ކ. މާލެ
|
14 މެއި 2017 | އާދީއްތަ 02:19
އެފްބީއައިގެ ވެރިޔާގެ މަގާމުގައި ހުންނެވި ޖޭމްސް ކޯމީ ކުއްލިއަކަށް މަގާމުން ވަކިކުރުމުން މަސްރަހު ވަނީ ހޫނުވެފައި
އެފްބީއައިގެ ވެރިޔާގެ މަގާމުގައި ހުންނެވި ޖޭމްސް ކޯމީ ކުއްލިއަކަށް މަގާމުން ވަކިކުރުމުން މަސްރަހު ވަނީ ހޫނުވެފައި
ދި އޮސްޓްރޭލިއަން
ޓްރަމްޕް-ރަޝިއާ ގުޅުން
ތަހުގީގަށް ވައިޓް ހައުސްއިން ހުރަސް އަޅާނަމަ ކޮންގްރެސްގައި މައްސަލަ ޖައްސާނަން: އެފް.ބީ.އައި
 
ގާނޫނު އަސާސީގެ ދިފާއުގައި ކުރިއަށް ގެންދާ ތަހުގީގެއް ހުއްޓުވޭނެ ގޮތެއް ނޯންނާނެ: އެފްބީއައި
 
ތަހުގީގު ހިނގަމުން ދަނިކޮށް އެޖެންސީގެ ވެރިޔާ މަގާމުން ދުރުކުރުމުން ސެނެޓަރުން ކަންބޮޑުވޭ
 
ވައިޓް ހައުސް އިން ބުނަނީ ކުރިއަށް ދާ ތަހުގީގާ މަގާމުން ވަކި ކުރުމާ ގުޅުމެއް ނެތް ކަމަށް

ޑޮނަލްޑް ޓަރަމްޕްގެ ކެމްޕޭންއަށް ރަޝިޔާއިން އެހީތެރިވެފައިވޭތޯ ބެލުމަށް އެމެރިކާގެ ތަހުގީގީ އިދާރާ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ކުރަމުންދާ ތަހުގީގަށް ވައިޓް ހައުސްއިން ހުރަސް އަޅާނަމަ ގާނޫނު ހަދާ މަޖިލިސް ނުވަތަ ކޮންގްރެސްއަށް ހުށަހަޅާނެ ކަމަށް އެފްބީއައި އިން ބުނެފިއެވެ.

އެފްބީއައި އިން މިހެން ބުނެފައިވަނީ، ރައީސް ޓްރަމްޕް އެ އޭޖެންސީގެ ވެރިޔާގެ މަގާމުގައި ހުންނެވި ޑިރެކްޓަރ ޖޭމްސް ކޯމީ މަގާމުން ދުރުކުރެއްވުމާ ގުޅިގެން މަސްރަހް ހޫނުވެފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ.

ޖޭމްސް ކޯމީ މަގާމުން ދުރުކުރުމާ ގުޅިގެން އެފްބީއައި ގެ އެކްޓިންގ ޑިރެކްޓަރގެ މަގާމުގައި މިހާރު ހުންނެވި، އެންޑްރޫ މެކަބީ ހުކުރު ދުވަހު ވިދާޅުވީ، ޓްރަމްޕްގެ ކެމްޕެއިންގައި ޝާމިލްވި ރިޕަބްލިކަން ޕާޓީގެ އޮފިޝަލުންނާއި ރަޝިއާގެ އޮފިޝަލުންނާ ގުޅުމެއް އޮތްތޯ ބެލުމަށް އެ އެޖެންސީން މިހާރު ފަށާފައިވާ ތަހުގީގަށް ވައިޓް ހައުސް އިން ނުފޫޒް ފޯރުވާނަމަ، އެމެރިކާގެ ސެނެޓްގެ ސެނެޓް އިންޓަލިޖެންސް ކޮމިޓީއަށް ޝަކުވާ ހުށަހަޅުއްވާނެ ކަމަށެވެ.

