަން ހިއްސާ ކުރަމުންދާ މީހުންގެ އަދަދު ދަނީ އިތުރުވަމުން
މިފަދަ އަމަލުތައް ކޮށް އެހެން މީހުންނާ އެކަން ހިއްސާ ކުރަމުންދާ މީހުންގެ އަދަދު ދަނީ އިތުރުވަމުން
ރާއްޖެއެމްވީ
ޖިންސު އޮޅުވައިލަން މަސައްކަތް ކުރުން
އަންހެނުން ފިރިހެނުންނަށް، ފިރިހެނުން އަންހެނުންނަށްވުން، ލަޢުނަތް ލައްވާފައިވާ ނުބައި އަމަލެއް!
 
މިކަމުގައި ހުރި ނުބައިކަމާއި ލަޢުނަތުގެ ވާހަކަ ބުނެދީ، ހިއްސާކުރާ މީހަކީ ޒަމާނަށް ނުފެތޭ މީހެއްކަމަށް ބައެއް މީހުން ބުނޭ

މިހާރު އެންމެ ގިނަ ބަޔަކު އެބައެއްގެ ހުސްވަގުތުގައި ބޭނުން ކުރަމުން އަންނަ އެއް ސޯޝަލް މީޑިއާގެ އެޕްލިކޭޝަނަކީ 'ޓިކްޓޮކް'އެވެ. މި ޕްލެޓްފޯމުގައި އެތައް ބަޔަކު އެމީހުންނަށް ލިބިފައިވާ ތަފާތު ހުނަރުތައް ދައްކަމުންދާއިރު ބައެއް މީހުން ޓިކްޓޮކް ބޭނުން ކުރަނީ މީހުންނާ މުއާމަލާތުކުރުމާއެކު އެމީހެއްގެ ހިތުގައި ހިނގާ ޝުއޫރުތައް ވީޑިއޯއެއްގެ ޒަރިއްޔާއިން ހިއްސާ ކުރުމަށެވެ.

އަނެއްބަޔަކު މި ޕްލެޓްފޯމު ބޭނުން ކުރަނީ މުނިފޫހި ފިލުވާލުމުގެ ގޮތުންނެވެ. ދިވެހިން ވެސް ބޭނުންކުރާ މި ޕްލެޓްފޯމުގެ ނާޖާއިޒު ފައިދާ ނަގަމުންދާ މީހުން ވެސް މިއަދު މަދުން ނަމަވެސް ދަނީ ފެންނަމުންނެވެ.

ދާދިފަހުން އާންމުވި ބައެއް ވީޑިއޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. މި ވީޑިއޯތަކުގައި ފެނިގެންދަނީ ފިރިހެނަކު އަންހެން ހެދުމުގައި ހުރެ ވީޑިއޯތަކެއް ކުޅެފައިވާ މަންޒަރެވެ. ބައެއް މީހުން މިކަމަށް ފާޑުކިޔާފައިވާއިރު ގިނަ ބަޔަކަށް މިކަންވީ މަޖާކަމަކަށެވެ. މި ވީޑިއޯތައް ފޭސްބުކާއި އެހެނިހެން މީސްމީޑިއާ ޕްލެޓްފޯމްތަކުގައި ވެސް އާންމުން ހިއްސާކުރަން ފެށީ ކޮންމެހެން އޭނާއަށް ތަރުހީބު ދިނުމުގެ ގޮތަކުން ނޫނެވެ.

ނަމަވެސް މިކަމުން ހިތްވަރު ލިބިގެން އޭނާ ވަނީ އެފަދަ އެހެން ވީޑިއޯތައް ވެސް ހިއްސާކޮށްފައެވެ. އަދި ފާޑުކިޔުން އަމާޒުކުރި މީހުންނަށް އޭނާ ބުނީ އެއީ ހަމައެކަނި 'އެކްޓު' ކުރަން ކުޅުނު ވީޑިއޯއެއް ކަމަށެވެ.

ކުޑަ ދުވަސްކޮޅަކު އެވާހަކަ ދެއްކުމަށްފަހު ދިވެހިން އެކަމަށް ވެސް އާދަވިއެވެ. އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެދުން އެޅުމަކީ ބައެއް މީހުންނަށް ޒަމާނީ ކަމަކަށް ވެއްޖެއެވެ. އެއީ މާ 'ކޫލް' ކަމަކަށް ވެއްޖެއެވެ. އެކްޓު ކުރުމުގެ ނަމުގައާއި މީހުންނަށް ޖޯކުޖަހައި، ފުރައްސާރަކޮށް، މަލާމާތް ކުރުމަށް މިފަދައިން ހެނދުން އެޅުން ބައެއް މީހުންނަށް 'އޯކޭ' ކަމަކަށް ވެއްޖެއެވެ. އިތުރު އެހެން ދިވެހިން ވެސް މި ދެންނެވި ފަދައިން ހެދުންއަޅާ ވީޑިއޯތައް ކުޅޭ މަންޒަރު މަޑުމަޑުން ދަނީ އިތުރުވަމުންނެވެ. ނަމަވެސް މި އަމަލަކީ ރަސޫލާ صلى الله عليه وسلم ރުހިވަޑައިނުގަންނަވާ ކަމެކެވެ.

ރަސޫލާ ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “ފިރިހެނުންގެ ތެރެއިން އަންހެނުންނާ ވައްތަރުވެގަންނަ މީހުންނާއި، އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގަންނަ މީހުންނަށް މާތްﷲ ލަޢުނަތް ލެއްވިއެވެ.”

ހަދީޘްފުޅުގެ މާނައަށް ބަލައިލުމުން ވެސް އަންހެނުންނާ ވައްތަރުވެގަންނަ ފިރިހެނުންނާއި، އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގަންނަ އަންހެނުންނަށް ހުރި ނުބައިކަމާ ލަޢުނަތުގެ ވާހަކަ އެނގިގެންދެއެވެ.

މިކަމުގައި ހުރި ނުބައިކަމާއި ލަޢުނަތުގެ ވާހަކަ ބުނެދީ ހިއްސާކުރާ މީހަކީ ޒަމާނަށް ނުފެތޭ މީހެއް ކަމަށް ބުނެ އެމީހަކަށް ފުރައްސާ ކުރާ މީހުން ވެސް މިއަދުގެ މުޖްތަމައުގައި މަދެއް ނޫނެވެ. އަދި އެއީ މާބޮޑު ކަމަކަށް ނުހެދުމަށް ނަސޭހަތްދޭ މީހުންނާއި، އެންމެ ރަނގަޅުވާނީ އެފަދަ މީހުންނަށް އެއްޗެއް ނުބުނުން ކަމަށް ދެކޭ މީހުން ވެސް އުޅެއެވެ. ނަމަވެސް މިއީ މުޅިން ރަނގަޅު ގޮތެއް ނޫނެވެ. މީހަކު ނުބައި ކަމެއް ކުރާނަމަ ރަގަޅުގޮތް ބުނެދެވެން ވާނެއެވެ.

މި ޕްލެޓްފޯމުތައް މެދުވެރިކޮށް އޭގެ ނާޖާއިޒް ފައިދާ އެތައް ބަޔަކު ނަގަމުން ދާއިރު، މި ފަދަ މީހުންނަށް ނަސޭހަތްދީ މިކަން ހުއްޓުވާނެ މުއައްސަސާއެއް ނެތެވެ. މިކަންކަން ބަލައި މޮނިޓަރ ކުރާނެ ގޮތެއް، ކުރެވޭނެ މީހެއްވެސް ނެތެވެ. އެ ޢަމަލުތައް ކުރާ ބަޔަކަށް ހުރި ޢަޒާބުގެ ވާހަކަ ބަޔާންވެގެންވާ އެތައް އަމަލުތަކެއް، ތަފާތު އެކި އެޕްލިކޭޝަންތަކުގެ ޒަރީޢާއިން ބަޔަކު ޖަރީކުރަމުން ފަތުރަމުންދާއިރު މައްސަލަ ބަލާނެ މުއައްސަސާއެއް ނެތުމަކީ ގައުމު ފެއިލްވެފައިވާ ވަރަށް ބޮޑު ފެއިލްވުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
50%
0%
0%
25%
25%
0%
ކޮމެންޓް