މެކަބީ ވިދާޅުވީ، މިހާތަނަށް ވައިޓް ހައުސް އިން ތަހުގީގަށް ހުރަސް އެޅުމަށް ނުވަތަ އުނދަގޫ ކުރުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ޑިރެކްޓަރ ކޯމީ މަގާމުން ވަކި ކުރުމާ ގުޅިގެން، އެފްބީއައި މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް ހުރަސް އެޅޭ ކަމަށް ކޮންގްރެސްގައި ހިމެނިވަޑައިގަންނަވާ ޑިމޮކްރަޓުން ތުހުމަތު ކުރައްވައެވެ.

އެފްބީއައި އިން ކުރިއަށް ގެންދާ މި ތަހުގީގާ ގުޅޭ ގޮތުން، މިއީ އެފްބީއައި އިން ބަލާ ކުޑަކުޑަ ކަމެއްގެ ގޮތުގައި ވައިޓް ހައުސް އިން ސިފަކޮށްފައި ވަނިކޮށް އެފްބީއައިގެ އެކްޓިންގ ޑިރެކްޓަރ ވިދާޅުވީ، މިއީ އެ އެޖެންސީ ބަލަމުންދާ ފާހަގަ ކުރެވޭ ބޮޑު މައްސަލައެއް ކަމަށެވެ.

"އަދައިގެ ގޮތަކަށް ބުނަނީނަމަ، އެފްބީއައި އިން އެމެރިކާގެ ރައްޔިތުންނާއި، ގާނޫނު އަސާސީގެ ހިމާޔަތުގައި ކުރިއަށް ގެންދާ ތަހުގީގެއް ނުހުއްޓުވޭނެ" މެކަބީ ވިދާޅުވިއެވެ.

އެފްބީއައިގެ ޑިރެކްޓަރ މަގާމުން ކުއްލިއަކަށް ދުރުކުރުމުން އެމެރިކާއަށް ބޮޑު ޝޮކެއް ލިބުނު ކަމަކަށް ވިޔަސް އެކަމާ ގުޅޭ ގޮތުން ރައީސް ޓްރަމްޕް ވިދާޅުވީ، އެފްބީއައި އޮތީ ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައި ކަމަށާއި، އެ އިދާރާގެ ޑިރެކްޓަރަކަށް ހުންނެވި ކޯމީއަކީ އެތަނުގެ ވެރިޔާގެ ގޮތުގައި ހުންނެވުމަށް ކަމުދާ ފަރާތެއް ނޫން ކަމުގައެވެ.

"އެފްބީއައި އޮތީ ބޮޑު ހަމަނުޖެހުން ގަނޑެއްގެ ތެރޭގައި، ކަލެޔަށްވެސް، އަހަންނަށްވެސް އެކަން އެނގޭ، އެންމެންނަށްވެސް އެކަން އެނގޭ" ކޯމީ ވަކި ކުރެއްވުމާ ގުޅޭ ގޮތުން ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ، ތިން ފަހަރެއްގެ މަތިން، ޓަރަމްޕްގެ މައްޗަށް އެއްވެސް ތަހުގީގެއް ހިނގަމުން ނުދާ ކަމަށް ކޯމީ ޓްރަމްޕަށް ދެންނެވި ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް އެއްވެސް ތަހުގީގެއް ހިނގަމުންދާކަން ހާމަ ކުރެވެން އޮތްނަމަ އެކަން ހާމަ ކުރެވިދާނެތޯ ކޯމީއަށް ދެންނެވި ކަމަށާއި، އޭގެ ޖަވާބުގައި އެއްވެސް ތަހުގީގެއް ހިނގަމުން ނުދާކަމަށް ކޯމީ ރައީސް ޓްރަމްޕް އަރިހުގައި ދެންނެވި ކަމަށެވެ.

ރަޝިޔާގެ އޮފިޝަލުންނާއި ރައީސް ޓްރަމްޕްގެ ކެމްޕޭން ޓީމުގެ އޮފިޝަލުންނާއި އޮތް ގުޅުމުގެ ތަހުގީގު ހިނގަމުންދާ ދަނޑިވަޅެއްގައި އެފްބީއައިގެ ޑިރެކްޓަރ ކޯމީ މަގާމުން ވަކި ކުރުމާ ގުޅިގެން ރައީސް ޓްރަމްޕަށް ޑިމޮކްރަޓިކް ޕާޓީގެ ސެނެޓަރުންނާއި ރިޕަބްލިކަން ޕާޓީގެ ބައެއް ސެނެޓަރުންގެ ފާޑު ކިޔުންތައް ވަނީ އަމާޒުވެފައެވެ.

ވައިޓް ހައުސް އިން ބުނެފައިވަނީ، ކޯމީ މަގާމުން ވަކި ކުރުމާއި ހިނގަމުންދާ ތަހުގީގާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

ނިމިގެން ދިޔަ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި އެފްބީއައިގެ ޑިރެކްޓަރ ކަމުގައި ހުންނަވައިގެން، ހިލަރީ ކްލިންޓަން ޚާރިޖީ ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު ރަސްމީ އީމޭލްތައް ފޮނުއްވުމަށް އެކަމަނާގެ އަމިއްލަފުޅު އިމޭލު ބޭނުން ކުރެއްވި ކަމަށް ކުރެވުނު ތުހުމަތުގެ ތަހުގީގާ ބެހޭ ގޮތުން، ހިލަރީއަށް ގެއްލުންވާ ގޮތައް ކޯމީ ވާހަކަ ފުޅު ދައްކަވާފައިވެއެވެ. އަދި ހިލަރީ ކްލިންޓަނަށް އިންތިޚާބު ގެއްލުމުގައި އެވާހަކަތައް ބޮޑު ދައުރެއް އަދާ ކުރި ކަމަށް ޚުދު ހިލަރީ ވިދާޅުވެފައިވެއެވެ.

ކޯމީ ދެއްކެވި ވާހަކައިން އިންތިޚާބަށް ނުފޫޒު ފޯރި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ހުސްވި ހަފްތާގައި އޭނާ ދެއްވި ބަޔާނެއްގައި އެކަމާ "ކުޑަކޮށް މެއި ނުބައިވެފައި" ހުންނެވި ކަމަށް ކޯމީ ވިދާޅުވިއެވެ. މިހެން ކޯމީ ވިދާޅުވުމުން އެކަމާ ރައީސް ޓްރަމްޕް ކޯފާ އިސްކުރެއްވި ކަމަށް ވެއެވެ. އަދި އެ ވާހަކައިގެ ސަބަބުން ސާފު އިންތިޚާބަކުން ރައީސް ކަމަށް ހޮވި ވަޑައިގެންނެވި ކަމަށް ރައީސް ޓަރަމްޕް ދެކެވަޑައިގަންނަވާ ދެކެވަޑައިގަތުމަށް ހިޔަނި އެޅޭ ކަމަށް ދިރާސާ ކުރާ ފަރަތްތަކުން ދެކެއެވެ. މީގެ އިތުރުން އިންތިޚާބުގެ ތެރޭގައި އޭރުގެ ރައީސް ބަރަކް އޮބާމާ، ޓްރަމްޕްގެ އޮފީހުގެ ދެކެވޭ ވާހަކަތައް ސިއްރުން އަޑު އެއްސެވި ކަމަށް ތުހުމަތު ކުރައްވާ ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅަށް ކޯމީ މާބޮޑު ސަމާލު ކަމެއް ނުދެއްވުންވެސް ރައީސް ޓްރަމްޕް ކޯމީއާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެންނެވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށްވެއެވެ. އަދި ހަމަ އެހެންމެ އެފްބީއައި އިން ކުރިއަށް ގެންދާ ރަޝިއާ އާ ގުޅޭ ތަހުގީގަކީވެސް ރައީސް ޓްރަމްޕް ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ތަހުގީގެއް ކަމަށް ވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް